ޝަކުވާތަކަށް ރިއާޔަތްކޮށް އަލުން ވިލިމާލެ ލޯކަލް މާރުކޭތް ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަން އެ ކައުންސިލުން ނެރުނު އިއުލާނާ ގުޅިގެން ލިބިފައިވާ ޝަކުވާތަކަށް ބަލައި އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ދެކުނުން ވިލިމާލެ ލޯކަލް މާރުކޭޓް ގޮތުގައި ތަރައްގީކުރާ ތަނުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ގޮޅި އެވެ. 1050 ރުފިޔާއަށް ގޮޅިއެއް ކުއްޔަށް ދޫކުރާ މި ގޮޅިތައް ކުއްޔަށްދެނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ އުމުރުން 18 އަހަރުން މަތީގެ މާލެ ސިޓީގައި ދިރިއުޅޭ، ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ދިވެހި ރައްޔިތުންނަށެވެ.
މި ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ހިމެނެ އެވެ.

މީގެއިތުރުން މާލެ ސިޓީގައި ހިންގާ އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ މީހަކަށް ވެގެން ނުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ސިޓީ ކައުންސިލުން ބުނީ ގޮޅިތައް ނަގާ މީހުން އެތަންތަން ފަރުމާ ކުރަންޖެހޭނީ ކައުންސިލުން ނިންމާ ގޮތަކަށް ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.













