ފުލުހުންގެ ތަހުގީގަށް ދޭ ބަޔާނާ ޝަރީއަތުގައި ދޭ ހެކިބަސް ދިމާނުވެ ފާޅުކަން ބޮޑުކޮށް ކޯޓުގައި ދޮގުހަދާ ފަރާތަތްކާ ދެކޮޅަށް ދޮގުހެކިބަސް ދިނުމުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ މިކަމުގެ މަގުސަދަކީ ދޮގު ހެކި ދިނުމުގެ ސަބަބުން އެކަން ރައްދުވާ ފަރާތްތަކަށް ލިބޭ ގެއްލުމާއި ބޭއިންސާފު ހުއްޓުވުން ކަމަށެވެ.
"މިގޮތަށް ސިޔާސަތު މި ބަދަލު ކުރީ ދޮގު ހެކި ދިނުމަކީ ދީނީގޮތުން ބޮޑު ފާފަޔަކަށް ވެފައި، ގާނޫނީ ގޮތުންވެސް ބޮޑު ކުށެއް. އޭގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި ގެއްލުން އެބަވޭ. ދައުލަތުން ދައުވާ މި ކުރަނީ އެމީހުން ތަހުގީގުގައި ބުނެފައި އޮންނަ ބަހުގެ މައްޗަށް،" ދޮގު ހެކިބަސް ދިނުމުގެ ސިޔާސަތަށް ބަދަލު ގެނައި ސަބަބު ތަފުސީލު ކޮށްދެއްވަމުން ޝަމީމް ވިދާޅުވި އެވެ.
ޝަމީމު އިތުރަށް ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް އިންސާފުވެރިވުމަކީވެސް ޕީޖީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މި ބަދަލާއެކު ދައުލަތުގެ އިދާރާތަކަށް ފަރާތްތަކުން ޝަރީއަތުގައި ފާޅުކަން ބޮޑުކޮށް ދޮގު ހަދައިފި ނަމަވެސް އެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރާނެ އެވެ. މީގެ ތެރޭގައި އެކި މައްސަލަތަކުގައި ޝަރީއަތުގައި ފުލުހުންގެ އޮފިޝަލުން ދޭ ހެކިބަސްވެސް ހިމެނިގެންދާނެ އެވެ.

މީގެ ކުރިންވެސް ޝަރީއަތުގައި ދޮގު ހެކިބަސް ދިނުމުގެ ބައެއް މައްސަލަތަކުގައި ދައުވާކޮށް ސާބިތުވެފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ޖަނަވަރީ މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލައިގައި އެ މަންޒަރު ނުފެންނަ ކަމަށް ކޯޓުގައި ބުނި ފަރާތެއްގެ މައްޗަށް ދައުވާކޮށް ދޮގު ހެކިބަސް ދިން ކަމަށް ވަނީ ސާބިތުވެސް ވެފަ އެވެ.
ދޮގު ހެކި ދިނުމުގެ އަދަބު
ގާނޫނުލްއުގޫބާތުގެ 520 އަދި 522 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ކުށެކެވެ. އެއީ އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގިނަވެގެން އެއް އަހަރުގެ ޖަލު ހުކުމެއް ކުރެވިދާނޭ ކުށެއްކަމަށްވެސް އެ މާއްދާތަކުގައި ކަނޑައަޅާފައި އޮވެ އެވެ.
މަރުގެ އަދަބު ނުވަތަ ހަތް އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށްތަކާ ގުޅިގެން ދޮގު ހެކިބަހެއް ދީފި ހާލަތުގައި ދޮގުހެކި ދިނުމުގެ ކުށުގެ އަދަބު ބޮޑުވެގެންދާނެ އެވެ.













