ކުވޭތުގައި ކުރިއަށްދިޔަ އޭޝިއާގެ 18 އަހަރުން ދަށަށް ހާއްސަ ޔޫތު އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ ޓީމުން މެޑްލީ ރިލޭގެ ޔޫތު ރެކޯޑް މުގުރާލައިފި އެވެ.
އެ ގޮތުން މެޑްލީ ރިލޭގެ އާ ޔޫތު ރެކޯޑް ހެދި ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ. މި ޓީމުން ރޭސް ނިންމީ ދެ މިނިޓް 04.92 ސިކުންތުންނެވެ.
މީގެ ކުރިން ޔޫތު ރެކޯޑް އޮތީ 2015 ވަނަ އަހަރުގެ އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރި ޓީމު އަތުގަ އެވެ. އެ ފަހަރުގެ ޓައިމިން އަކީ ދެ މިނިޓް 08.83 ސިކުންތެވެ.

ކުވޭތުގައި ކުރިއަށްދިޔަ އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި ބައިވެރިވި ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
އޭޝިއާގެ ޔޫތު އެތުލެޓިކްސް މުބާރާތުގައި މި ފަހަރު ރާއްޖޭން ވަނީ 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ގައުމީ ރެކޯޑް ވެސް އާ ކޮށްފަ އެވެ. ރާއްޖޭގެ ސްޕްރިންޓަރު، މަރިޔަމް ރޫޔާ އަލީ އަތުގައި މީގެ ކުރިން ވެސް އޮތް ރެކޯޑް މި ފަަހަރު ވެސް އާ ކުރީ އޭނާ އެެވެ.
ރޫޔާ، ރެކޯޑް މުގުރާލީ، 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ދިޔައީ ހީޓް އެކެއްގެ ހަތަރު ވަނަ އެވެ. އެހެންވެ، އޭނާ އަށް ފައިނަލުގައި ވާދަކުރަން ވެސް ފުރުސަތު ލިބުނެވެ.
މީގެ އިތުރުން ރާއްޖޭގެ ނާހިލް ވަނީ ލޯންގް ޖަމްޕް އިވެންޓްގެ ފައިނަލް ރައުންޑްގައި ވާދަކޮށްފަ އެވެ.











