ރިޕޯޓުނުގުޑާ އަޒުމަކާއި އާދަޔާ ހިލާފު ހިތްވަރެއް؛ މިއީ ސޭންޑުގެ ވާހަކަ

ނުގުޑާ އަޒުމަކާއި އާދަޔާ ހިލާފު ހިތްވަރެއް؛ މިއީ ސޭންޑުގެ ވާހަކަ

އުފެދުމުގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ އެއްވެސް އިރެއްގައި ހަޔާތާ މެދު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެވެ. "ނުވާނެ" އޭ ބުނި ކޮންމެ މީހަކަށް އޭނާ ސާބިތުކޮށްދިނީ "ކުރެވޭނެ" ކަމެވެ.

ނުގުޑާ އަޒުމަކާއި އާދަޔާ ހިލާފު ހިތްވަރެއް؛ މިއީ ސޭންޑުގެ ވާހަކަ

"އެއްވެސް ކަމެއް ނުވާނެ ކަމަކަށް ގަބޫލެއް ނުކުރަން، ކުރަން ބޭނުންވަނީ ވީހާ ވެސް އުނދަގޫ އެހެން މީހުން ނުކުރާ ކަންކަން,"

މިއީ ފުވައްމުލަކަށް އުފަން އަހްމަދު ސާނިދު ސައީދު ނުވަތަ އާންމު ނަމުން ނަމަ ސޭންޑުގެ ސިކުނޑީގައި ކުޑައިރުއްސުރެ ވެސް ބިންވަޅު ނެގިފައިވާ މޮޓޯ އެވެ. ދިރިއުޅުމުގެ އެކި މަރުހަލާގައި ކުރިމަތިވި އަޑިގުޑަންތަކުން އަރައިގެން މިއަދު އޭނާއަކީ ފިޔަ ޖަހަމުންދާ ނަމޫނާ ޒުވާނެކެވެ. ކުޅަދާނަ ފޮޓޯގްރާފަރެކެވެ. ރާޅަށް ފަރިތަ ހުނަރުވެރި ސާފަރެކެވެ. އިޖުތިމާއީ ހިދުމަތްތެރިޔެކެވެ. ޕަޑީ ސާޓިފައިޑް ޑައިވް އިންސްޓްރަކްޓަރެކެވެ.

އުފެދުމުގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ އެއްވެސް އިރެއްގައި ހަޔާތާ މެދު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެވެ. މީހުންގެ ފަރާތުން ކުރިމަތިވި މަލާމަތާއި ފުރައްސާރައާ އޭނާ ކުރިމަތިލީ އިހުތިރާމާއި ހިނިތުންވުމާ އެކު އެވެ. "ނުވާނެ" އޭ ބުނި ކޮންމެ މީހަކަށް އޭނާ ސާބިތުކޮށްދިނީ "ކުރެވޭނެ" ކަމެވެ. އެފަދަ މީހުންނާ މެދު ދުވަހަކު ވެސް ހިތްބުރަކަމެއް ނުބާއްވަ އެވެ. އޭނާ ދެކޭ ގޮތުން އެކަހަލަ މީހުންނަށް "އަދި ރަނގަޅަށް ނުވިސްނެނީ" އެވެ.

ސޭންޑުގެ މި އާދަޔާ ހިލާފު ޝަހުސިއްޔަތުގެ ފަހަތުގައި ވަނީ ނުގުޑާ އަޒުމެކެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. ހިތްވަރާ އެކު ވަރުބަލިކަމެއް ނެތި ކުރި މިންނެތް މަސައްކަތެވެ. މިއީ ސޭންޑުގެ ވާހަކަ އެވެ.

އެންމެ ފުރަތަމަ ވެސް ހިތް ޖެހުނީ މޫދަށް

ސޭންޑުގެ ވާހަކަ ދައްކާނަމަ މޫދުގެ ވާހަކަ ނުދައްކާ ވާނެ ގޮތެއް ނެތެވެ. އޭނާގެ ވާހަކަ ފެށެނީ އެ ހިސާބުންނެވެ. އެންމެ ޅައިރު ވެސް އޭނާ ބޭނުންވީ މޫދަށް ފައިބާށެވެ. އެކަމަކު، މައިންބަފައިން އޭނާއަށް އެ ފުރުސަތު ނުދެ އެވެ.

"މޫދަށް ދިޔުމަކީ ކީކޭ ބުނާނީ ... ބޮޑު ފާފައެއް ކުރުން ކަހަލަ ކަމެއް. މުޅިން މަނާކަމެއް،" ސޭންޑު ކިޔައިދިނެވެ.

އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއަކާއި، އޭނާގެ އެއް އަތް ފުރިހަމައަށް ނެތި ފަތަން ނޭނގުމަކީ މޫދުގެ އުފަލުން ޅަފަތުގައި ސޭންޑު މަހުރޫމުވި ބައެއް ސަބަބުތަކެވެ. ގޭގެ މީހަކާ އެކު އޭނާއަށް މޫދަށް ދެވެނީ މަހަކު އެއްފަހަރެވެ. ޗުއްޓީގައި މާލެ އައިސް ބައްޕަ މަސައްކަތްކުރި ސަފާރީއަށް ދާ ކޮންމެ ފަހަރަކު ވެސް އޭނާއަށް ފެންނަނީ މޫދެވެ.

މޫދަށް ކިތަންމެ އެރޭ ހިތްވި ނަމަވެސް އޭނާ ޖެހެނީ ޑައިވިނަށް ދާ ގެސްޓުން ގެންނަ ވީޑިއޯތަކުން ފުއްދާލާށެވެ. ފުރާވަރަށް އެރުމާ ހަމައަށް އޭނާއަށް އެހެން ކުދިން އުޅޭ މިނިވަންކަމުގައި އުޅެލުމުގެ ފުރުސަތު ނުލިބެ އެވެ. ރައްޓެއްސެއްގެ އަތުން ޓީޝާޓެއް ހޯދައިގެން މަންމައަށް ވަގަށް ކެޑޭޓަށް ދިޔަ ދިޔުމާ އެކު ސޭންޑަށް އޮތް ހިފެހެއްޓުން މައިންބަފައިން ދޫކޮށްލީ އެވެ. އަހަރެއް ނުވަނީސް އޭނާ ސާޖަންޓު ރޭންކަށް ޕްރޮމޯޓުވި އެވެ.

ގިރިފުށީގައި އޮތް ކެޑޭޓު ކޭމްޕަކަށް ދާން ފޮނި އުންމީދުގައި ސޭންޑު މާލެ އައި ނަމަވެސް ފުރަން އޮތް ރޭ އޮތް ކިޓު ޗެކްލިސްޓު ސެޝަނުގައި އޭނާ ކައިރީގައި އިންސްޓްރަކްޓަރުން ބުނީ އަޑުއަހަން ބޭނުންވި ވާހަކައެއް ނޫނެވެ.

"އެކަމާ ވަރަށް ދެރަވި. ފެމިލީ ހުރިހާ އެންމެން ހިތްވަރު ދިން. ރަށަށް ދިޔަ ގޮތަސް ހިތަށް އެރީ މި ހިސާބުން ސޭންޑަށް އަމުދުން ނުވާނެ އެއްވެސް ކަމެއް ނޯންނާނޭ. ކުރިން ކުރި ހިތްވަރުގެ ޑަބަލް ކޮށްގެން ކުރިއަށޭ ދާނީ،" އެ އަޒުމުގައި އޭނާ ކުރި ހިތްވަރާ އެކު ސްކޫލުގެ ގޭމްސް ކެޕްޓަންކަން އޭގެ އަނެއް އަހަރު ހޯދި ކަމަށް ސޭންޑު ބުންޏެވެ.

އޯލެވެލް ނިންމި ގޮތަށް އޭނާ ބައްޕަ ކައިރީ ބުނީ ފީނަން ބޭނުންވާ ވާހަކަ އެވެ. އަނެއްކާ ލިބުނު ޖަވާބަކީ "ނުވާނެ" އެވެ. އެކަމަކު އޭނާގެ ކުޑައިރުގައި ދެކުނު ހުވަފެނުގައި ކުލަ ޖެއްސުމަށް ސޭންޑު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"ސަފާރީގައި އުޅޭ ގޮތާއި، ބޮޑު ޓީވީގައި ބަލާނެ ވީޑިއޯތައް. ދުވަހަކު ވެސް ލޮލުން ފެނުނު މަންޒަރުތަކެއް ނޫން، ފެނުނު ކުލަތަކެއް ނޫން،" މޫދަށް ހިތްޖެހުނު ސަބަބު ޝައުގުވެރިކަމާ އެކު ސޭންޑު ކިޔައިދިނެވެ.

ގޮންޖެހުންތަކުގެ ތެރެއިން އަމިއްލަ އާމްދަނީ ހޯދި

ކިޔަވައި ނިންމުމަށް ފަހު ވަޒީފާއެއްގެ ގޮތުގައި އޭނާ އުޅުނީ އައިޓީ ޓެކްނީޝަނަކަށެވެ. އޭރުގެ ވަތަނިއްޔާގައި ވެސް އޭނާ މަސައްކަތްކުރި އެވެ. އެކަމަކު ކުޑަކޮށް މަގުން ކައްސާލައިގެން ދިޔަ ދުވަސްކޮޅެއްގައި އޭނާ ވަޒީފާއިން ކަނޑާލި އެވެ. އެއަށް ފަހު ވެސް އޭނާ ބޭނުންވީ ވަޒީފާއެކެވެ.

އެކަމަކު، އޭނާ ދެން ވަޒީފާއެއް ހޯދުމަށް ދިޔަ ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއްގެ އިންޓަވިއު ވެގެންދިޔައީ ހަޔާތުގައި ހަނދާނުން ފިލައިގެން ނުދާނެ ކަމަކަށެވެ.

"ބޮޑު މީޓިން ރޫމަކަށް ވައްދަނީ. ވައްދާފަ އިންޓްރޯއެއް ދީފަ ވަޒީފާގަ ކުރަން ޖެހޭ ކަންތައް ކިޔައިދީފި. ދެން ބުނެފިން ގާތްގަނޑަކަށް ތި ކަންތައް ކުރަން އުޅެފައޭ މިއައީ. އެހެން ބުނި އިރަށް ބުނެފި ނުވާނެ އޭ. ކަލޭ އެއް އަތެއް ނެތޯ، ޖެހޭނެޔޯ ތަންތާ މައްޗަށް އަރާ އުޅެން. މިއީ ތަންތާގެ ބޮޑެތި ކިޔަވައިގެން ތިބި މޮޅެތި މީހުން، ޑައިރެކްޓަރުން. ދެން ބޭނުން ނުވި ޒުވާބުކޮށް ޖަދަލުކުރާކަށް،"

އެއީ، ކަމެއް ކުރަން ބޭނުން ނުވެ އޭނާ "މަގުމަތީގައި" ދެ އަހަރު އުޅެން މެދުވެރިވި ސަބަބެވެ. މިއަދާ ހަމައަށް ވެސް އޭނާ ދެކެނީ އެހެންނެވެ. އެކަމަކު އޭނާ ދެކުނީ އެއީ ވެސް ފިލާވަޅެއްގެ ގޮތުގަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މަދުވެފައި ހުންނަ ބައި އެހެން ގޮތަކުން މާ ހުނަރުވެރިކޮށް ލިބިފައިވާ ބައެއް ކަމަށް ސޭންޑު ގަބޫލު ކުރެ އެވެ. އޭނާ ކުރި ތަޖުރިބާހެން އެހެން އެއްވެސް މީހެއްގެ ކުރިމަގު މަރާ ނުލުމަށް އޭނާ އެދެ އެވެ.

އެއަށް ފަހު މާލޭގައި އުޅެން ބޭނުން ނުވާތީ އޭނާ ދިޔައީ ރަށަށެވެ. އެއީ އަމިއްލަ ސަބަބުތަކެއް ވެސް ހުރުމާ އެކު އެވެ. ރަށަށް ގޮސް އުޅެނިކޮށް ޔޫޓިލިޓީސް އޮފީހުގައި އަދާކުރި ވަޒީފާ ވެގެންދިޔައީ ސޭންޑުގެ ހަޔާތް ބަދަލުކޮށްލި ވަޒީފާއަކަށެވެ.

ފޮޓޯ ނަގަން އުޅެނިކޮށް ރާޅަށް

ފޮޓޯ ނެގުމަކީ ވެސް އޭނާގެ ޝައުގު ކުޑައިރުއްސުރެ ވެސް ހުރި ކަމެކެވެ. ފޮޓޯ ސްޓޫޑިއޯއެއްގައި އޭނާގެ "ތިއްތި" އަގުހުރި ފިލާވަޅުތަކެއް ފޮޓޯ ނެގުމާ ގުޅޭގޮތުން ނަގައިދިނެވެ. ޔުޓިލިޓީސް ވަޒީފާގައި އުޅެމުން އޭރު ރާއްޖޭގައި ވަރަށް ގަދައަށް ހިނގި 'ފްލިކަ' އަށް ފޮޓޯ ލާން ސޭންޑު ފެށި އެވެ.

"ފުރަތަމަ ފޮޓޯ ލާން ފެއްޓީ އޭރު ގެންގުޅުނު ނޮކިއާ ފޯނަކުން، ރަށުގެ ރީތި ތަންތަން. ދެން ލާން ފެއްޓުމުން މީހުންގެ ޕޮޒިޓިވް ފީޑްބެކް އަބަދުވެސް އާދޭ. ބޭންކުން ކުޑަ ލޯނެއް ނަގައިގެން ކެމެރާއެއް ގަތީ. ދެން އުޅުނީ ސީނެރީ ނަގަން،" ސޭންޑު ކިޔައިދިނެވެ.

ކެމެރާ ކޮނޑު އަޅައިގެން ފޮޓޯ ނަގަމުން ގޮސް އޭނާގެ ލެންސު އަމާޒުވީ އެ ރަށުގެ މަޝްހޫރު ތޫނޑު ސަރަހައްދަށެވެ. އެ ދުވަހު އޭނާއަށް ފެނުނީ ރާޅަށް އެރި އުޅުނު ކުދިންތަކެކެވެ. ފްލިކަރަށް ފޮޓޯލާން އެ މީހުންގެ ހުއްދައާ އެކު ސޭންޑު ފޮޓޯތަކެއް ކަނޑާލި އެވެ. އެއަށް ފަހު ކޮންމެ ދުވަހަކު ވެސް ރާޅަށް ދިޔުމުގެ ކުރިން އެ ކުދިން އޭނާއަށް ސިގުނަލެއް ކޮށްލަ އެވެ.

ސޭންޑު ރާޅާ އަޅަނީ. އޭނާ ރާޅަށް ފުރަތަމަ ފޭބިއިރު ފަތަން ވެސް ނޭނގޭ
ސޭންޑު ރާޅާ އަޅަނީ. އޭނާ ރާޅަށް ފުރަތަމަ ފޭބިއިރު ފަތަން ވެސް ނޭނގޭ

ސޭންޑު ރާޅާ އަޅަނީ. އޭނާ ރާޅަށް ފުރަތަމަ ފޭބިއިރު ފަތަން ވެސް ނޭނގޭ

"އެހެން އުޅެނިކޮށް ކުއްޖަކު ބޫގީ ބޯޑާއި ފިންސު ދީފަ ބުނީ ދާންވީ ނޫންހޭ. މަ ހެސްކިޔާފަ ބިރު ގަތީ. ނޭނގޭ ފަތާކަށް. އެކަމަކު މޫދު ދެކެ ވަރަށް ލޯބިވޭ. އޭނާ ކައިރި ނުބުނަން ފާތަކަށް ނޭނގެއޭ. ބުނިން ކަލޭމެން ދާގޮތަށް ރާޅުތަކުގެ ތެރެއިން އަޑިއަށް އަހަރެންނަށް ހިޔެއް ނުވެއޭ ދެވޭނެހެން. ބުނީމަ ބުނީ އޯކޭ ވާނެއޭ،" ރާޅަށް ފޭބި ވާހަކަ ކިޔައި ދެމުން ސޭންޑު ބުންޏެވެ.

ގައިގައި ހުރި ބާރެއް ލައި ޖަހައި ޖަހައި ވަރުބަލިވެ ހާންތިވީ އިރު ވެސް ރާޅުގަނޑު ތެރެއިން ބޭރަށް ދެވޭ ގޮތެއް އޭނާއަކަށް ނުވި އެވެ. ނުވާ ކަމެއް ވަންޏާ އެކަމެއް ކޮށްފައި ހުއްޓުމުގެ އަޒުމުގައި ދެވަނަ ދުވަހު ގޮސް އޭނާ ރާޅުގަނޑު ތެރެއިން ބޭރަށް ދިޔަ އެވެ. އެހެން ގޮސް، ދެ ހަފްތާއެއް ފަހުން ރާޅުގައި ބޫގީ ބޯޑު ދުއްވައި ފޮޓޯއެއް ވެސް އޭނާ ކަނޑައިފި އެވެ.

"ރާޅުގަ ފުރަތަމަ ދުވަހު ދުއްވާލީމަ ލިބުނު ހިތްހަމަޖެހުން ނޭނގެ ކިޔައިދޭން. ބުނަން ނޭނގޭ އިހުސާސެއް ވޭ. ވަރަށް ސަޅި ކަމަކަށްވި. ކެމެރާ ދޫކޮށްލާފަ ފަހުން އުޅެނީ ރާޅުގައި،" ސޭންޑު ބުންޏެވެ.

ފުވައްމުލަކު ސާފިން އެސޯސިއޭޝަނުގެ އިވެންޓެއްގައި އޮފިޝަލުންގެ މޭޒުގައި ސޭންޑު (މ)
ފުވައްމުލަކު ސާފިން އެސޯސިއޭޝަނުގެ އިވެންޓެއްގައި އޮފިޝަލުންގެ މޭޒުގައި ސޭންޑު (މ)

ފުވައްމުލަކު ސާފިން އެސޯސިއޭޝަނުގެ އިވެންޓެއްގައި އޮފިޝަލުންގެ މޭޒުގައި ސޭންޑު (މ)

އެހެން ދުވަހަކު ރާޅާ އަޅަން އޮއްވައި ބޭންކުން ނެގި ލޯނު ދައްކައި ނުނިމެނީސް ސޭންޑުގެ ކެމެރާ ފޮނުގަނޑު ތެރޭ ލެވި ހަލާކުވި އެވެ. އެކަމަކު އެ ކެމެރާއާ ކުޅެން އުޅެނިކޮށް އެހެން ކަމެއް ވެސް [ބޮޑީބޯޑިން] ދަސްވުމުން އޭނާ އެކަމާ މެދު މާ ވަރަކަށް ފަރުވާލެއް ނުބަހައްޓަ އެވެ. އެއަށްވުރެ ހިތް ޖެހިފައި އޮތީ ރާޅަށެވެ. ބޭނުންވީ އަމިއްލަ ވަޒަނުގައި ސާފިން ކުރިއަރުވާށެވެ.

ފުވައްމުލަކު ސާފިން އެސޯސިއޭޝަނެއް ވެސް އެންމެ ފުރަތަމަ ރެޖިސްޓްރީ ކުރީ ސޭންޑުގެ މަސްއޫލުވެރިކަމުގަ އެވެ. އެކަން ވެސް "ނުވާނެ" އޭ ސޭންޑު ކައިރީ ބުނި މީހުން އެބަ ތިއްބެވެ. އެކަމަކު އޭނާއަކީ "ނުވާނެ" ހުރިހާ ކަމެއް "ވާނެ" ކަން ދައްކާ މީހެއްކަން އެމީހުންނަށް އޭރު ނޭނގެ އެވެ.

ނަޝީދުގެ ފޮޓޯގްރާފަރު ކަމުން ނޫސްވެރިކަމަށް

ފުވައްމުލަކަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެއްގެ ފޮޓޯ ނަގަން ޔުޓިލިޓީސް އޮފީހުގެ ވެރިޔާގެ ހުއްދަ ނަގައިގެން ސޭންޑު ދިޔަ އެވެ. ރައްޓެއްސެއްގެ ކެމެރާ ހިފައިގެން އެ ދުވަހު ރައީސް ނަޝީދު ވަޑައިގެންނެވި ހުރިހާ ތަނެއްގެ މަންޒަރު ވަރަށް ފުރިހަމަކޮށް އޭނާ ކުލަކޮށްދިނެވެ. އެއާ އެކު އެ ޕާޓީގެ ހަރަކާތްތައް ފޮޓޯ ނެގުމުގެ ފުރުސަތު އޭނާއަށް ފަހިވި އެވެ.

ދެވަނަ ފަހަރަށް ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނާ އެކު ސޭންޑު މާލެ ގެންދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މިއީ ސޭންޑު ދޫކޮށްލަން ބޭނުން ނުވި ފުރުސަތެކެވެ.

"މާދަމާ ފުރަން ރެޑީވާށޯ ބުނީ. އޭރު ވެސް ގަބޫލެއް ނުކުރަން. ރައީސްގެ ސެކްރެޓަރީ ރުގީ ބޭރަށް ނުކުމެލާފަ ބުނެފި ދޭށޯ އައިޑީ ކާޑު. މިއީ ސަކަރާތެއް ނޫންކަން އޭރު އެނގިއްޖެ. ބުނި ރައީސް ބޭނުންވެއޭ ސޭންޑު މާލެ ގެންދަން. [އޭރު ބޭނުންކުރަނީ] އަމިއްލަ ކެމެރާ އެކޭ ވެސް ނުބުނަން،" އެ ޒިންމާއަށް ވެސް އޭނާ ބުނީ "ވާނެ" އެވެ.

ސޭންޑު ރައީސް ނަޝީދާ އެކު. އެމަނިކުފާނުގެ ގިނަ ކެމްޕޭނު އިވެންޓުތަކެއްގެ ފޮޓޯ އޭނާ ނެގި
ސޭންޑު ރައީސް ނަޝީދާ އެކު. އެމަނިކުފާނުގެ ގިނަ ކެމްޕޭނު އިވެންޓުތަކެއްގެ ފޮޓޯ އޭނާ ނެގި

ސޭންޑު ރައީސް ނަޝީދާ އެކު. އެމަނިކުފާނުގެ ގިނަ ކެމްޕޭނު އިވެންޓުތަކެއްގެ ފޮޓޯ އޭނާ ނެގި

ކުރިމަތިލައިގެން މިއުޅެވެނީ ކޮންފަދަ ކަމަކާ ކަމެއް ކަން ވެސް އޭނާއަކަށް ނޭނގެ އެވެ. އެކަން ކުރެވޭނީތޯ ބެލުމަށް ހިތްވަރު ކުރުމަށް ނިންމައި ނަޝީދާ އެކު އޭނާ ދިޔައީ އަތޮޅު ތެރެއަށެވެ. ބޮޑު ކެމްޕޭނެއްގެ ފޮޓޯ ނެގުމުގެ ބުރަ މަސައްކަތް ފުރިހަމަ ކުރުމަށެވެ. ނަޝީދު އޭނާއަށް ދިން ފުރުސަތުގެ ބޭނުން ހިފައި ކުރިއަށްދިޔުމަށެވެ.

"ސޯލްޓުގަ އޮތް ރަސްމިއްޔާތެއްގަ ގޮވާލަފަ ރައީސް ބުނި ދެން މިކަން ވެސް ނިމުނީ ދޯ އޭ. ސޭންޑު ބުނިން އޯކޭއޭ. އެކަމަކު ރައީސް ކަމެއް ބޭނުންވެއްޖިއްޔާ ކޮންމެތާކު ހުއްޓަސް އަންނާނަމޭ ބުނިން. ވަޒީފާއެއް ލިބޭތޯ ބެލީ އެއަށްފަހު ވެސް،" ނަޝީދާ އެކު ކުރި ތަޖުރިބާ ހިއްސާކުރަމުން ސޭންޑު ކިޔައިދިނެވެ.

އޭނާ ދެން ކުރިމަތިލީ ނޫހެއްގެ ފޮޓޯގްރާފަރެއްގެ މަގާމަށެވެ. އަނެއްކާ ވެސް ހުރަހަކަށް އޮތީ ނުކުޅެދުންތެރިކަމެވެ. ސައިކަލުގެ ލައިސެންސް އޮންނަ ޖެހޭ ކަމަށް ބުންޏެވެ. ގަވާއިދުގައި އޮންނަ ގޮތުން އޭނާއަށް ލައިސެންސް ދޭން އިދާރާތަކުން ބޭނުމެއް ނުވި އެވެ. ނަމަވެސް، އޭނާއަކީ ފަރިތަކޮށް ސައިކަލު ދުއްވާ މީހެކެވެ. ސައިކަލުން އަދި ދުވަހަކު ވެސް ނުވެއްޓެ އެވެ.

އެމްޑީޕީގެ ޖަލްސާއެއްގެ ފޮޓޯ ނެގުމުގައި ސޭންޑު ހަރަކާތްތެރި ވަނީ. ސިޔާސީ ގިނަ އެއްވުންތަކެއް އޭނާ ކަވަރުކުރި
އެމްޑީޕީގެ ޖަލްސާއެއްގެ ފޮޓޯ ނެގުމުގައި ސޭންޑު ހަރަކާތްތެރި ވަނީ. ސިޔާސީ ގިނަ އެއްވުންތަކެއް އޭނާ ކަވަރުކުރި

އެމްޑީޕީގެ ޖަލްސާއެއްގެ ފޮޓޯ ނެގުމުގައި ސޭންޑު ހަރަކާތްތެރި ވަނީ. ސިޔާސީ ގިނަ އެއްވުންތަކެއް އޭނާ ކަވަރުކުރި

އަނެއްކާ ވެސް އެމްޑީޕީގެ ކެމްޕޭނަށް ފޮޓޯ ނަގަން އައުމަށް އޭނާއަށް ކޯލެއް ލިބުނެވެ. ސޭންޑު ބުނާ ގޮތުން ނަމަ "މަގެއް ނެތިފަ، ގޮތެއް ނެތިފަ ހުރި މީހަކަށް ގޮތް ހޯދައިދިން ބަޔަކަށް" ނޫނެކޭ ނުބުނެވޭނެ އެވެ. އެ ކެމްޕޭނު ނިންމާފައި ރާއްޖެ ޓީވީން ލިބުނު ފުރުސަތެއްގައި އެ ޗެނަލުގެ ފޮޓޯގްރާފަރެއްގެ ވަޒީފާ ސޭންޑު އަދާކުރަން ފެށި އެވެ.

"ފޮޓޯ ނަގަން އުޅެމުން ގޮސް ރައްޓެހި ކުދިން ކޯޓަށް ގެންދާ ހިސާބަށް ފެށީމަ މަންމަމެން އެއްބަހެއް ނުވި އިތުރަށް މަސައްކަތް ކުރާކަށް. ފަހުން ފަހުން އައިސް ކެމެރާ ހިފައިގެން ތަނެއްގައި މަޑުކޮށްލާއިރު ޕޮލިސް ބޮޑެތި ބަސް ކައިރިކޮށް ގޭންގެއް ފައިބާހެން ދިމާކޮށްލާ އެބަ،" ފޮޓޯ ޖާނަލިޒަމް ހުއްޓާލަން ޖެހުނު ސަބަބު ކިޔައިދެމުން ސޭންޑު ބުންޏެވެ.

އަމިއްލަ ރައްކަލަކަށް ވިސްނަގައިގެން ރާއްޖެ ޓީވީ ދޫކޮށް އޭނާ އަނެއްކާ ވެސް ދިޔައީ ފުވައްމުލަކަށެވެ.

ޑައިވިންގެ ހުވަފެން ހަގީގަތަކަށް

އެހެން ހުއްޓައި ޕެރަޑައިސްގެ ވޯޓާ ސްޕޯޓްސްއިން ފޮޓޯގްރާފަރެއްގެ ވަޒީފާގެ ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފައި ސޭންޑު ރިސޯޓަށް ދިޔަ އެވެ. ކަނދުރާއާ ހަމައަށް އޮތް އިސްތަށިގަނޑު ކޮށާލައި ރިސޯޓު ލައިފަށް ސޭންޑު ފިޓުވެލި އެވެ. ވޯޓާ ސްޕޯޓްސްގެ ފަންނުވެރިޔަކަށް ވުމުގެ އަޒުމުގައި ހުރި ސޭންޑު އެތަނުން ދޭ ހުރިހާ ހިދުމަތަކަށް ފަރިތަވެލި އެވެ.

"އެތާ އުޅުނު އިންސްޓްރަކްޓަރަކު ފުރަތަމަ ބީޗުގެ ހުރެފަ ބުނީ ރިޔަލުގަ ހިފަހައްޓާށޭ. ދެން ފާޑަކަށް ދެ އަތުން ހިފެހެއްޓީމަ ބުނީ ވާނެއޭ، ހިނގާށޭ ދާން. ވިންޑް ސާފް ކުރަން ދަސްވި، މަޑުން މަޑުން އިތުރު ކަންކަން ކުރަން ފެށީ. ވޭކް ބޯޑު ވެސް ވަރަށް ހާލުން ދުއްވެން ފެށި. ފްލައިބޯޑު ވެސް ކުރެވެން ފަށައިފި. ޖެޓްސްކީގެ އެނބުރުންތަކާ ގާތްގަނޑަކަށް ވޯޓާ ސްޕޯޓްސްގެ ހުރިހާ ކަމެއް ދަސްވި،" ޝައުގުވެރިކަމާ އެކު ސޭންޑު ކިޔައިދިނެވެ.

ވޯޓާ ސްޕޯޓްސްގެ ހުރިހާ ކަމެއްހެން ސޭންޑު ކުރޭ. އޭނާ ޖެޓްސްކީއެއްގައި
ވޯޓާ ސްޕޯޓްސްގެ ހުރިހާ ކަމެއްހެން ސޭންޑު ކުރޭ. އޭނާ ޖެޓްސްކީއެއްގައި

ވޯޓާ ސްޕޯޓްސްގެ ހުރިހާ ކަމެއްހެން ސޭންޑު ކުރޭ. އޭނާ ޖެޓްސްކީއެއްގައި

ރިސޯޓު ލައިފް ދޫކޮށް ސޭންޑުގެ ބޮޑުބޭބެއެއްގެ ޑައިވް ސެންޓަރުގައި ޗައިނާގެ ބަޔަކަށް ކުއްޔަށް ދީފައި ހުންނަ ޑައިވް ސެންޓަރެއްގެ ކޮމްޕްރެސަރު ބެލެހެއްޓުމުގެ ވަޒީފާ އޭނާ ފެށި އެވެ. އެއީ ބުރަ ބޮޑު މަސައްކަތެކެވެ. އެހެން އުޅެނިކޮށް އެއްޗެހި އުފުއްލައި ބަރު މަސައްކަތް ކުރަން ފެށުމުން ޑައިވިން ސެންޓަރުގެ ވަޒީފާއަކަށް ވެސް އޭނާ ފިޓުވި އެވެ.

"ދެން ފެށީ ދޯނި ކްރޫއަކަށް ދާން. ދެން ބުނެފިން އަހަރެން ވެސް ޑައިވިން ކުރަން ބޭނުމޭ. މައްސަލައެއް ނެތޭ ވާނެއޭ ބުނީ. ކުރިން މިޔަރު ދެކެ ވަރަށް ބިރު ގަނޭ. ޑީއެސްޑީއަށް ފައިބަން ޖެހެނީ ޓައިގާ ބަލަންށޭ ބުނީ. އެ ދުވަހު ޑައިވިން ކޮށްފަ އެ ދުވަހު އެތަނުން ފެނުނު މަންޒަރު، ފިލްމުން ފެންނަ ގޮތަކަށް ނޫން އެ އެއްޗެހި އުޅެނީ،" ޑައިވިންގެ ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން ސޭންޑު ކިޔައިދިނެވެ.

"އެ ހިސާބުން ހިތަށް އެރީ މިކަން ނޫން ކަމެއް ނުކުރާނަމެ. މިއޭ ކުރިއަށް ދާންވީ މަގަކީ،"

ޑައިވިން ދޯނީގައި ހުރި ސްޕެއާ ބޮކްސައަށް އެއް ކިޓު އޭނާ އިތުރަށް ލާން ފެށި އެވެ. ދަތުރުގައި އެންމެން ޑައިވަށް ފޭބުމުން އެމީހުންގެ ފަހަތުން ސޭންޑު ފެށީ ވަގަށް މޫދަށް ފައިބާށެވެ. ބޮކިތައް ބަލައިގެން މީހުން ހޯދައިގެން ގްރޫޕާ އެކު އޭނާ ޑައިވް ކުރަން ފެށި އެވެ. މަޑުމަޑުން ގެސްޓުން ވެސް ހަވާލުކޮށް ގައިޑެއްގެ ރޯލު ވެސް އޭނާ އަދާކުރަން ފެށި އެވެ.

ސޭންޑު ޓައިގާ ޝާކަކާ އެކު. ޑައިވް ކުރަން ފެށުމުގެ މިޔަރު ދެކެ އޭނާ ބިރުގަނޭ
ސޭންޑު ޓައިގާ ޝާކަކާ އެކު. ޑައިވް ކުރަން ފެށުމުގެ މިޔަރު ދެކެ އޭނާ ބިރުގަނޭ

ސޭންޑު ޓައިގާ ޝާކަކާ އެކު. ޑައިވް ކުރަން ފެށުމުގެ މިޔަރު ދެކެ އޭނާ ބިރުގަނޭ

އެ ވަޒީފާ ގެއްލި ގޮތެއް ނެތިފައި ހުއްޓައި އެކްސްޓްރީމް މޯލްޑިވްސްގެ ޑިރެކްޓަރަކު ކޮކޫން މޯލްޑިވްސްގެ ޑައިވް ސެންޓަރާ ވާހަކަ ދެއްކުމަށް ފަހު ސޭންޑަށް ދިނީ ޑައިވިން ކޯސް ހެދުމުގެ ފުރުސަތެވެ. މުސާރަ ނުދޭ ގޮތަށް ޕޮކެޓު މަނީއަކަށް އޭނާ ކޮކޫނަށް ދިޔައީ އެ ކޯސް ފުރިހަމަ ކުރުމަށެވެ. އޯޕަން ވޯޓާ، އެޑްވާންސް، އީއެފްއާރު، ފަސްޓު އެއިޑް އޭނާ ނިންމި އެވެ.

ރެސްކިއު ޑައިވިން ހަދަން ހުއްޓައި ކޮވިޑު އައިސް ރިސޯޓު ބަންދުކުރުމުން ޑައިވް މާސްޓަރަކަށް ވުމަށް ސޭންޑު ކުރަމުންދިޔަ އިންތިޒާރު ދިގުލައިގެންދިޔަ އެވެ. އެކަމަކު، ދިމާވި ކޮންމެ ކަމަކާ ވެސް ކެރިގެން ކުރިމަތިލައި ވިލިނގިލީގައި ހުންނަ މޫދުބުޅާ ޑައިވް ސެންޓަރުން ޑައިވް މާސްޓާ ހެދުމަށް ފަހު މިއަދު އޭނާ އަކީ ރިސޯޓެއްގެ ސާޓިފައިޑް ޑައިވް އިންސްޓްރަކްޓަރެއް ވެސްމެ އެވެ.

"މިދެން އެންމެ ކުރަން ބޭނުންވާ ކަންކަން ކުރަން މި ލިބެނީ. އަންޑާވޯޓާ ވީހާ ވެސް މޮޅު ފޮޓޯގްރާފަރަކަށް ވާން ބޭނުމީ. ވަރަށް ކުރަން ބޭނުންވާ ކަމެއް އެހެން ކޮންމެވެސް ގައުމެއްގަ އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަން،"

އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މުހިންމުކަން ދައްކުވައިދީފި އެވެ. ނުކުޅެދުންތެރިކަމަކީ ހުނަރާއި ގާބިލުކަމަށް އޮތް ހުރަހެއް ނޫންކަން އޭނާ އެދަނީ ހާމަކޮށްދެމުންނެވެ. "ނުވާނެ" އޭ ބުނި ކޮންމެ މީހަކަށް "ވާނެ" ކަން އޭނާ ސާބިތުކޮށްދީފި އެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox