ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ޓޫރިޒަމް ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ނުލިބި ހުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް ދާއިރާއިން ނުލިބި ހުރި ޓެކްސް ފައިސާގެ އަދަދު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނަގަން ފެށި ފަހުން، ޖޫރިމަނާ ހިމަނައިގެން ދައުލަތަށް މިހާތަނަށް ނުލިބި ހުރި ފައިސާގެ ތަފްސީލުތައް ހިއްސާކުރައްވައިފަ އެވެ.
މިގޮތުން، މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް އެ ދެ ޓެކްސަށް ނުދައްކާ ހުރި ފައިސާގެ އަދަދު ޖޫރިމަނާ ހިމަނައިގެން އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ދެހާސްއެގާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފުކުރި ޓީޖީއެސްޓީއަށް ބަލާއިރު، މިދިޔަ އޯގަސްޓު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 632 މިލިއަން ނުލިބިވާއިރު، ޓެކްސް ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 240 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެއާއެކު، ޓީޖީއެސްޓީއަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 872 މިލިއަން ރުފިޔާއަށް ވުރެ އިތުރެެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރުގެ ތެރޭގައި ނަގަން ފެށި ގްރީން ޓެކްސަށް ބަލާއިރު، މިދިޔަ އޯގަސްޓު މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 85 މިލިއަން ރުފިޔާ ނުދައްކާ ހުރިއިރު، ޖޫރިމަނާގެ ގޮތުގައި އިތުރު 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ.
އެއާއެކު، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 872 މިލިއަން ރުފިޔާއަށް ވުރެ އިތުރެެވެ.













