އަންނަ މަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ޓެނިސް ޗެލެންޖު 2022" ޓެނިސް މުބާރާތަކީ މުސްތަގުބަލުގައި ރާއްޖެއިން ބޭރު މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އެޅޭ ރަނގަޅު ބިންގަލެއް ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އަހުމަދު ހަފީޒް ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 15 އިން 21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖްގައި ރާއްޖޭގެ އިތުރުން ފަސް ގައުމަކުން ބައިވެރިވާނެ އެވެ. އެއީ ސްރީލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާ އެވެ.
މޯލްޑިވްސް ޓެނިސް ޗެލެންޖްގެ ޕްރިމިއާ ބެންކް ޕާޓްނަރުކަމަށްވާ ކޮމާޝަލް ބެންކް އޮފް މޯލްޑިވްސް (ސީބީއެމް)އާ އެކު ސޮއިކުރުމަށް އޮތް ރަސްމިއްޔާތަށް ފަހު ދެއްވި އިންޓަވިއުއެއްގައި ޓެނިސް އެސޯސިއޭޝަންގެ ރައީސް ހަފީޒް ވިދާޅުވީ، ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެން ބަލާއިރު މި ފަދަ މުބާރާތެއް ވަރަށް މުހިންމު ކަމަށެވެ.
އެހެންކަމުން ވީހާވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު އަމިއްލަ ގައުމުގައި ހޯދައިދީ މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީ ހޯދަން މަގުފަހިކޮށްދިނުމަކީ މުބާރާތުގެ އެއް އަމާޒުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ޓެނިސް ކުޅުންތެރިން ބޭރަށް ގޮސް ކުޅުމުގެ ބަދަލުގައި އެމީހުން ރާއްޖެ ގެނެސް ކުޅުނީމާ. މިތަނުގައި ލިބޭ ތަމްރީންތައް ރަނގަޅުވެފައި. މުސްތަގުބަލުގައި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށްޓަކައި އެޅޭ ރަނގަޅު ބިންގަލެެއް ކަމަށް އަޅުގަނޑު ދެކެނީ." ހަފީޒް ވިދާޅުވި އެވެ.

ކޮމާޝަލް ބޭންކާއި ޓެނިސް އެސޯސިއޭޝަނުން މޯލްޑިވްސް ޓެނިސް ޗެލެންޖްގެ ސްޕޮންސަރުންގެ ގޮތުގައި ސޮއިކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި ކަހަލަ މުބާރާތަކާ އެކު ކުޅުންތެރިން އުފެއްދުމަށް ވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށާއި، ގިނަ ތަމްރީންތަކެއް ހޯދައިދޭން ބަލާއިރު މި މުބާރާތް މިއީ ރަނގަޅު ފެށުމެއް ކަމަށް ހަފީޒް ދެކިލައްވަ އެވެ. އޭނާ ވިދާޅުވީ މި ފަހަރުގެ މުބާރާތުން ލިބޭ ނަތީޖާތަކަށް ބަލައި އަންނަ އަހަރު މި މުބާރާތް އިތުރަށް ފުޅާކުރެއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
"ދެން ހުރިހާ ފަރާތްތަކުން ދޭ އެއްބާރުލުމަށްވެސް ބަލާފައި. މި މުބާރާތް މުސްތަގްބަލްގައި މުބާރާތް އިތުރަށް ފުޅާކުރަން އެބަ ވިސްނަން، އެހެންނަމަވެސް މިކަން ކުރިއަށްގެންދަން އިނގޭނީ އަޅުގަނޑުމެންނަށް ލިބޭ ނަތީޖާތަކަށް ބަލާފައި." ހަފީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މުބާރާތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދިވެހި ކުޅުންތެރިން ކުޅޭތަން ދިވެހި ސަޕޯޓަރުންނަށް ދެއްކުން ކަމަށާއި، ދިވެހި ރައްޔިތުން މެޗު ބަލަން އައުން ވެސް ވަރަށް މުހިންމު ކަމަށެވެ. ގިނަ ބަޔަކު ސަޕޯޓްކުރަން އައުމަކީ ރާއްޖޭގައި މިވަގުތު މި ކުޅިވަރުން ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއްކަމަށް ވެސް ހަފީޒް ދެކިލައްވަ އެވެ.
"ޒުވާން ކުދިންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ. އަޅުގަނޑު މެންނަށް ގިނަ ފަހަރަށް ޓެނިސް މި ފެންނަނީ ރާއްޖެއިން ބޭރުގައި އަޅުގަނޑުމެންގެ ކުޅުންތެރިން ކުޅޭތަން. އެކަމަކު މިގޮތަށް މި މުބާރާތް ބޭއްވީމަ ރާއްޖޭގެ ރައްޔިތުންނަށްވެސް މެޗުތައް ބަލާލަން ލިބޭނެ."
"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ވީހާވެސް ގިނަ މީހުން، ސަޕޯޓުކުރަން އައުމަކީ. އެއީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ. މުުބާރާތުގެ އެކި އިވެންޓުތަކުން ކާމިޔާބީތައް ހޯދަން."
ޓެނިސް އެސޯސިއޭޝަނުންވަނީ މި މުބާރާތް ބޭއްވުމަށް ދިވެހި ސަރުކާރުންނާއި ޔޫތު މިނިސްޓްރީ އިން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށްފަ އެވެ. މޯލްޑިވްސް ޓެނިސް ޗެލެންޖު 2022ގެ ކުރިން އަންނަ މަހު އޮންނާނީ 52 ވަނަ ގައުމީ ޓެނިސް މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 3-12 އަށެވެ.












