ކުވޭތުގައި ކުރިއަށްދާ އޭޝިއާގެ 18 އަހަރުން ދަށަށް ހާއްސަ ޔޫތު އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ ސްޕްރިންޓަރު، މަރިޔަމް ރޫޔާ އަލީ، އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް އާ ކޮށްފި އެވެ.
މި ރެކޯޑް އެންމެ ފަހުން ވެސް އޮތީ ރޫޔާ އަތުގަ އެވެ. އޭނާ އެ ފަހަރު 100 މީޓަރުގެ އަންހެނުންގެ ޖޫނިއާ ރެކޯޑް ހެދީ ގައުމީ ގްރޭންޑްޕްރިކްސްގައި 12.53 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރޫޔާ، އިއްޔެ، އެ ރެކޯޑް މުގުރާލީ، ކުވޭތުގައި ކުރިއަށްދާ އޭޝިއާ މުބާރާތުގެ ހީޓުގައި 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ދިޔައީ ހީޓް އެކެއްގެ ހަތަރު ވަނަ އެވެ.
މިއީ އުންމީދީ ދުވުންތެރިޔާ، ރޫޔާ، މި އަހަރު ބައިވެރިވާ ބައިނަލްއަގުވާމީ ތިން ވަނަ މުބާރާތެވެ. ޖުލައި މަހު ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ނަމަވެސް އެ މުބާރާތުގައި ލިބުނު އަނިޔާއާ ހެދި މިދިޔަ އޮގަސްޓް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރޫޔާ އަށް ނުދުވެވުނެވެ. އެކަމަކު، އޭގެ ފަހުން ބޭއްވި ރާއްޖޭގެ ގައުމީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށް، ފިޓްވެގެން މި ފަހަރުގެ އޭޝިއާ ޔޫތު މުބާރާތުގައި މި ވަނީ ކުރިއެރުން ހޯދައިފަ އެވެ.
ކުވޭތު ސިޓީގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްރުގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރޫޔާގެ އިތުރުން ދެން ވާދަކުރާ ދިވެހި އެތުލީޓުންނަކީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ.
އެ މުބާރާތުގައި ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އިބްރާހިމް ނާހިލް ނިޒާރު، ހީޓް އެކެއްގެ ފަސް ވަނަ ހޯދިއިރު، އޭނާގެ ޓައިމިން އަކީ 11.18 ސިކުންތެވެ. ހީޓް ތިނެއްގައި ދުވި މިންހާލް އަށް ނިންމުނީ ހަ ވަނައިގަ އެވެ. ޓައިމިން އަކީ 11.07 ސިކުންތެވެ.
ގައުމީ ސްކޮޑުގައި ހިމެނޭ ސާއިދު ސްޕޯޓްސްގެ އެތުލީޓް، އާއިޝް ވަނީ 400 މީޓަރު ދުވުމުގައި ވާދަކޮށް، ހީޓް ދޭއްގެ ހަތް ވަނަ ހޯދައިފަ އެވެ. އޭނާގެ ޓައިމިން އަކީ 54.49 ސިކުންތެވެ.











