މީގެ 63 އަހަރު ކުރިން މަޖީދީމަގުގައި ހުންނަ އާގަރާ ގޯތީގެ ބިމުގައި އިމާރާތްކުރެވުނު އޮލިމްޕަހަކީ އޭރު މުޅިރާއްޖޭގައި ވެސް ހުރި އެއްމެ ފުރިހަމަ ބިނާ އެވެ. އިމާރާތްތަކުގެ "ރަސްގެފާނު" ގެ ގޮތުގައި ބެލުނު އެ ބިނާ އަކީ ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އެތައް ގޮތަކުން އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތަނެކެވެ.
އޭރުގެ ނޫސް މަޖައްލާތަކުގައި އެތަން ސިފަ ކޮށްދީފައި ހުރީ ވެސް އެހާމެ ފުރިހަމަކޮށެވެ. ނަމަވެސް ތާރީހުގައި އެތަނުގެ ވާހަކަ ގެނެސްދީފައި ހުރި ގޮތާއި މިއަދު ފެންނަން ހުރި މަންޒަރު ވަރަށް ތަފާތެވެ. އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓި ދޫކޮށްލާފައި ހުރި އެ އިމާރާތް މިއަދު ހުރީ ބާވެ މުސްކުޅިވެފަ އެވެ. އެހެނަސް މަރުގެ ތުންފަތް މަތީގައި އޮތް ދިވެހި ފިލްމީ ދާއިރާއަށް ކިރިޔާ ވެސް ނޭވާއެއް ލެވެނީ އެ އިމާރާތުގެ ސަބަބުންނެވެ. މާބޮޑު އެއްބާރުލުމެއް ނުލިބޭ ދިވެހި ފިލްމީ ދާއިރާ މިއަދާ ހަމައަށް ވަޅު ނުޖެހި އޮތީ ވެސް އެ އިމާރާތުގެ އެހީގަ އެވެ.

އޮލިމްޕަހުގެ އިހުގެ ފޮޓޯއެއް. -- ފޮޓޯ: ފައިލް
އޮލިމްޕަހުގައި ބޮޑުތަޅެއް
މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެ ހުއްޓުވާލި އާލަމީ ވަބާއެކެވެ. އެ ބަލިމަޑުކަމުން އަރައިގަތުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުންކޮށް، ކަމާބެހޭ ފަރާތްތަކުން އަޅަމުންދިޔަ ފިޔަވަޅު ތަކުގެ ތެރެއިން އޭރު އޮލިމްޕަހުގައި ވެސް ބޮޑުތަޅު އެޅުވުނެވެ. އެއާއެކު "ބަލި އެނދުގައި" އޮތް ދިވެހި ފިލްމީ އިންޑަސްޓްރީ އަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވި އެވެ. އޭރު ދިވެހި ބައެއް ޕުރޮޑަކްޝަން ހައުސްތަކުން އޮތީ ފިލްމު އެޅުވުމަށް ބުކިން ހަދައި އެޑްވާންސްކޮށް ފައިސާ ވެސް ދައްކާފަ އެވެ.
"ޖުލައި 1 [2020] ގައި ފިލްމު އަޅުވަންވެގެން އަޅުގަނޑުމެން މަސައްކަތް ކުރީ؛ ފިލްމަށް އެޑްވާންސް ދައްކާ ހުރިހާ ކަމެއްވެސް [އޭރު] ނިމިފައި އޮތީ،" ލޮކްޑައުން ކުރުމުގެ ކުރިން ކަން ހިނގައި ދިޔަ ގޮތް ކިޔައިދެމުން ރާއްޖޭގެ މަޝްހޫރު ޕުރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ވެރިޔާ މުހައްމަދު "މޮގާ" އަލީ 'އަދަދު' ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ކޮވިޑުގެ ވަބާގައި ޖެހި މުޅި ދުނިޔެއާއެކު ދިވެހި ފިލްމީ އިންޑަސްޓްރީއަށް ވެސް ހުއްޓުން އެރިއިރު، އެ އިންޑަސްޓްރީ މަރުވިޔަ ނުދިނުމަށްޓަކައި ދިވެހި ޕުރޮޑަކްޝަން ހައުސްތަކުން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. ބޮޑެތި ގުރުބާނީތަކެއްވި އެވެ.
"އަޅުގަނޑުމެން ހުއްޓިއްޖެއްޔާ ގާތްގަނޑަކަށް 50 ވަރަކަށް މީހުން [ފަންނާނުން] ހުއްޓޭނެ. އޭރުން އެމީހުން ފުނޑިގެން ދާނެ [ދާއިރާ ދޫކޮށްލާނެ]. އެމީހުން ފުނޑިއްޖެއްޔާ އަހަރުމެން ވެސް ފުނޑޭނެ. ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟" އަމިއްލަ ޖީބުން، ގެއްލުމުގައި ވެސް ފަންނާނުންނަށް އުޖޫރަ ދިނުމަށް މަޖުބޫރުވި ގޮތް ކިޔައިދެމުން މުހައްމަދު އަލީ ވިދާޅުވި އެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް އަނެއްކާވެސް ބަންދު!
އެ ގޮތުގައި ގާތްގަނޑަކަށް އަހަރު ދުވަސް ވޭތުވުމަށްފަހު، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެވި މުޅި ދުނިޔެ ހުޅުވާލިއިރު ވެސް އޮލިމްޕަސް އޮތީ "ފުލް ލޮކްޑައުން" ގަ އެވެ. ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދީ، ޖުލައި، 2021 ގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު އަނެއްކާ ވެސް އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތްތަކެއް ފެށި، އޮލިމްޕަސް ހުޅުވުން ލަސް ކުރި އެވެ.
ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ އޮލިމްޕަސް ދުވަސްވެ، ބާވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކެއް ހުރުމުން ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ފެށި އެ މަސައްކަތް ވީ، ކޮވިޑު ވަބާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ދިވެހި ފަންނާނުންނާއި ޕުރޮޑިއުސަރުންގެ ރިހޭ ފައި މައްޗަށް ވެއްޓުނު ފަދަ ކަމަކަށެވެ. އެއާއެކު ރާއްޖޭގައި ހަމައެކަނި ދިވެހި ފިލްމަށް ހާއްސަ ކުރެވިފައިވާ ސިނަމާގައި ފިލްމު އެޅުވުމުގެ އިންތިޒާރުގައި ތިބި ޕުރޮޑިއުސަރުންނަށް އަނެއްކާވެސް ޖެހުނީ ދަތްދޮޅީގައި އަތް ވިއްދާލައިގެން ތިބޭށެވެ. މަރާމާތުތަކަށް ފަހު، އެ އަހަރުގެ ސެޕްޓެމްބަރުގައި އޮލިމްޕަސް ހުޅުވޭނެ ކަމުގެ އުއްމީދުގަ އެވެ.
ނިމުން ނެތް އިންތިޒާރެއްގެ ފެށުން
ނަމަވެސް އެ އިންތިޒާރު އަނެއްކާވެސް ދިގުލައިގެން ދިޔައީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އިންޑިއާއިން ހިލޭ އެހީ ދިން ހިސާބުންނެވެ. އާ ސްކްރީނެއް ބެހެއްޓުމާއި، ހޯލުގެ އެކޯސްޓިކް ޓުރީޓުމަންޓު ހަދައި، ޒަމާނީ ސައުންޑު އަދި ލައިޓިން ސިސްޓަމެއް ގާއިމު ކުރުމަށް ފެށި އެ މަސައްކަތާއެކު އެ ސިނަމާ ހުޅުވުން އަނެއްކާ ވެސް އެއް އަހަރަށް ފަސް ކުރި އެވެ. އެ ނިންމުމާއެކު ކޮވިޑުގެ ސަބަބުން ވެއްޓުނު އަޑިގަނޑުގައި އޮތް ދިވެހި ފިލްމު އިންޑަސްޓްރީ، ފަސްއެޅި ފޮރުވިދާނެ ކަމާމެދު ވެސް، އެ މަސައްކަތް ކުރާ މީހުން ސުވާލު އުފެއްދި އެވެ.
ބޮޑެތި ބަދަލުތަކަކާއެކު މި އަހަރުގެ ޖޫން މަހު ފަހުކޮޅު އޮލިމްޕަސް ހުޅުވުމަށް އަމާޒު ހިފައިގެން އެންސީއޭއިން މަސައްކަތް ފެށި ނަމަވެސް މަސައްކަތަށް ބޭނުންވާ ބައެއް ސާމާނަކީ ރާއްޖޭން ބޭރުން ގެންނަ ސާމާނުތަކެއް ކަމަށްވެފައި އެކަމުގައި އެންސީއޭއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން ދެންވެސް ޖެހުނީ އޮލިމްޕަސް ހުޅުވުން "ޑިލޭ" ކުރާށެވެ.
"މިދިޔަ މާޗު މަހު އަޅުގަނޑުމެން ހަވާލު ކުރީ ބަޔަކާ ޖޫން މަހު އެކޯސްޓިކް ސާމާނު ގެންނަން. ޖޫން މަސް ނިމުނީމަ އެބޭފުޅުންނަށް ގުޅީމަ ބުނީ ގެނެވޭކަށް ނެތޭ. ދެން އަޅުގަނޑުމެން ޖެހިގެން އައި ޖުލައި މަހު އެސްޓީއޯއާ ހަވާލު ކުރީ،" މަސައްކަތް ލަސްވުމަށް މެދުވެރިވި ސަބަބު އޮޅުންފިލުވައިދެއްވަމުން އެންސީއޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒް ވިދާޅުވި އެވެ.

މިހާރުގެ އޮލިމްޕަސް. އަދިވެސް ހުޅުވޭނެ ދުވަހެއް ނޭނގެ. -- ފޮޓޯ: އޮލިމްޕަސް
ކޮވިޑުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އެރި ލޮޅުން މުޅިން ހަމަޖެހިފައި ނުވުމާއި އޮލިމްޕަހަށް ގެންނަން ޖެހޭ މުދާ ގެނައުމުގައި ކުރިމަތިވި ދަތިތަކާ އެކު ޖޫން މަސް ވެސް ފަހަނައަޅައި ދިޔުމުން ދެން އެންސީއޭއިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހަށް އެތަން ހުޅުވަން މަސައްކަތް ކުރާނެ ކަމަށެވެ. ބޮޑު ސްކްރީނުގައި ފިލްމެއް ނޭޅުވި ދެ އަހަރު ފާއިތުވެގެން ދިއުންވީ ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ.
"...ގަބޫލެއް ނުކުރަން މިހާ ދިގުލައިގެން ދާންޖެހޭ ކަމެއް ކަމަކަށް މިއީ، ވަރަށް ސުލޯކޮށް ދަނީ. އަސްލު ބުނާނީ ހަމަ ތަންތަނަށް ލާފައި ތިބޭ މީހުންނަށް ޒިންމާ ނުނެގެނިއްޔޭ،" ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަން ޝިވާޒް "މާސްކޭ" އަބްދުﷲ 'އަދަދު' އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޮލިމްޕަހުގައި ތަޅު އެޅުވިތާ ދެ އަހަރު ފާއިތުވެގެން ދިއުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެގޮތުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރި އެވެ. އަދި މިއަހަރުގެ ޖޫން 29، ގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ސޮއިކޮށް އޮލިމްޕަހުގެ މަސައްކަތް ނިމޭނެ ދުވަހަކީ ކޮބައިތޯ އާއި އެ ސިނަމާގެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅި އެވެ.
މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެ މަތީން އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ޖެހިގެން އައި އޯގަސްޓު 23، ގައި މިނިސްޓާ އޮފް އާޓްސް، ޔުމްނާ މައުމޫނަށް މަޖިލީހުން ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ސެޕްޓެމްބަރު 5، ގައި މިނިސްޓަރީން މަޖިލީހަށް ފޮނުވި ޖަވާބުގައި ބުނީ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސް ސިނަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މި ހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށާއި އެތަނުގެ ބައެއް މަސައްކަތްތައް ކުރަން އާންމުކޮށް އިއުލާނުކޮށްގެން ބަޔަކު ނުލިބުމުން އެކި މަސައްކަތްތައް ސިންގަލް ސޯސް އުސޫލުން އެކި ފަރާތްތަކާ މުއްދަތު ކަނޑައަޅާފައި ހަވާލުކޮށްފައިވާ ކަމަށެވެ.
ބަދަލު މިވީ އިބިލީހުގެ ކައިވެންޏަށް؟
އެހެންނަމަވެސް މިނިސްޓަރީން ބުނި ގޮތަށް މިއަންނަ މަހު އޮލިމްޕަސް ހުޅުވޭނެތޯ މި ނޫހުން އެންސީއޭއާ ސުވާލުކުރުމުން ބުނީ އެ ތާރީހުގައި ވެސް އެތަން ނުހުޅުވޭނެ ކަމަށެވެ.
"އޮކްޓޯބަރު މަހުގެ ނިޔަލަކަށް ނުހުޅުވޭނެ. ވަޒީރަކަށް މަޖިލީހުން އެންގީމަ ދެން ލަފާ ކުރެވޭ ތާރީހެއް ބުނަން ޖެހޭނެ ދެއްތޯ؟ މި ހިނގާ މަހުގެ 16 ވަނަ ދުވަހު ޗައިނާ ކޮޅުން [ރާއްޖެ] ވަންނާނެ ކަމަށް ޗައިނާ ކޮޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދިން އެކޯސްޓިކް މެޓީރިއަލް ހުރި ދެ ކޮންޓޭނަރު. އެއަށް ބަރޯސާވެގެން އަސްލު ތާރީހެއް ލަފާ ކުރީ،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާއިން ވަކި ތާރީހެއްގައި އެ ބޯޓު ރާއްޖެ ވަންނާނެ ކަމަށް ބުނި ނަމަވެސް ގަވާއިދު އޮންނަ ގޮތުން ބޯޓު ބަނދަރަށް ކައިރިކުރުމާއި ނައްޓާލުން އޮންނަނީ އެ ޝިޕިން ލައިނާއެއްގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން މިހާރު މެލޭޝިއާގައި އޮތް ބޯޓު މާލެއަށް ފޯރާނެ ކަމަށް ލަފާ ކުރެވެނީ ނޮވެމްބަރު 4، ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ހަގީގަތުގައި ވަކި ޑޭޓެއް ދޭކަށް. އެއީ އެބުނާ ދުވަހެއްގައި އެ ބޯޓު މާލެ ވަނަސް ވެސް އަދި ނޭނގެ [ބޯޓުގެ] ކިހާ ހިސާބެއްގައި ކަމެއް ކޮންޓޭނަރު އިންނާނީ. ކަސްޓަމުން ތިބީ އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން. އެދުވަހުން ދުވަހަށް ކޮންޓޭނަރު ކުލިއާ ކޮށްދޭން ވެސް ތައްޔާރަށް. [އެކަމަކު] އަދި އެތަނުން އޮލިމްޕަހާ ހަމައަށް ގެނެވުނީމަތާ މަސައްކަތް ފެށޭނީ؟،" އިންސްޓޮލޭޝަނަށް ބޭނުންވާ މީހުން ނަގައި ތައްޔާރަށް ތިބިކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވި އެވެ.
ކޮންމެއަކަސް، ކޮންމެ ސަބަބަކާ ލައިގެން ކަމުގައިވިޔަސް އެތައް މިލިއަނަކުން ހަރަދުކޮށްފައި ހުރި ދިވެހި އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ނުގެނެވި އަތުގައި ބަހައްޓައިގެން ތިބެން ޖެހުން އެއީ މުއާޒު ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ފިލްމީ ދާއިރާއަށް ބޮޑެތޮ ގެއްލުންތަކެއް ވާނެ ކަމެކެވެ. އޭނާ ވިދާޅުވީ ފިލްމެއް ހަދައިގެން އެ ސިނަމާގައި ނޭޅުވި ތިބުން އެއީ ފިހާރައަކަށް މުދާ ލާފައި ނުހުޅުވާ ބެހެއްޓުން ކަހަލަ ކަމެއް ކަމަށެވެ.
އޮލިމްޕަސް ހުޅުވުން ދެ އަހަރަށް ވުރެ ދިގުލައިގެން ދިޔައިރު ފާހަގަވާ އަނެއް ކަމަކީ އެ ބޮޑު އިމާރާތަކީ މިއަށްވުރެ މާ ވަސީލަތްތައް މަދު ޒަމާނެއްގައި، 1957 ވަނަ އަހަރު ފަށައި، އެންމެ ދެ އަހަރު ތެރޭގައި އިމާރާތްކޮށް ނިންމާފައި ހުރި ތަނެއް ކަމެވެ. އެ މަސައްކަތް ކުރީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެޗް.އެސް އާޓިސަންސް ކުންފުނިންނެވެ.
މިނިސްޓަރީއިން ރަސްމީކޮށް މަޖިލީހަށް އެރުވި ތާރީހު ފަހަނައަޅައި ދާން ހަފްތާއަކަށް ވެފައި ވާއިރު، މިވަގުތާ ހަމައަށް މުޅީން ނިންމައި ސިނަމާގައި އެޅުވުމަށް ތައްޔާރުކޮށްފައިވާ އަށެއްކަ ފިލްމު އެބައޮތް ކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ޑާކް ރެއިންގެ ތިން ފިލްމު ހިމެނެ އެވެ.
"ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ މަސައްކަތް އަޅުގަނޑުމެން ޑާކް ރެއިންއިން ކޮށްފައި ހުރީ އިނގޭތޯ؟ މި އެއްޗެހި ނޭޅުވިގެން ވާ ގެއްލުމަކީ އެބޭފުޅުންގެ އެއްވެސް ކަހަލަ ކޮންސާނެއް ނޫން. އަޅުގަނޑުމެންނަކީ މާ ބައިވަރު ފައިސާތަކެއް ލިބިގެން އުޅޭ ބައެއް ނޫން. ހަގީގަތަކީ އަޅުގަނޑުމެން ފިލްމު ހަދަނީ މި ދާއިރާއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން. ވިޔަފާރިއަށް ކަމެއް ކުރާ ނަމަ އެހެން ވިޔަފާރި އެއް އަޅުގަނޑުމެން ކުރާނީ،" އޮލިމްޕަސް ނުހުޅުވި އަނެއްކާ ވެސް ލަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން މުހައްމަދު އަލީ ވިދާޅުވި އެވެ.
ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން އެދެވޭވަރުގެ އެހީތެރިކަމެއް ނުލިބޭ ކަމުގެ ޝަކުވާގެ އަޑަކީ ދިވެހީންގެ ކަންފަތަށް ފަރިތަ އަޑެކެވެ. އެހެންނަމަވެސް ދިވެހި ފިލްމީ ދާއިރާ މިފަހަރު މި ވެއްޓުނު އަޑިގަނޑުން އަރައިގަތުމަކީ ކުރަން އުނދަގޫ ކަމަކަށް ވާނެ އެވެ. އަނެއްކާ ވެސް ކަމާބެހޭ އިދާރާތަކުން އޮލިމްޕަސް ހުޅުވޭނެކަމަށް "ލަފާ ކުރާ" ތާރީހެއްގެ އިންތިޒާރުގައި ދިވެހި ފަންނުވެރިކަމަށް ލޯބިކުރާ އެތައް ބަޔަކު ތިބިއިރު، މޮގާ ވިދާޅުވީ "އޮލިމްޕަސް ހުޅުވުން އިބިލީހުގެ ކައިވެންޏަށް" ވެފައިވާ ކަމަށެވެ.












