ރާއްޖެ އާއި ހަންގޭރީއާ ދެމެދު ތިން ދާއިރާއަކުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެގޮތުން ސޮއިކުރި ތިން ދާއިރާއަކީ އިގުތިސާދީ ދާއިރާ، މަތީ ތައުލީމުގެ ދާއިރާ، އަދި ކުޅިވަރުގެ ދާއިރާއިންނެވެ.
މި އެއްބަސްވުންތަކަކީ ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން ވެވުނު ތިން އެއްބަސްވުމެވެ.
ރާއްޖޭގެ ފަރާތުން މަތީ ތައުލީމުގެ ދާއިރާއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އިގުތިސާދީ ދާއިރާއިން ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިނިސްޓަރު ސިއާޓޯގެ މި ދަތުރުފުޅު ވެގެންދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"މިއަދު ބޭއްވުނު މަޝްވަރާތަކުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެހީތެރިވުމަށް މަޝްވަރާކުރެވިފައި، އެގޮތުން ތައުލީމީ، އިގުތިސާދީ، ފަތުރުވެރިކަން، ކުޅިވަރު، ސިއްހީ އަދި މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު," މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ މި އަހަރު ޔޫކްރޭން އާއި ރަޝިޔާއާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން އެވަގުތު ޔޫކްރޭންގައި ތާށިވެފައިތިބި ދިވެހި ދަރިވަރުން އަނބުރާ ގެނައުމަށް ހަންގޭރީއިން ވެދިން އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެއާއި ހަންގޭރީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
މަތީ ތައުލީމުގެ އެއްބަސްވުން
މިއަދު ސޮއިކުރެވުނު މަތީ ތައުލީމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއިން ދިވެހި ދަރިވަރުންނަށް އަހަރަކު ދިނުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރު ކޮށްދީފަ އެވެ. އެގޮތުން 2024 ވަނަ އަހަރާ ހަމައަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ އެވެ.
ކުޅިވަރުގެ އެއްބަސްވުން
ރާއްޖެއާއި ހަންގޭރީއާ ދެމެދު ވެވުނު ސްޕޯޓްސް ޑިޕްލޮމަސީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނަށް ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކެއް ލިބިގެންދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކޯޗުން ތަމުރީނުކުރުމުގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެ އެވެ.
"ހަންގޭރީއަކީ ކުޅިވަރުގައި އެންމެ އުހުގައި ގުނާލެވޭ ގައުމެއް، އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފައިދާވާނެ ކަމާއިމެދު ޔަގީންކަން އެބައޮތް," މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
އިގުތިސާދީ އެއްބަސްވުން
އިގުތިސާދީ ދާއިރާއިން ވެވުނު އެއްބަސްވުމުގެ ދަށުން ދެގައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓު ހޯދުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިގެންދާނެ އެވެ.
މީގެ އިތުރުން މި ދާއިރާއިން ދެ ގައުމުގެ މާހިރުންނާއި އޮފިޝަލުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދެވޭނެ އެވެ.













