ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.
މި ބިލް ފާސްކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިންނެވެ.
ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެ ކަމުގައި ކަނޑައަޅުއްވާފައިވެ އެވެ.
އަދި ތަހުގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭ ގޮތުން ތަހުގީގުކޮށް ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ޖަވާބު ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.
އަދި މި މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެ ކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ.














