ތެލެސީމިއާ ކުދިން ލޭ އަޅަން ކުރަން ޖެހޭ ދަތުރުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަނީ ރާއްޖޭގައި ލޭ އަޅާ ގިނަ ކުދިން ތިބި އިރު، އެކަމުގެ ތަކުލީފު އެ ކުދިން އުފުލާ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާތޯ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް އެހީވުމަށް އެންސްޕާއާ ވާހަކަ ދައްކާފައިވާ ކަމަށާއި، އެ ކުދިން ލޭ އަޅަން ކުރަން ޖެހޭ ދެކޮޅު ދަތުރުގެ ކަންކަން ސަރުކާރުން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެއީ އުނދަގޫ ކަމެއް ނަމަވެސް، ދަތުރުފަތުރުގެ ނިޒާމް ފުރިހަމަ ވެގެން ދިއުމުން އެކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަންނަ އަހަރުގެ މެދުތެރެއާ ހިސާބުގައި މެދުރާއްޖެ ތެރެއަށް ވެސް މި ހިދުމަތްތައް ލިބޭނެހެން. އެހެންވީމާ ވަރަށް ބޮޑުތަން ފަަސޭހަވެގެން ދާނެ. މިކަހަލަ އިންތިޒާމްތައް ހަމަޖެހިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް ހިދުމަތް ދެވޭކަށް ނޯންނާނެ," މިނިސްޓަރު ވިދާޅުވި އެވެ.














