ޗާގޯސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އދ.ގެ އާންމު މަޖިލީހަށް ހުށަހަޅާ ގަރާރަށް ރާއްޖޭން ދެކޮޅު ނުހެދުމަކީ، މިހާރު ކުރިއަށްދާ ކަނޑުގެ ސަރަހައްދުގެ އިމުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރާ އެއްވެސް ކަމަކަށް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގައިފި އެވެ.
މިކަން މޮރިޝަސް ސަރުކާރަށް އެންގިކަން ފޮރިން މިނިސްޓްރީން ހާމަކުރީ މިރޭ ދަންވަރު ނެރުނު ބަޔާނަކުންނެވެ.
އދ. އާންމު މަޖިލީހުގައި މި ގަރާރަށް ނަގާ ވޯޓުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދިނުމަށް އެއްބަސްވުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތީ ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމަށް ފަހު މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުން ވެސް އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދީ، ދެގޮތެއް ނުވެ އޮތް ސިޔާސަތެއް ކަމަށެވެ.
"މިގޮތުގެ މަތިން ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުމަށް ފަހު ދުނިޔޭގެ އެކި ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ހުރި އެތައް ގައުމެއް މިނިވަންވެ، އދ.ގެ މެންބަރުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. އަދި އެހުރިހާ މައްސަލަތަކަކަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރުތަކަކުން ވަނީ ތާއިދުކޮށްފަ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުން ކުއްޔަށް ދީގެން، އެމެރިކާގެ މިލިޓަރީ ބޭސްއެއް ގޮތުގައި މިހާރު ބޭނުންކުރާ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ އެތަން ހޯދަން މަސައްކަތްކުރާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އެގޮތުން ޗާގޯސް، ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ލަފައަކަށް އެދި 2017 ގައި ހުށަހެޅި މައްސަލައިގައި އެ ކޯޓުން 2019 ގައި ނިންމީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ.
އެ އަށް ފަހު މޮރިޝަސް އާއި އެފްރިކާގެ ގައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ހަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން މެއި 22، 2019 ގައި އދ.ގެ އާންމު މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. މި ގަރާރުގައި ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ގޮވާލާފަ އެވެ. އެ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އެހުމުން، އޭރު ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުދީފަ އެވެ.
އެ ގަރާރަށް ދެކޮޅަށް ވޯޓު ދިނީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް.) އަށް ޖުލައި 26، 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޒުކޮށް، މާޗް 24، 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ އެވެ.
މިފަހަރު ގަރާރަށް ވޯޓު ދޭން ނިންމި ސަބަބުކަމަށް ބުނެފައި ވަނީ "ދިވެހިރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް، އެފަދަ ޤައުމުތަކަށް ތާއީދުކުރުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ،" ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލަ އާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ފޮރިން މިނިސްޓްރީން ވެސް ބުނެ އެވެ.
ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އަދި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.











