މިދިޔަ އަހަރުގެ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަތް ޑްރަގުގެ ބަރުދަނުގެ 88 ޕަސެންޓަކީ ކޮކެއިން ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
މިދިޔަ އަހަރު 50 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތްއިރު މިއީ ކަސްޓަމްސްގެ ތާރީހުގައި ދެވަނައަށް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އަހަރެވެ. ވަކިން ހާއްސަކޮށް، ކުރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.
އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 48.4 ކިލޯގެ ކޮކެއިން 2021 ގައި އަތުލައިގަތެވެ. އެއަށްފަހު އެންމެ ގިނައިން އަތުލައިގަތީ ހެރޮއިން އެވެ. މެތަމްފެޓަމީން އާއި، ކެނަބިސް އަދި އެކްސްޓެސީ ވެސް އެކި މިންވަރުތަކަށް އަތުލައިގަތް ކަމަށް ކަސްޓަމްސްގެ އަހަރީ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭގެ ތެރެއިން، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ބްރެޒިލް އިންނެވެ. އެއީ، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގެ 77 ޕަސެންޓެވެ. އެފްރިކާ ބައްރުގެ އިތިއޯޕިއާ އަދި ނައިޖީރިއާ އިން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު 21.7 ކިލޯގެ ކޮކެއިން އަތުލައިގަތެވެ. އެއީ ކެނަބިސް އާއި ހެރޮއިން ނެގުމަށް ފަހު ފުލުހުން 2021 ގައި އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެވެ.

ކަސްޓަމްސްއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތީ 2016 ގަ އެވެ. އެ އަހަރު 57 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން ހިފެހެއްޓި އެވެ.













