އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލަން ދިޔުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ހަތަރު ކަސްޓަމަރަކަށް ދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަން މި އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އޮގަސްޓު 2، ގައި ފެށި މި ޕްރޮމޯޝަނުގައި އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އެ ކުންފުނީގެ އާ ކަސްޓަމަރުންނަށް ވެސް ފުރުސަތު އޮންނާނެ އެވެ. ޕްރޮމޯޝަން ނިމުމުން ނަސީބުވެރިން ހޮވައި އެ ފަރާތްތަކާ އިނާމު ހަވާލުކުރާނެ އެވެ.
އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑު ކުރައްވާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރައްވާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން ލަކީ ޑްރޯގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސެމީ ފައިނަލް މެޗު ބަލަން ދިޔުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫންނެވެ. އަދި، މި ޕްރޮމޯޝަންގެ ތެރެއިން ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް މާޗެންޑައިޒް ވެސް ކަސްޓަމަރުންނަށް ލިބެ އެވެ.
އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އެވެ. ވޯލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ. އަދި ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.
އާންމުކޮށް ވޯލްޑް ކަޕް ބާއްވަނީ ހުޅަނގުގެ ގައުމުތަކުގެ ހޫނު މޫސުމާ ދިމާކޮށް ޖޫން-ޖުލައިގަ އެވެ. ނަމަވެސް ގަތަރުގައި ބާއްވާ ވާލްޑް ކަޕް ކުރިޔަށްދާނީ ނޮވެމްބަރު 21 - ޑިސެމްބަރު 18 އަށެވެ.









