ދޯހާ، ގަތަރު (އޮކްޓޫބަރު 19) - އަންނަ މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ގަތަރުގެ ހޮޓެލްތަކުގައި ދައްކާނަމަ އިތުރު ފީއެއް ދައްކަން ޖެހިއްޖެ އެވެ.
ގަތަރުގައި ވޯލްޑް ކަޕްގެ ރައިޓްސް ގަނެފައި އޮތް ބީން ސްޕޯޓްސް އިން ނިންމާފައިވަނީ އަގަކާ ލައިގެން ހޮޓެލްތަކަށް މެޗު ދެއްކޭ ގޮތް ހެދުމަށެވެ. އެ ގޮތުން، ހޮޓެލްތަކުން ރެސްޓޯރަންޓް/ބާ އަދި ރޫމުތަކުގައި މެޗު ދައްކަން ބޭނުންނަމަ 100،000 ގަތަރު ރިޔާލް (27،463 ޑޮލަރު)ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
އުސޫލުތައް އޮތްގޮތުން ގަތަރުގައި ކުއްޔަށް ދޫކުރާ ވިލާތަކާއި އެޕާޓްމަންޓްތަކުގައި ވެސް ވޯލްޑް ކަޕްގެ މެޗުތައް ދައްކާނަމަ ބީން ސްޕޯޓްސް އިން ޕެކޭޖެއް ގަންނަން ފީއެއް ދައްކަން ޖެހޭނެ އެވެ.
ބީން ސްޕޯޓްސް އިން މި ގޮތަށް ނިންމާފައިވަނީ އަގުބޮޑުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ޖެހިފައިވާތީ، އެ ކަމަށް ހޭދަކުރި އަގު އަނބުރާ ހޯދުމުގެ ގޮތުންނެވެ. ރިޕޯޓްތައް ބުނާގޮތުން ގަތަރުގެ ގިނަ ހޮޓާތަކުން އަގުބޮޑުކޮށް ރޫމްތައް ވިއްކާފައިވަނީ ވޯލްޑް ކަޕް ބެލޭނެ ކަމަށް ބުނެ، އެ ގޮތަށް އިޝްތިހާރު ކޮށްގެންނެވެ.

ބީން ސްޕޯޓްސް އަކީ މި ފަހަރުގެ ރައިޓްސް އެންމެ އަގުބޮޑުކޮށް ގަތް އެއް ކުންފުނި: ދުނިޔޭގެ ކުޅިވަރު ޗެނަލްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު ޗެނަލްތަކުގެ ތެރޭގައި ބީން ހިމެނޭ.
އެކަމަކު، އިތުރު ފީއެއް ދައްކައިގެން ވޯލްޑް ކަޕް ދެއްކޭ ގޮތަށް އުސޫލު އޮތުމުން ގިނަ ހޮޓެލްތަކުން އަންނަނީ ފީއެއް ދެއްކުމާ ދެކޮޅު ހަދަމުންނެވެ. ހޮޓެލްތަކުން ފީއެއް ނުދައްކައިފިނަމަ، ރެޔަކަށް 452 ޑޮލަރަށް ރޫމެއް ނަގައިގެން ގަތަރުގައި ތިބޭ މީހުންނަށް ވެސް ހޮޓަލުން މެޗު ބެލޭނެ ގޮތެއް ނޯންނާނެ އެވެ.
ފީއެއް ދައްކަން ދެކޮޅު ހަދާ ހޮޓާތަކުގައި މަޑުކުރާ މީހުންނަށް މެޗު ބެލެން އޮތީ މެޗު ޓިކެޓް ގަނެގެން ދަނޑަށް ގޮސްގެން ނޫނީ ފޭން ޕާކުތަކުގައި ސްކްރީން ކައިރީގައި މެޗު ބަލަން ތިބެގެންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ގަތަރުގައި ރޫމެއްގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެންމެ އާދައިގެ އެކޮމަޑޭޝަނަކުން ވެސް ރޫމެއް ލިބެން އޮތީ ރެޔަކަށް ބޮލަކަށް 200 ޑޮލަރަށް ވުރެން ބޮޑުކޮށެވެ. އަދި އެ އަގު ދިން ނަމަވެސް އެ ހުންނަ އެކޮމަޑޭޝަނަކުން މެޗު ބެލެން އޮތީ ވޯލްޑް ކަޕްގެ ރައިޓްސް ލިބޭ ޕެކޭޖެއް ގަނެފައިވާނަމަ އެވެ.












