ރާއްޖޭގެ ޓެނިހުގެ މުސްތަގުބަލަށް ވެސް އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުން މުހިންމު: މަހުލޫފް

Oct 31, 2022, 9:40 AM
އިއްޔެ ޓެނިސް އެސޯސިއޭޝަނުން ބޭއްވި އިވެންޓްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ޓެނިސް އެސޯސިއޭޝަނުން ބޭއްވި އިވެންޓްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ޓެނިސް ޗެލެންޖު 2022"، ބައިނަލްއަގުވާމީ މުބާރާތަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވަން ކުރާ މަސައްކަތުގައި މުސްތަގުބަލުގައި އެތައް ގޮތަކުން ފައިދާކުރާނެ މުބާރާތެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 15-21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖްގައި ރާއްޖޭގެ އިތުރުން ފަސް ގައުމަކުން ބައިވެރިވާނެ އެވެ. އެއީ ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާ އެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖާ ގުޅޭގޮތުން އިއްޔެ ޓެނިސް އެސޯސިއޭޝަނުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ޓެނިހުގެ މި ކަހަލަ އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަކީ ޒުވާން ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އެ ގޮތުން، ހަ ގައުމެއްގެ މެދުގައި ކުޅޭ މި މުބާރާތުގައި ގާތްގަނޑަކަށް ޖުމްލަ 50 ކުޅުންތެރިންނާ ބައިވެރިވާއިރު، މިނިސްޓަރު ވަނީ މިއީ ވެސް ބޮޑު މުބާރާތެއް ކަމަށް ވިދާޅުވެފަ އެެވެ. އަދި މިއީ މި އަހަރު ތެރޭ ރާއްޖޭގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ އަށް ވަނަ ކުޅިވަރު މުބާރާތް ކަމަށްވާއިރު، ސަރުކާރުން އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އެކި ކުޅިވަރުތަކުން މި ގޮތަށް ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވިގެންދާ ކަމީ، އޭގެއިން ޖުމްލަކޮށް ކުޅިވަރަށް، އަދި ކުޅިވަރުގެ އިތުރުން އަޅުގަނޑުމެންގެ ރާއްޖެ އެކިއެކި ގޮތުން ޓުއަރިޒަމް އަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުޅިވަރު ތެރެއިން ހުޅުވިގެންދާނެ ދޮރެއް،" މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޓެނިސް އެސޯސިއޭޝަންގެ އިވެންޓްގެ ތެރެއިން މިނިސްޓަރު މަހުލޫފް އާއި ޖޫނިއާ ޓެނިސް ކުޅުންތެރިން އަދި ޓެނިސް އެސޯސިއޭޝަންގެ ވެރިން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މިސާލަކަށް ޓެނިސް މުބާރާތް ރާއްޖޭގައި ބޭއްވޭއިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓެނިހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ޒުވާން ކުޅުންތެރިން. އަޅުގަނޑު ގަބޫލުކުރަނީ މީގެ ބޭނުން ހުރިހާ ކުޅުންތެރިން ވެސް ހިފާނެ ކަމަށް. ޓެނިހަކީ ވެސް އޭގެއިން ކުރިއަށް ދެވޭނެ ކުޅިވަރެއްކަން ކުޅުންތެރިން ބެލެނިވެރިން އިތުރަށް ގަބޫލުކޮށް އެ ފުރުސަތު އޮތްކަން މީގެ ތެރެއިން އެބަ ޔަގިންކޮށްދެވޭ، އެއީ މުސްތަގުބަލެއް ހޯދަން މުހިންމު ކަމެއް،"

މަހުލޫފް ވިދާޅުވީ ޓެނިސް އެސޯސިއޭޝަންގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި މޯލްޑިވްސް އޯޕަން ލެވަލްގެ މުބާރާތެއް ބޭއްވުން ކަމަށްވާއިރު، މި ފަހަރު މި ބާއްވާ ޓެނިސް ޗެލެންޖް މުބާރާތަކީ އަންނަ އަހަރު ވެސް ބާއްވާ މުބާރާތަކަށް ވެގެންދިއުން މުހިންމު ކަމަށެވެ.

"(މޯލްޑިވްސް އޯޕަންގެ) އޭގެ ބިންގަލަކަށް މި ކަން (މި މުބާރާތް) ވެގެންދިއުން އުންމީދަކީ،" މަހުލޫފް ވިދާޅުވި އެެވެ.

މަހުލޫފް ވިދާޅުވީ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް، އަހުމަދު ނަޒީރުގެ އިސްނެންގެވުމާ އެކީގައި ޓެނިހަށް ވަރަށް ރަނގަޅު ފެސިލިޓީއެއް ލިބިފައި އެބައޮތް ކަމަށެވެ. އަދި އެ ފަދަ ވަސީލަތެއްގައި ބައިނަލްއަގުވާމީ މުބާރާތެއް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެލަން ލިބިފައިވާ ފުރުސަތުގެ ބޭނުން ދިވެހި ޒުވާން ކުޅުންތެރިން ހިފާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ ހިތްގައިމު ކަމަކަށް މި ފެންނަނީ ޒުވާން ކުޅުންތެރިންނަށް މި ކުޅެލަން ލިބޭ ފުރުސަތު. އަޅުގަނޑުމެން އެބަޖެހޭ އެ ކުޅުންތެރިންނަށް މީގެއިން ފުރުސަތު އޮތްކަން ދައްކައިދޭން، ކޮންފިޑެންސް ބިލްޑްކުރަން އިތުރު މުބާރާތްތަކެއް ވެސް އެބައޮތްކަން ދައްކައިދޭން،" މަހުލޫފް ވިދާޅުވި އެވެ.

ޓެނިސް އެސޯސިއޭޝަންގެ ރައީސް ހަފީޒް މީޑިއާ އަށް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒް ވިދާޅުވީ ރާއްޖޭގެ ލެވަލް އިންޓަނޭޝަނަލް ފެޑެރޭޝަނުން ވަނީ ބީ އަށް ބަދަލުކޮށްފައި ކަމަށެެވެ. އެހެންވުމާ އެކު ރާއްޖޭގެ ވަރަށް ގިނަ ޒުވާން ކުޅުންތެރިން ބޭރުގެ ގިނަ މުބާރާތްތަކުގައި ކުޅެން ޖެހިފައިވާކަން ހަފީޒް ފާހަގަކުރެއްވި އެވެ.

"(ބައިނަލްއަގުވާމީ އެ މުބާރާތްތަކަށް) އެ އަށް ދާން ދިއުމުގެ ބިންގަލަށް (މޯލްޑިވްސް ޗެލެންޖް) ހަދަން ބޭނުމީ، އެ (ބޭރުގެ މުބާރާތްތަކަށް) ދިއުމުގެ ކުރިން އަޅުގަނޑުމެން ބޭނުން ދިވެހިންގެ ކުރިމަތީގައި ވެސް އެ ކުުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދޭން،" ހަފީޒް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭއްވޭ މި އިންޓަނޭޝަނަލް މުބާރާތުގައި ތައިލެންޑްގެ 14 އަހަރުން ދަށުގެ އަންހެން އެއް ވަނަ އާއި ދެ ވަނަ އަށް ރޭންކް ކޮށްފައިވާ ކުޅުންތެރިން ވާދަކުރާނެ އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން މި މުބާރާތުގައި ރޭންކިން ރަނގަޅުކޮށް، ބައިނަލްއަގުވާމީ ލެވަލްގައި ކާމިޔާބު ހޯދި ކުޅުންތެރިންނަކީ ޒުވާން ގައުމީ ޗެމްޕިއަން، ނަބާ ނިޝާން އާއި ދާދި ފަހުން، ތައިލެންޑްގައި ބޭއްވި އޭޓީއެފް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރަން މެޑަލް ހޯދި ތަރި، އާރާ އާސަލް އާޒިމް އެވެ.

"އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހި ކުޅުންތެރިންނަށް ހާއްސަ ތަމްރީންތަކެއް ލިބި ބޭރުގެ މުބާރާތްތަކަށް އަހުލުވެރިކުރުމަށް ހާއްސަ ކަންތައްތަކެއް ހާސިލްކުރުން. ދެން، އަނެއް ކަމަކީ ދިވެހިންނަށް ދިވެހި ކުޅުންތެރިންނާއި ބޭރުގެ ކުޅުންތެރިން ކުޅޭތަން ފެނުން،" ރާއްޖޭގައި އިންޓަނޭޝަނަލް ޗެލެންޖް ޓެނިސް މުބާރާތެއް ބޭއްވުމުގެ މުހިންމު ކަމަށް އިޝާރާތް ކުރައްވައި، ހަފީޒް ވިދާޅުވި އެވެ.

ޓެނިސް އެސޯސިއޭޝަންގެ ދުރު ރާސްތާ ތަސައްވުރަކީ މޯލްޑިވްސް އޯޕަން ފަދަ ބޮޑު ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމެވެ. އެކަމަކު، އެ ފަދަ ހައިބަތު ބޮޑު މުބާރާތަކަށް ދިއުމުގެ ކުރިން އިންޓަނޭޝަނަލް އެހެން މުބާރާތްތައް ބާއްވައި ތަޖުރިބާ ހޯދައި، އޭގެ އަލީގައި ކަންކަން ރަނގަޅުކޮށްގެން ބޮޑު މުބާރާތަކަށް ދިއުން މުހިންމު ކަމަށް ހަފީޒް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox