މިއަދު މާލޭގެ ގެއަކުން ބަނގުރާ ކައްކަމުން ދަނިކޮށް އަތުލައިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އެ ގޭ ތެރެއިން ކަމަށްވެސް ބުނެފައިވެ އެވެ.
މިއަދު ހެނދުނު ފުލުހުން އެގެއަށް ވަނީ އެގެއިން ދުން އަރަމުންދާ ކަމަށް ބުނެ އެމްއެންޑީއެފް އަށާއި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެނެވެ.
އެގެއަށް ވަނުމަށް ގޭތެރެއިން ޖަވާބެއް ނުލިބުމުން ފުލުހުން އެގެއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެނެވެ.

އެ ގެއަށް ވަނުމުން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދިޔުމުގެ ސަބަބުން ކަން އެނގުނު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ގެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.













