ރިޕޯޓުކަސްރަތު ހުއްޓައިނުލާ ކުރިއަށް ގެންދާނީ މިހެން!

ކަސްރަތު ހުއްޓައިނުލާ ކުރިއަށް ގެންދާނީ މިހެން!

"އެއްވެސް ކަމެއް ނުކޮށް އިށީނދެ އިންނަ މީހެއްގެ ގޮތުގައި އެއް ރެއެެއްގައި ހުރެފައި، ނިދާ ހޭލާ އިރު ގަވާއިދުން ކަސްރަތުކުރާ މީހަކަށްވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތަށް ވިސްނައިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައިފި ނަމަ މީހާ މާޔޫސްވުން ނޫން ކަމެއް ނުވާނެ އެވެ.

މާލޭ ޓްރެކް ސަރަހައްދުގައި ބަޔަކު ދުވަނީ: ދިރާސާތަކުން ދައްކާ ގޮތުގައި އެމީހަކަށް އުފުލޭވަރުގެ ބުރައަކުން ކަސްރަތު ކުރަން ފެށުން މުހިންމު -- ފޮޓޯ: ފައިލް
މާލޭ ޓްރެކް ސަރަހައްދުގައި ބަޔަކު ދުވަނީ: ދިރާސާތަކުން ދައްކާ ގޮތުގައި އެމީހަކަށް އުފުލޭވަރުގެ ބުރައަކުން ކަސްރަތު ކުރަން ފެށުން މުހިންމު -- ފޮޓޯ: ފައިލް

ހެނދުނުން ފެށިގެން މިވަގުތާ ހަމައަށް ހިނގައި ދިޔަ އެތައް ކަމަކާއި ކުރެވުނު އެތައް މުއާމަލާތެއް، ހިޔާލުގެ ލޮލަށް މި ފެންނަނީ ފިލްމެއްގެ މަންޒަރުތަކެއް ހެންނެވެ. އެކަމަކު މި މަންޒަރުތައް އޭގެ ވަގުތުގައި ދުށް ގޮތާއި މިހާރު މިފެންނަ ގޮތް އުޑާ ބިމާހާ ތަފާތެވެ.

"މިވެނި މީހާ އެ ހީލީ މަލާމާތުގެ ގޮތަކަށެވެ. އެވެނި މީހާ އެހެން އެބުނީ ޖެއްސުމަށެވެ. މި އެންމެން މިތިބީ މަށާ ދެކޮޅަށެވެ،" މަންޒަރުތައް ކުރިން ފެނުނީ މިފަދަ ހިތި ގޮތަކަށެވެ.

ހިޔާލުގެ ލޮލަށް ހަމަ އެ މަންޒަރުތައް މިހާރު ފެންނަ އިރު، އެފަދަ އެއްވެސް ކަމެއް ނެތެވެ. ހިނިތުންވެ ވާހަކަދެއްކި މީހާގެ ހިނިތުންވުން އިހުލާސްތެރި އެވެ. ފާޑުކިއުމުގެ ވިސްނުމަކުން ވާހަކަދެއްކި މީހާ ދިނީ ނަސޭހަތެކެވެ. އެ އެންމެން އަސްލުގައި އެތިބީ އަހަންރެންނާ އެެއްކޮޅަށެވެ.

މިއީ ގަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަން ފެށުމުގެ ނަތީޖާ އެވެ. ދުވެލި ބާރުވަމުން ގިނައިރުވަމުން އަންނަ ވަރަކަށް ވިސްނުން މިހެން ސާފުވާނެ އެވެ. އިސާހިތަކު މުޅި ސިކުނޑި ތާޒާވާނެ އެވެ. ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކަސްރަތު މުހިންމުވާ މިންވަރު މިކަމުން ވަޒަންކުރެވުނެވެ.

މިއަދު ދުވަން މި އައީ ދުވަހުގެ މަސައްކަތް މުޅީންހެން ނިމިގެންނެވެ. އެކަމަކު މިއީ އަހަރެންގެ އާއްމު އުސޫލެއް ނޫނެވެ. އާއްމު އުސޫލަކީ ފަތިހު ހޭލައިގެން، ފަތިސްނަމާދަށް ފަހު ކަސްރަތު ނިންމާފައި ދުވަސް ފެށުމެވެ. މިއަދު މިހާ ލަހުން ކަސްރަތަަށް އައީ ހިފާފައިވާ ވަރުގަދަ އާދައެއްގެ ސަބަބުންނެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި ކަސްރަތަކީ އާދައަކަށް ހަދަން މަސައްކަތްކުރި އެތައް މިލިޔަން މީހުންނެއްގެ ތެރޭގައި އަހަރެން ހިމެނުނީމަ އެވެ.

ކެއިން ބުއިމާއި ނިދުން ފަދައިން ކަސްރަތަކީ ވެސް ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން ތަކުރާރުކޮށް ބުނެ އެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހަކަމެއް ނޫނެވެ. އެމެރިކާގެ ހާވާޑް ޔުނިވާސިޓީގެ ހާވާޑް މެޑިކަލް ސްކޫލުން 2017 ވަނަ އަހަރު ޝާއިއުކުރި ލިއުމެއްގައި މިކަމަށް މަގެއް ދައްކާފައި އެބަ އޮތެވެ.

އަމިއްލަވަންތަ ކަމަކަށް ހެދުން

ދިގުމުއްދަތަކަށް ކަސްރަތު ކުރިއަށް ގެންދަން އުނދަގޫވާ އެއް ސަބަބަކީ ކުރެވޭ ވަރަށް ވުރެ ބޮޑުކޮށް މަސައްކަތް ފެށުމެވެ. ކޮންމެވެސް ވެބްސައިޓަކުން ނެގި ޕްލޭނެއް ނުވަތަ ކޯޗަކު ދިން ޕްލޭނެއް ތަންފީޒުކުރަން އުޅެ، ތިމާ އެއަށް ހިތް ނުޖެހުމެވެ.

"...އުމުރު ދުވަހު ވެސް ކަސްރަތުގައި ދެމިތިބުމަށް ޓަކައި އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ ތިބާއަށް ރަނގަޅީ ކޮން ކަމެއްކަން ދެނެގަތުމެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅެނީ ކޮން ކަމެއްތޯ ބަލާށެވެ. ޖިސްމާނީ ހާލަތާއި މާލީ ހާލަތާ ގުޅެނީ ކޮންކަމެއްތޯ ބަލާށެވެ،" ހާވާޑް މެޑިކަލް ސްކޫލްގެ ލިއުމުގައި ވެ އެވެ.

ކަސްރަތު ކުރަން ފުރަތަމަ ފެށި އިރު އަހަރެން ބޭނުންވީ ޖިމަށް ދާށެވެ. އެއީ އޭރު ބައެއް ރައްޓެހިން ދިން ލަފައެކެވެ. ވަރަށް ކުޑަ ދުވަސްކޮޅަކަށް ފަހު ޖެހުނީ ހުއްޓައިލާށެވެ. އެންމެ ބޮޑު މައްސަލައަކީ މާލޭގައި ހުރި ޖިމްތަކުގެ އަގު، އަހަރެމެންގެ އާމްދަނީއާ އެކަށީގެން ނުވުމެވެ. ވަކި ގަޑިތަކެއްގައި ދާން ޖެހުމަކީ ވެސް އޮތް ހުރަހެކެވެ. ވަޒީފާގެ މަސައްކަތް ކޮންމެ ދުވަހަކު އެއް ގަޑިއަކަށް ނުނިމޭތީ އެވެ.

މިކަންކަމަށް ވިސްނުމުން ދެ ނުކުތާއެއް ވަރަށް އަވަހަށް ފާހަގަވި އެވެ. އެއް ކަމަކީ ކަސްރަތުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ބަރޯސާ ވެވެން ނެތް ކަމެވެ. އަނެއް ކަމަކީ ވަކި ގަޑިއެއްގައި ނޫނީ ނުކުރެވޭ ފާޑު ކަސްރަތެއް ވެސް ކުރެވެން ނެތް ކަމެވެ.

ކުރާނެ ކަސްރަތަކީ ދުވުން ކަމަށް އަހަރެން ނިންމީ އެހިސާބުންނެވެ. އޭރު އެއް ބަޔަކު ބުނަމުން ދިޔައީ އަހަރެން ދުވަނީ މާ މަދުން ކަމަށެވެ. އެވަރަށް ދުވެގެން ވިރޭނެ ސަރުބީއެއް ނޯންނާނެ ކަަމަށާއި އެއީ ވަގުތު ބޭކާރުކުރުން ކަމަށް ވެސް ބުނަމުން ދިޔަ އެވެ. އޭރު ދުވެވެނީ އެހާ ވެސް ކުޑަ ވަގުތުކޮޅެއްގައި އެހާ ކުރު ރާސްތާއަކަށެވެ.

އެކަމަކު އަހަރުތަކެއް ވަންދެން އެގޮތުގައި ހިފަހައްޓައިލީމާ ދިގު ދުވުމެއް ދުވެވިދާނެކަމުގެ ޔަގީންކަން އޮތެވެ.

އަމިއްލަ ނަފުސަށް ކުޅަދާނަ ވާވަރު ބެލުން

"ކިތަންމެ ލަހުން މަސައްކަތް ނިމުނަސް މިއަދު ފަސް ކިލޯމީޓަރަށް ދުވަން ޖެހެޔޭ" ބުނެ އަމިއްލަ ނަފުސަށް މަޖުބޫރު ކުރެވިދާނެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ބަރުދަން ވަކި ވަރަކަށް ލުއިކުރަން ނުކުންނަ މީހުން އެ ހުންނަ ފޯރީގައި، ހަފުތާއެއްހާ ދުވަހު އެކަން އެކަން އެގޮތަށް ކޮށްވެސް ފާނެ އެވެ.

އެމަކު އެއީ ދިގުމުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.

އަހަރެންގެ ކަސްރަތު ފަތިހަށް ބަދަލުވީ އެފަދަ ގިނަ ތަޖުރިބާތަކަކަށް ފަހުގަ އެވެ. ފުރަތަމަ އުޅުނީ މަަސައްކަތް މުޅިން ނިމިގެން ހަވީރު ނުވަތަ ރޭގަނޑު ދުވަން ދާށެވެ. ކޮންމެ ދުވަހެއްގައި މަސަައްކަތް އޮންނަނީ އެއް ގޮތަކަށް، އަދި އެއްވަރަކަށް ވެސް ނޫނެވެ. މަަސައްކަތުން އަވަދިވާ އިރު އެހުންނަ ވަރުބަލިކަން ވެސް އެފަދަ އެވެ. ބޮޑަށް ވަރުބަލިވާ ދުވަސް ދުވަހު " އާނ ދެން މާދަމާއޭ" ބުނެ ދުވުން ކެންސަލް ކުރަން ޖެހެ އެވެ. އެންމެ ފަހުން އެ ނުދާ ދުވަސްތައް ގިނަވެ، ދުވުން މުޅީންހެން ހުއްޓުނީ އެވެ. މިއީ މަސައްކަތުގެ ވަރުބައްޔާއެކު، އަމިއްލަ ނަފުސަށް ކުޅަދާނަ ނުވާ ވަރަށް ބުރަކޮށްގެން ކަސްރަތުކުރަން އުޅުމުން ނުކުތް ނަތީޖާ އެވެ.

ދުވަހުގެ މަސައްކަތަށް ފެށުމުގެ މާކުރިން، ފަތިސް ނަމާދަށް ފަހު ކަސްރަތަށް ނުކުންނަން ފެށުމުން މި މައްސަލަަ ހައްލުވެއްޖެ އެވެ. އެހެނީ ގަދަވެ ސަލާމަތުން ހުރިއްޔާ، ފަތިހު ހޭލާ އިރު ހަކަތަ ހުންނާނީ ކޮންމެ ދުވަހަކުހެން އެއްވަރަކަށެވެ.

ލަނޑުދަނޑިތަކެއް ކަނޑައަޅާ

ކަސްރަތުކުރުމުގައި ލަނޑުދަނޑިތަކެއް ކަނޑައަޅާށޭ ބުނެފިއްޔާ ފުރަތަމަ ވެސް ހިޔާލަށް އަންނާނީ ބަރުދަނުން ވަކިވަރެއް ލުއިކުރުން، ވަކި ދުރުމިނަކަށް ވަކި އިރެއްގެ ތެރޭގައި ދުވުން ފަދަ ކަންތައްތަކެވެ. ހަވާޑް މެޑިކަލް ސްކޫލުގެ އިރުޝާދުގައި އެކަމަކު އޮތީ މިފަދަ ލަނޑުދަނޑިތަކެއް ނޫނެވެ. ކަނޑައަޅަންވީ ކަސްރަތުކުރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދާނެ ގޮތުގެ ލަނޑުދަނޑިތަކެކެވެ. މިކަމުގައި ވެސް އެކަމަކު ބަލަން ވާނީ ކުޅަދާނަވާނެ ވަރެކެވެ.

"އެއްވެސް ކަމެއް ނުކޮށް އިށީނދެ އިންނަ މީހެއްގެ ގޮތުގައި އެއް ރެއެެއްގައި ހުރެފައި، ނިދާ ހޭލާ އިރު ގަވާއިދުން ކަސްރަތުކުރާ މީހަކަށްވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތަށް ވިސްނައިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައިފި ނަމަ މީހާ މާޔޫސްވުން ނޫން ކަމެއް ނުވާނެ އެވެ.

މީގެ ބަދަލުގައި ކަނޑައަޅަންވީ ދިގުމުއްދަތެއްގައި ހާސިލުކުރެވޭ ފަދަ ލަނޑުދަނޑިތަކެވެ. މިސާލަކަށް، ހަފުތާއަކު ދެ ދުވަހު ކަސްރަތުކުރާ މީހަކަށް ވާން ފުރަތަމަ މަސައްކަތް ފަށާށެވެ. އެ ގޮތުގައި ދެމަހެއް ހާ ދުވަސް ހޭދަކުރުމަށް ފަހު ތިން ދުވަހަށް ނުވަތަ ހަތަރުދުވަހަށް ބަދަލުކުރާށެވެ.

ކަނޑަައަޅަންވީ އަނެއް ލަނޑުދަނޑިއަކީ ކިތަންމެ ފަހަރަކު މަސައްކަތް ހުއްޓުނު ކަމަށް ވިޔަސް ކަސްރަތު އަލުން ފެށުމުގެ ލަނޑުދަނޑިއެވެ.

ކުރިއެރުން ވަޒަންކުރޭ

ކަސްރަތުކުރާނެ ލަނޑުދަނޑިތައް ރަނގަޅަށް ކަނޑައެޅުމަށް ފަހު ދެން ކުރަން ޖެހޭނެ އެންމެ މުހިއްމު ކަމަކީ އެ ލަނޑުދަނޑިތައް ހާސިލުވާ ވަރު ވަޒަންކުރަން ފެށުމެވެ. ކަސްރަތަށް ނުކުންނާނެ ދުވަސްތަކުގެ އަދަދާއި މެދު ކަނޑައެޅި ލަނޑުދަނޑި ހާސިލުވަމުންދާކަން ނުވަތަ ނޫންކަން ބެލުމަށް ޓަކައި ދުވަސްތަކުގެ ރެކޯޑް ރަނގަޅަށް ބަލަހައްޓާށެވެ. ޗާޓެއްގެ އެެހީގައި އެ ރެކޯޑް ބެލެހެއްޓިދާނެ އެވެ.

ބަލައި ވަޒަންކުރަންވީ އަނެއް ކަމަކީ ބުންވަރަށް އަންނަ ބަދަލާއި ސްޕީޑަށް އަންނަ ބަދަލެވެ. ފުރަތަމަ އެއް މަސް ދުވަހުގެ ތެރޭގައި ދުވާލަކު އެއް ކިލޯމީޓަރަށް ދުވެވުނު ނަމަ ދެވަނަ މަހުގައި ދެ ކިލޯމީޓަރަށް ބަދަލުކުރާށެވެ. އިތުރުކުރި ދުރުމިނަށް ދުވަން ހޭދަވާ ވަގުތުވެސް ނޯޓުކޮށް ބަލަހައްޓަން ޖެހޭނެ އެވެ.

ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު ބޭނުންވަނީ، ހިތްވަރާއި އެމީހަކަށް އުފެލޭ މިންވަރުގެ ބުރަ ވަޒަން ކުރުމެވެ. އަދި ވެއްޓުނަސް ދެ ވަނަ ފަހަރަށް ވެސް ތެދުވެ ދުއްވައިގަނެވޭ ހާލަތަށް ސިކުނޑި ގެންދިޔުމެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox