ކަކުލުގައި ރިއްސާތީ ނަމާދުކުރަން ޖެހެނީ ގޮނޑީގައި އިނދެގެންނެވެ. ފައިގެ ބާރު ދެރަކަމުން މާ ދުރު ހިސާބަކަށް ހިނގުމަކީ އުނދަގޫ ކަމެކެވެ. ކުރިން ކޮށް އުޅުނު އެތައް ކަމެއް މިހާރު ކުރާކަށް ނޭނގެ އެވެ. އެއީ ހަނދާން ބަލިކަމުންނެވެ. މިއީ އުމުރުން 80 ގެ އަހަރުތައް ގުނަމުން އަންނަ ގިނަ މީހުންގެ ދިރިއުޅުމުގެ ވާހަކަ ހުންނާނެ ގޮތެވެ.
މިއީ އުމުރު މަތިވުމުން ހާލަތު އޮންނަ ގޮތޭ އެކަމަކު ބުނެވޭކަށް ނެތެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ މައްސަލައެއް މީގައި އެބަ އޮތެވެ. ގދ. ތިނަދޫ، އާރުޒޫ އަބްދުﷲ، 87، ގެ ހަރަކާތްތެރި ދިރިއުޅުމުން ލިބެނީ މި ފިލާވަޅެެވެ. ތަފާތު ބަލިތަކަށް މީހާ ހުށަހޮޅި، ދިރިއުޅުން "ސްލޯމޯޝަނަށް" ބަދަލުވަނީ އުމުރު މަތިވުމުގެ ސަބަބުން ނޫން ކަމުގެ ފިލާވަޅެވެ.
މިދިޔަ އޭޕްރިލްމަހު، އަހަރެމެން ތިނަދުއަށް ކުރި ދަތުރުގައި އަބްދުﷲގެ ވާހަކަ އަހައިގެން، އޭނާގެ ގެއަށް އަހަރެމެން ފުރަތަމަ ދިޔައީ އެއް ދުވަހެއްގެ ހަވީރުގެ ވަގުތެއްގަ އެވެ. އަބްދުﷲގެ ގެ ހުންނަ ގޯޅިއަށް އަހަރެމެންނަށް ވަދެވުނު އިރު، ބަރޯއެއް ފުރައި ވެލި އަޅައިގެން އައިސް ގޭ ދޮރުމައްޗަށް އޮއްސައިލަނީ އެވެ. އަވަސް ހަރަކާތްތަކަކާ އެކު ބަރޯ ހިފައިގެން އޭނާ އަނެއްކާވެސް ނައްޓާލީ ވެލި ބަލައިދާށެވެ.
"ގުޅާލާފައި އެހެން ދުވަހަކުން އާދޭ. މިއަދު އެއުޅެނީ ކޮންމެހެން ނިންމަން ޖެހޭ މަސައްކަތެއްގައި،" އިންޓަވިއު ހަމަޖައްސަން ވާހަކަ ދައްކައިލުމުން އަބްދުﷲގެ އަންހެނުން ޝަރީފާ ގާސިމް ބުންޏެވެ.
އަބްދުﷲގެ މަސައްކަތުގެ އަހުލާގު ހުންނަ ގޮތާއި ހަރުދަނާ އުސޫލުތައް އެކަމުން ވެސް އެނގުނެވެ. ކުރަން ހުރި ކަމެއްގެ މެދު ތެރެއިން ހުއްޓައިލާފައި އޭނާ އެހެން ކަމަކަށް ނޭނބުރޭނެ އެވެ. އޭނާގެ ހަރަކާތްތެރިކަން ހުރި ގޮތް ވެސް އެ ދުވަހު ކުރަން ހުރި މަސައްކަތުން ފެނުނެވެ. އުމުރުން އެންމެ 15 ވަރަކަށް އަހަރުން ފެށިގެން މިހައިތަނަށް ވެސް އޭނާގެ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ހޭދަކުރަނީ މިފަދައިން ހަރަކާތްތެރިކޮށް ކަން ފަހުން އެނގުނެވެ.
އަބްދުﷲ ނުވަތަ ތިނަދޫ މީހުން އާއްމުކޮށް ކިޔާ ނަމުން ނަމަ ކަލޯބެއްޔާގެ ހަރަކާތްތެރިކަމާއި ހުރި ހަކަތަ ވަޒަންކޮށްލެވުނީ، ހާއްސިއްޔަތެއްގެ ގޮތުގައި އޭނާ ކުރާ މަސައްކަތް ފޮޓޯނަގަން ދިއުމުންނެވެ. ރާވެެރިކަން އޭނާ ކުރާ ގޮތް ފޮޓޯ ނަގަން ބޭނުންވާތީ އެގޮތަށް އެކަން ރޭވޭތޯ އަހަރެމެން ވާހަކަ ދެއްކީމެވެ. އެކަމަކު އޭނާ ހުރީ ކެމެރާއަށް ހާއްސަކޮށްގެން މަސައްކަތެއް ކުރާ ގޮތަކަށް ނޫނެވެ. އެހެންވެ އަހަރެމެންނަށް ޖެހުނީ އޭނާ މަސައްކަތަށް ނުކުންނަ ވަގުތެއްގައި ގޮސް "އަސްލު މަސައްކަތް" ފޮޓޯ ނަގާށެވެ. އެކަމުގައި އެެއްވެސް ޑްރާމާއެއް ނެތެވެ.
ހަރުބަނދެފައި ހުއްޓަސް އެރުކުގެ ކުރިގަނޑަށް ދެމިގަތުމަކީ ހާދަ އުނދަގޫ ކަމެކެވެ. ރަނގަޅަށް ހަރުލައި ހުރި ފަނެއްގައި ހިފައި ދެފަން ދޭތެރެއިން އެތާ ހަމައަށް ދެމިގަތުމަށް އަމިއްލަ ހަށިގަނޑު އުފުލައިލަން ޖެހޭނީ އަތުގެ ބާރުގަ އެވެ. ރުކަށް އެރުމުގެ އެެންމެ އުނދަގޫ ބަޔަކީ މި އެވެ. ކުރިގަނޑަށް ދެމިގަތުމާއި ކުރިގަނޑުން ފޭބުމެވެ. ކަލޯބެއްޔާގެ މަސައްކަތް "އަދަދު"ގެ ފޮޓޯގްރާފަރު އަބްުދުﷲ އިޔާން ފޮޓޯ ނެގި ދުވަހު ވެސް އަދި އޭގެ ކުރިއަށް ހޭދަވީ 70 އަހަރަށް ވުރެ ދިގު މުއްދަތުގައި ވެސް ކަލޯބެއްޔާ އައީ އެ އުނދަގޫ ކަންތައް ކޮންމެ ދުވަހަކު ހެން ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ އާއްމު ހިދުމަތުގެ ޝަރަފުގެ އިނާމު، އޭނާއަށް ލިބުނީ އޭނާގެ އެ މަސައްކަތް ދައުލަތަށް ފާހަގަ ކުރެވުމުންނެވެ. ﷲގެ ރަޙުމަތުން ޢަބްދުﷲ އަށް ލިބިފައިވާ މި ދުޅަހެޔޮކަމުގެ ފަހަތުގައި އޮތީ މައިގަނޑު ދެތިން ކަމެކެވެ. އެ އިނާމު ލިބުމުން އުފާވުމުގެ އިތުރުން އޭނާއަށް އާ ހިތްވަރެއް ވެސް ލިބިއްޖެ އެވެ.
"ހަމަ ރަށުގައި ފައިޖެހޭ އިރަށް އަނެއްކާ ވެސް މަސައްކަތައިގެން ކުރިއަށްދާން ވިސްނައިގެން މިހިރީ،" އޭނާ ބުންޏެވެ.

87 އަހަރުގައި ކަލޯބެއްޔާގެ ހަރަކާތްތެރިކަމުގެ ސިއްރަކީ މިއީ!
ރޭ "އަދަދު" އަށް ދިން ކުރު އިންޓަވިއުގައި އޭނާ ބުނި ގޮތުގައި އެހެން މީހުންނަށް މަސައްކަތް ދަސްކޮށްދޭން ވެސް ދެން އޭނާ ކުރިއަށް ވުރެ ވެސް ބޮޑަށް މަަސައްކަތް ކުރާނެ އެވެ. މަސައްކަތް ދަސްކުރަން އެދިގެން އަންނަ މީހަކަށް އެ މަސައްކަތް ކިޔައި ދިނުމަކީ ކުރިން ވެސް އޭނާ ކުރާ ކަމެކެެވެ.
"ދަސްކުރަން ބޭނުންވާ އެހެން މީހުންނަށް މަސައްކަތް ކިޔައިދޭން ވަރަށް އިސްކަން ދޭނަން،" އަބްދުﷲ ބުންޏެވެ.
ރާވެރިކަމަކީ މިހާރު ރާއްޖޭން ނެތެމުންދާ މަސައްކަތެކެވެ. އެހެންވީމާ އެހެން ބަޔަކަށް އެ މަަސައްކަތް ދަސްކޮށްދިނުމުގެ މުހިއްމުކަން މިހާރު މިއޮތީ ވަރަށް ބޮޑުވެފަ އެވެ.
އަވަހަށް ދުވަސް ފެށުމާއި އަވަހަށް ނިންމައިލުން
މިދިޔަ އޭޕްރިލް މަހު އަހަރެމެން ކުރި އިންޓަވިއުގައި އަބްދުﷲގެ އަންހެނުން ޝަރީފާ ގާސިމް ބުނި ގޮތުގައި އަބްދުﷲ އަކީ ވަރަށް ފަތިހާ ހޭލާ މީހެކެވެ. އޭނާ އާއްމު ގޮތެއްގައި ފަތިސްނަމާދުގެ ޖަމާއަތަށް މިސްކިތަށް ދާނެ އެވެ. ނަމާދަށް ފަހު މިސްކިތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އިރު އަރާ އިރު އޭނާ ހުންނާނީ މަސައްކަތަށް ނުކުމެ އެވެ.
ރައިވެރިކަމުގައި އޭނާ ކުރަން ޖެހޭ ކޮންމެވެސް މަސައްކަތެއް ހެނދުނު ސައިގެ މާކުރިން ކުރާނެ އެވެ. ދުޅަހެޔޮކަމާއި ކަސްރަތާ ބެހޭ ގޮތުން މިޒަމާނުގައި ކޮށްފައި ހުރި ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ސަރުބީ ނުޖަހައި، ލޫޅާފަތިކޮށް ހުރުމަށް އެއީ ވަރަށް މުހިއްމު ކަމެކެވެ. ހެނދުނު ހުސްބަނޑާ ހުރެ ކަސްރަތު ކުރުމަކީ ކަސްރަތުގެ ފައިދާ އެންމެ ބޮޑަށް ހޯދޭނެ ގޮތެވެ.
އަވަހަށް ހޭލުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ނެރޭ "ޖޭއެމްއޭ ސައިކޭޓްރީ" ޖާނަލްގައި 2016 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން އެނގުނު ގޮތުގައި ފަތިހު ހޭލުމަކީ ނަފުސާނީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އަރައިގެން އަންނަ އިރާ އެކު އެދޭ ފައިދާ ހުރި އަވީގައި ޖެހުމާއި އެ ވަގުތު ގެއިން ބޭރަށް ނުކުމެލުމަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމެވެ. އަބްދުﷲ އެއާދަ ދެމެހެއްޓީ ދިރިއުޅުމުގެ ވައްޓަފާޅީގެ ގޮތުގަ އެވެ.
ޝަރީފާ އާއި އަބްދުﷲ ދަންނަ އެހެން މީހުން ވެސް ބުނި ގޮތުގައި އިރު އޮއްސުމަށް ފަހަކު އޭނާ އެއްވެސް މަސައްކަތެއް ނުކުރާނެ އެވެ. ފަތިހު އަވަހަށް ދުވަސް ފަށާހެން، އިރު އޮއްސޭ އިރު އޭނާގެ ދުވަހު މަސައްކަތް އޮންނާނީ ނިމިފަ އެވެ. މަޣުރިބު ނަމާދަށް މިސްކިތަށް ދިއުމަށް ފަހު އެނބުރި ގެއަށް އަންނާނީ އިޝާނަމާދު ވެސް ކޮށްގެންނެވެ. ދެ ނަމާދު ދޭތެރޭގައި އޭނާ އިންނާނީ ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި މިސްކިތުގަ އެވެ.
އިޝާ ނަމާދަށް ފަހުގައި އޭނާ ހޭލައެއް ނޫޅޭނެ އެވެ.
މިއީ ވެސް ސިއްހީ ނަޒަރަކުން ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ރޫހާނީ ދުޅަހެޔޮކަން (ދީނީ ގޮތުން ހަރަކާތްތެރިކަން ދެމެހެއްޓުން) އެއީ ވެސް ނަފުސާނީ ދުޅަހެޔޮކަމަށް ޓަކައި ވަރަށް މުހިއްމު ކަމެކެވެ.
މަދު އެތިކޮޅެއް، ގަޑިންގަޑިއަށް ކެއުން
އަބްދުﷲ އަކީ ވަރަށް މަދު އެތިކޮޅެއް ކާމީހެއްކަން އޭނާއަށް ބަލައިލުމުން ވެސް އެނގެ އެވެ. އެ އުމުރުގެ އެހެން އެތައް ބަޔަކާ ހިލާފަށް އޭނާ ހުންނަނީ ވަރަށް ހިކިކޮށް މިޒަމާނުގެ ބަހުރުވައިން ބުނާ ނަމަ "އެތުލެޓިކް"ކޮށެވެ.
ޝަރީފާގެ ވާހަކައިން އެނގުނު ގޮތުގައި އަބްދުﷲ ގެ ކެއުމުގެ އާދަތައް ވަރަށް ރަނގަޅެވެ. ގަޑިގަޑިއަށް ކެއުމަކީ އޭނާ ހިފަހައްޓާ އެއް އުސޫލެވެ. އަނެއް އުސޫލަކީ ކާ ވަގުތެއްގައި ވަރަށް މަދު އެތިކޮޅެއް ނޫނީ ނުކެއުމެވެ. ކެއުމުގައި ހިމަނަނީ ވެސް އިހުގެ ދިވެހިންގެ ކެއުމުގައި ހިމެނޭ ބައިތަކެވެ.












