ރިޕޯޓުކުއްލި މަރުތަކުގެ ފަހަތުގައި ދިގު އާދައެއްގެ ނިމުން އޮވެދާނެ

ކުއްލި މަރުތަކުގެ ފަހަތުގައި ދިގު އާދައެއްގެ ނިމުން އޮވެދާނެ

މި މުޖުތަމައުގައި ސިއްހަތަށް ގެއްލުންދެނިވި އެތައް އާދަތަކެއް އެބަހުރި. ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ އެއާދަތައް ބަދަލުނުކޮށްފި ނަމަ ކުރިއަށް އޮތްތަނުގައި އޭގެއިން ނިކުންނާނެ ނަތީޖާ ހިތިވާނެ ކަމަށް. ހާލަތު މިހާރު އޮތް ހިސާބަށްވުރެ ގޯސްވެދާނެ ކަމަށް.

ކުއްލި މަރުތައް ގިނަވުން؛ ދިރިއުޅުމުގެ އާދަކާދައާމެދު ދެވަނަ ހިޔާލަކަސް ދާން ޖެހިދާނެ -- ފޮޓޯ: އަދަދު
ކުއްލި މަރުތައް ގިނަވުން؛ ދިރިއުޅުމުގެ އާދަކާދައާމެދު ދެވަނަ ހިޔާލަކަސް ދާން ޖެހިދާނެ -- ފޮޓޯ: އަދަދު

މަރަކަށްފަހު މަރެކެވެ. ދިރިއުޅުމަށް ފޮނި އުއްމީދުތަކެއް ކުރަމުން ދިޔަ އެތައް ޒުވާނުންނެއް މި އަހަރު ތެރޭގައި އެކަނި ވެސް ކުއްލިއަކަށް ވަކިވެ ހިނގައްޖެ އެވެ. އެއް ޒުވާނަކު ވޮލީ ކުޅެން ހުއްޓަ އެވެ. އަނެކަކު ފުޓްބޯޅަ ކުޅެން ހުއްޓަ އެވެ. އެހެން މީހަކު ކަސްރަތު ކުރަން ހުއްޓަ އެވެ. މިފަދަ ކުއްލި މަރުތައް ގިނަ މި ވަނީ ކީއްވެ ހެއްޔެވެ؟ މިއީ ޖަވާބު ނުލިބިއޮތް ބޮޑު ސުވާލެވެ. ނަމަވެސް މި މަރުތަކާމެދު އަހަރެމެންނަށް ހައިރާންވެފައި ތިބެވޭނެ ޖާގަ އެބައޮތް ހެއްޔެވެ؟

ސިއްހަތަށް ގެއްލުން ދެނިވި އެއްޗެއް އެއްފަހަރު ބޭނުންކޮށްގެން އޭގެ އަސަރު ނުފެނިދާނެ އެވެ. ނަމަވެސް އެކަން އާދައަކަށް ހަދައިފިނަމަ އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފެންނާނެ އެވެ.

ކުއްލިއަކަށް މަރުވެދާނެ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. ފާތިމަތު ނާދިޔާ ކިޔައިދެއްވި ގޮތުގައި ކުއްލިއަކަށް މަރުވެދާނެ އެއް ސަބަބަކީ ހިތުގެ ބަލިތަކެވެ. އެގޮތުން ހިތުގެ ލޭ ހޮޅިތައް ބެދި، ހިތަށް ބޭނުންވާވަރަށް ލޭ ނުލިބުމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި ހިތުގެ ވިންދު ޖެހުމާއި ގުޅިފައިވާ ބަލިތައް ރާއްޖޭގައި އާންމުއިރު، ސްޓްރޯކް ޖެހުމަކީ ވެސް ކުއްލި މަރަކަށް ހުށަހެޅިދާނެ ކަމެކެވެ.

އަނެއް ކަމަކަށް ޑރ. ނާދިޔާ ފާހަގަކުރެއްވީ، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމެވެ. މިދަފަ ސިއްހަތަށް ނުރައްކާތެރި ތަކެތި 'ނޯމަލައިޒް' ކޮށްގެން ރާއްޖޭގައި ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މި އެއްޗެހި ބޭނުންކުރުމަކީ ހިތާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އޭގެ އިތުރަށް ކެއިންބުއިމުގެ އާދަކާދައަކީ ވެސް ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ.

މޭވާ އާއި ތަރުކާރީ ހިމެނޭ ރަނގަޅު ޑައިޓެއް ބޭނުންކުރުމުގެ ބަދަލުގައި އަދުގެ ޒުވާނުން އިހުތިޔާރު ކުރަނީ، ފާސްޓްފުޑް، ޕްރޮސެސްޑް ފުޑް، ދަޅުގައި އަދި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ކާނާ، ތެލާއި ލޮނު ގިނަ ކާނާ އަދި އެކި ބާވަތްތަކުގެ ކެމިކަލް އަޅާފައި ހުންނަ އެނާޖީ ޑްރިންކްތަކެވެ. އެނާޖީ ޑްރިންކްތައް ބޭނުން ކުރުމުގައި ހައްދެއް ނެތްއިރު، ދުވާލެއްގެ މައްޗަށް 5-6 ދަޅު ބޯލާ މީހުން ވެސް އެބަ އުޅެ އެވެ. ކެއިންބުއިމުގެ މިފަދަ އާދަކާދަތަކުގެ ސަބަބުން ހަކުރުބަލިތައް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދެ އެވެ.

ހަމައެއާއެކު، ކޮލެސްޓްރޯލް އާއި ސަރުބީގެ މާއްދާތައް ހަށިގަނޑުގައި ގިނައިރު، ކަސްރަތު ނުކޮށް އުޅޭ މީހުން ވެސް އުޅެ އެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ބިޒީވެގެން އަމިއްލަ ހަށިގަނޑަށް ދޭންވާ އަހަންމިއްޔަތުކަން ނުދެވެނީ އެވެ. ކަސްރަތު ކުރަން ވަގުތު ކޮޅެއް ހުސް ނުކުރެވެނީ އެވެ. ބިޒީކޮށް އުޅޭއިރު، ރަނގަޅު ނާސްތާއެއް ތައްޔާރުކޮށްލުން ބުރަވެ، ފިހާރާގައި ތައްޔާރުކޮށްފައި ހުންނަ އެއްޗެއް ގަނެގެން ޖީބަށް ވެސް ލުއި ގޮތެއް ހޯދެނީ އެވެ.

ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ބަލިތަކަކީ ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅިފައިވާ ބަލިތަކަށް އަދި ސްޓްރޯކް ޖެހުންފަދަ ކަންކަމަށް މަގުފަހިކޮށްދޭ ކަންކަމެވެ.

ހިތުގެ ބައްޔެއް ހުރެ, ޑައިގްނޯޒްނުވެ ހުރެދާނެ

ހިތުގެ ބައްޔެއް ހުރެމެ، ޑައިގްނޯޒްނުވެ ހުރެދާނެ އެވެ. އަދި އެކަމުގެ މާބޮޑު އުނދަގޫތަކެއް ވެސް ނުވެ ހުރެދާނެ އެވެ. ޑރ. ނާދިޔާ ވިދާޅުވީ ޑައިގްނޯޒްނުވެ ހުންނަ ހިތުގެ ބަލިތަކުގެ އުނދަގޫ ގިނަ ފަހަރަށް ކުރާނީ ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ހިތުގެ ވިންދު އަވަސްވާނެ ފަދަ ހަރަކާތެއް ކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް މެއަށް ތަދުވުމާއި، މޭމައްޗާއި ކަރާއެއްކޮށް ފިއްތާލާ ފަދަ ކަހަލަ އިހުސާސެއް ކުރެވުމާއި، މޭމަތީގެ މެދާއި ވާތް ފަރާތަށް ތަދުވެގެން ނިދާފައި އޮއްވާ ހޭލެވޭ ގޮތް ވުމަކީ އެއީ ހިތުގެ ބައްޔެއްގެ އަލާމާތަކަށް ވުން އެކަށީގެންވާ ކަމަށެވެ. ޑރ. ނާދިޔާ ވިދާޅުވީ ބައެއް ފަހަރަށް މިހެން އަރާ ތަދުތަކަކީ ގޭސްޓްރިކްގެ ސަބަބުން އަރާ ތަދު ކަމަށް ހީކޮށް ފަރުވާކުޑަ ކޮށްލެވޭ ކަމަށެވެ.

ހިތުގެ ބަލިތައް ދެނެގަތުމުގެ އިތުރު ގޮތްތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ އާއިލާގެ އެހެން މެންބަރަކު ހިތުގެ ބައްޔެއް ހުންނަ ނަމަ، ކާޑިއޮލޮޖިސްޓަކަށް ދައްކާލާ، ޗެކުކޮށްލުން ރަނގަޅު ކަމަށެވެ. އަދި އާންމުކޮށް ކަސްރަތުކޮށް އުޅޭ މީހުން ނުވަތަ ކުޅިވަރު ކުޅެ އުޅޭ މީހުންގެ ބުންވަރު ދަށްވެ، ކުރިއަށްވުރެ ގައިގެ ވަރުދެރަވުން އަދި ކުޅެނިކޮށް މެޔަށް ތަދުވުމަކީީ ވެސް ހިތުގެ ބައްޔެއް ހުރެދާނެ ކަމުގެ އަލާމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާއެކު ސްޓްރެސްފުލް ދިރިއުޅުމެއްގައި އުޅޭ ނަމަ ވެސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖެއަކީ ގައިންގަޔަށް ނާރާ ބަލިތައް ގިނަ ގައުމަކަށްވާއިރު، ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ ތެރެއިން 35 ޕަސަންޓު މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތައް ތަހަންމަލު ކުރާ މީހުންނެވެ. އެފަދަ ބަލިތަކުގެ ތެރެއިން ވެސް އެންމެ ގިނައީ ހިތުގެ ބަލިތަކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މަރުވާ މީހުންގެ 27 ޕަސަންޓު މީހުންނަކީ އެކި ކަހަލަ ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އަދި 16 ޕަސަންޓު މީހުންނަކީ ފުއްޕާމޭގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ.

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ގިނަވުމާ ގުޅިފައިވާ ކަންތައްތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތީގެ ބޭނުން ކުރުމާއި، ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ސްޓްރެސް އަދި ނަފްސާނީ ސިއްހަތު ހިމެނެ އެވެ.

ރާއްޖޭގައި ހިތުގެ ބަލިތައް އިންތިހާއަށް ގިނައިރު، ކޮވިޑް-19 އާއެކު ވެސް ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް މިވަނީ އިތުރުވެގެން ގޮސްފަ އެވެ. ނޭޗާ މެޑިސިން އިން މިއަހަރު ތެރޭގައި އާންމުކުރި ރިޕޯޓަކުން ދައްކާ ގޮތުގައި، ކޮވިޑުން ރަނގަޅުވާތާ 30 ދުވަހާއި އެއް އަހަރާ ދެމެދު ސްޓްރޯކާއި، ހާޓް އެޓޭކްގެ އިތުރުން ހާޓް ފެއިލިއާ ފަދަ ސީރިއަސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. ކޮވިޑުގެ ދިގު ދެމިގެންދާ އަލާމާތްތަކާ ބެހޭގޮތުން ހޯދިފައިވާ ހޯދުންތައް މަދެވެ.

ވޭޕިން؛ ކޫލް ކަމަކަށްވެ، މަރުގެ ތުންފަތް މައްޗަށް

މީގެ އިތުރުން އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ ވޭޕިން އެވެ. ޓްރެންޑަކަށްވެ، ސްކޫލު ކުދިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވީ ނަމަވެސް ވޭޕިންގެ ސަބަބުން ސިއްހަތަށް އެތައް ގެއްލުމެއް ލިބެ އެވެ. ވޭޕްގެ ސަބަބުން ފުއްޕާމޭގައި ފެން ހެދުމާއި، ހިތުގެ ތެޅުން އަވަސްކޮށް، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް މަގުފަހިކޮށްދެ އެވެ.

ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެތައް ބަޔަކު ވަނީ ވޭޕް ކުރުމުގެ ސަބަބުން މަރުވެފަ އެވެ. ވޭފްގައި 2000 ކެމިކަލް އެކުލެވޭއިރު، އޭގެ ތެރެއިން ގިނަ ކެމިކަލްތަކަކީ ކޮބާކަން ދެނެގަނެވިފައެއް ނުވެ އެވެ. އަދި ދެނެގަނެވިފައިވާ ކެމިކަލްތަކަކީ ވެސް ސިއްހަތަށް ނުރައްކާތެރި ކެމިކަލްތައް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި ވިޓަމިން އީ އެސެޓޭޓް ހިމެނޭއިރު، މިއީ ޓީއެޗްސީ ވޭޕްތަކުގައި އޮލަކަން ބެހެއްޓުމަށް ބޭނުންކުރަމުންދާ މާއްދާއެކެވެ.

ކޮންމެއަކަސް، އަދުގެ މުޖުތަމައުގައި ސިއްހަތަށް ގެއްލުންދެނިވި އެތައް އާދަތަކެއް އެބަހުއްޓެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއާދަތައް ބަދަލުނުކޮށްފި ނަމަ، ކުރިއަށް އޮތްތަނުގައި އޭގެއިން ނިކުންނާނެ ނަތީޖާ ހިތިވާނެ އެވެ. ހާލަތު މިހާރު އޮތް ހިސާބަށްވުރެ ގޯސްވެދާނެ އެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox