ރިޕޯޓުނަފުސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދޭނެ ސިޔާސަތަކަށް ބޭނުންވެފައި

ނަފުސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދޭނެ ސިޔާސަތަކަށް ބޭނުންވެފައި

މާޗް 2019، ގައި ހުޅުވި ސެންޓާ ފޯ މެންޓަލް ހެލްތުގައި މިވަގުތު ވެސް 510 މީހުން ފަރުވާ ހޯދަން ކިއުގައި ވަނީ ޖެހިފަ އެވެ. އެތަން ހުޅުވި ފަހުން މިހާތަނަށް 55،608 ކޮންސަލްޓޭޝަން ވަނީ ބަލިމީހުންނަށް ދީފަ އެވެ.

ނަފުސާނީ ދުޅަހެޔޮކަން ކަށަވަރު ކޮށްދޭނެ ސިޔާސަތަކަށް ބޭނުންވެފައި

ނަފުސާނީ ބަލިތަކުން ދިމާވާ ހާސްކަމާއި ނުތަނަވަސްކަމުގައި ދިރިއުޅުމަކީ ބާއްޖަވެރި ހަޔާތަކަށް އެޅޭ ބޮޑު ހުރަހެކެވެ. އެ ހުރަސް ގިރާކުރަން ނޭގި, ގިނަ ބަޔަކު މި ރާއްޖޭގައިވެސް އެބަތިއްބެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ދިރާސާއެއް ކުރެވިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 2003 ވަނަ އަހަރު އެވެ. ސަރުކާރުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ އެ ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގެ އާބަދީގެ 29 ޕަސެންޓު މީހުންނަކީ ކޮންމެވެސް މިންވަރެއްގައި ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންނެވެ. އެއަށް ފަހު މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާއެއް ކޮށްފައި ނުވެ އެވެ.

އެ ދިރާސާއަށް ގާތްގަނޑަކަށް 20 އަހަރު ފުރެން ކައިރިވެފައިވާއިރު އެ އަދަދުތައް އެއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ނަފުސާނީ ބަލިތަކަށް ހުށަހެޅުމުގެ ފަހަތުގައި ގިނަ އެތައް ސަބަބުތަކެއްވާއިރު, އެ ހުރިހާ ކަމެއްވެސް މީގެ 20 އަހަރު ކުރިއަށްވުރެ މިހާރު އޮތް މިންވަރު ގޯސްވީމައެވެ.

ނަފުސާނީ ބައްޔަކަށް ހުށަހެޅިދާނެ ކިތަންމެ ސަބަބެއް!

ނަފުސާނީ ބައްޔަކަށް ގިނަ ފަހަރު މީހަކު ހުށަހެޅެނީ އޭނާގެ އަމިއްލަ ވިސްނުމުގައި ކުރާ ކަންކަމަކުން ނޫނެވެ. ބަލި ވުމަކީ އެއްވެސް މީހަކު ގަސްތުގައި ކުރާނޭ ކަމެއް ނޫނެވެ. އެގޮތުން, ނަފުސާނީ ބައްޔަށް ވެސް ހުށަހެޅޭ ގިނަ ސަބަބުތަކެއްވެ އެވެ. މިއިން ސަބަބަކާހުރެ ނަފުސާނީ ބައްޔަކަށް ހުށަހެޅިދާނެ އެވެ. ހުށަހެޅި ނުގޮސް ވެސް ހިނގައިދާނެ އެވެ.

ކުޑައިރު ކުރިމަތިވާ ކަންތައްތަކުގެ ނަތީޖާ ގިނަ ފަހަރަށް ފެންނާން ފަށަނީ ހަމަ ބުއްދި ލިބި މީހާ އިސްކޮޅަށް ދެމިލީމަ އެވެ. އާބާދީގެ ނިސްބަތުން ކުޑަކުދިން އެންމެ ގިނައިން ނުރައްކަލަށް ހުށަހެޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނޭނެ އެވެ. ވަކިން ހާއްސަކޮށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާތަކަށް ހުށަހެޅޭ ކުދިންގެ އަދަދު ހުރީ ކަންބޮޑުވާން ޖެހޭ މިންވަރެއްގަ އެވެ. ރާއްޖޭގެ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ކުދިންގެ އާބާދީގެ 15 ޕަސެންޓަކީ ޖިންސީ ގޯނާ ކޮންމެވެސް މިންވަރެއްގައި ތަހައްމަލުކޮށްފައިވާ ކުދިން ކަމަށް ޔުނިސެފުން ތައްޔާރުކުރި "ނޭޝަނަލް ސްޓަޑީ އޮން ވަޔޮލެންސް އަގައިންސްޓް ޗިލްޑްރެން" އިން އެނގެ އެވެ.

ޅައިރު ނަފުސާނީ ގޮތުން ލިބޭ ގެއްލުމަކީ އުމުރު ދުވަހު އެއާއެކު އުޅެން ޖެހިދާނެ ކަމަކަށްވާއިރު ކުޑަކުދިންނަށް މިހާރަށް ވުރެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭން ޖެހެ އެވެ. ގަނާކުރުން ނުވަތަ އެ ނޫންވެސް ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ވުމުގެ ފުރުސަތު ދެވިގެން ނުވާނެ އެވެ.

މަސްތުވާތަކެއްޗަށް މީހާ ހުށަހެޅުމަކީ އޭގެ ސަބަބުން އުޅުމަށާއި ވިސްނުމަށް ވަރަށް ގިނަ ބަދަލުތަކެއް އަންނާނޭ ކަމެކެވެ. ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަކީ ވެސް ނަފުސާނީ ބަލިތައް ރާއްޖޭގައި އިތުރުވުމުގެ އެއް ސަބަބެވެ. ދިވެހިރާއްޖޭގައި ކުރި “ނޭޝަނަލް ޑުރަގު ޔޫސް ސާވޭ 2011/2012” ގައި ބައިވެރިވި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ 15 އިންސައްތަ މީހުން ވަނީ އެމީހުން ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ ކަމަށް އެއްބަސްވެފަ އެވެ. އެހެން ނަމަވެސް, ސާވޭ ކުރިއަށްގެންދިޔަ ފަރާތްތަކުން ވަނީ, އެ އަދަދު ހަގީގަތުގައި 15 އިންސައްތަ އަށްވުރެ މަތިވާނެ ކަމަށް ލަފާކޮށްފަ އެވެ.

ޑްރަގުގެ މަސްތުގައި ޖެހިފައިވާ މީހުން މަސްތުވުމަށް "ޑްރަގު ކެފޭ"އެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ތަނެއް. -- ފޮޓޯ: އަދަދު
ޑްރަގުގެ މަސްތުގައި ޖެހިފައިވާ މީހުން މަސްތުވުމަށް "ޑްރަގު ކެފޭ"އެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ތަނެއް. -- ފޮޓޯ: އަދަދު

ޑްރަގުގެ މަސްތުގައި ޖެހިފައިވާ މީހުން މަސްތުވުމަށް "ޑްރަގު ކެފޭ"އެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ތަނެއް. -- ފޮޓޯ: އަދަދު

މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޑުރަގު މައްސަލައަށް ހައްލެއް ހޯދިފައި ނުވާއިރު, އޭގެ ސަބަބުން ދިމާވާ ނަފުސާނީ ބަލިތަކުން މީހުން ސަލާމަތްކުރާނެ ގޮތެއް ވެސް އަދި ހެދިފައެއް ނުވެއެވެ. ޔަގީނުންވެސް, ގައުމީ ފެންވަރުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުން ވެގެންދާނީ ނަފުސާނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށެވެ.

ދަރަންޏަކީ ވެސް ނަފުސާނީ ބަލިމަޑުކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖު އޮފް ސައިކޭޓްރިސްޓްސް އިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދަރަނީގައި ތާށިވެފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަކީ ނަފުސާނީ ބަލިމަޑުކަމެއްގައި އުޅެމުންދާ މީހުންނެވެ.

ދިވެހިންގެ ތެރޭގައި ވެސް ދަރަނީގައި އުޅެމުންދާ މީހުންގެ އަދަދު މަދެއް ނޫނެވެ. ކޮންމެވެސް ބޭންކަކަށް، ކްރެޑިޓް ސްކީމަކަށް، ލޯނަކަށް، ފިހާރައަކަށް ނުވަތަ މީހަކަށް ދަރާފައި ނެތް މީހެއް މަދެއް ނުވާނެ އެވެ. ލާރި މެނޭޖުކޮށް، އިގުތިސާދުކޮށް، ފަހަށް ރައްކާކުރަން ޖެހެ އެވެ. އެކަން ކުރެވޭނެ ފަދަ ފުދުންތެރިކަމެއް ލިބެންޖެހެ އެވެ. އެ ފުދުންތެރިކަން ނެތްނަމަ އިގުތިސާދު ކުރަން ދަސްކުރަން ޖެހެ އެވެ. އެ ފަދަ ފުދުންތެރިކަން ނެތް ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅަށް ސަރުކާރުގެ ތެރެއިންވެސް އެހީ ލިބޭނެ ނިޒާމެއް ހަމަޖެހެން ޖެހެއެވެ.

ފިހާރައިން ވިޔަފާރި ކުރުމަށް ފަހު މީހަކު ފައިސާ ދައްކަނީ. -- ފޮޓޯ: އަދަދު
ފިހާރައިން ވިޔަފާރި ކުރުމަށް ފަހު މީހަކު ފައިސާ ދައްކަނީ. -- ފޮޓޯ: އަދަދު

ފިހާރައިން ވިޔަފާރި ކުރުމަށް ފަހު މީހަކު ފައިސާ ދައްކަނީ. -- ފޮޓޯ: އަދަދު

ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުމުގެ މައިގަނޑު އެއް ސަބަބަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ވެރިރަށް މާލޭގައި މި މައްސަލަ އޮތީ ހައްލު ނުކުރެވޭ ވަރަށް ވުރެ ގޯސްކޮށެވެ. އޭގެ ނަތީޖާތައް ވެސް ހިއްޗެވެ.

އެއް ކޮޓަރިއެއްގައި ޑިއުޓީ ބަހައިގެން މީހުން ނިދާ ހިސާބަށް ކަންކަން ގޯސްވެފައި އޮތުމުން މީހުންގެ ނަފުސާނީ ދުޅަހެޔޮކަން ހުންނާނެ މިންވަރު ވަޒަންކޮށްލައްވާށެވެ. ހަމަ ނިދި ލިބެނީ މަދު ފަހަރަކު އެވެ. މުނިފޫހިފިލުވާލައި ރައްޓެހިންނާއެކު މަޖާކޮށް ސިކުނޑި ތާޒާކޮށްލެވޭނެ މާ ގިނަ ގޮތްތަކެއް ނެތެވެ. އާހިރުގައި ނުރަނގަޅު އަސަރު ކުރަނީ ނަފުސާނީ ދުޅަހެޔޮ ކަމަށެވެ.

މި ހުރިހާކަމެއް މިހެން ހުރުމާއެކު, ނަފުސާނީ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ.

ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ގިނަ

ކުރިން ލިޔެވުނު ސަބަބުތަކާއި, އަދި އެނޫންވެސް ގިނަ ސަބަބުތަކަކާހުރެ މާލޭގައި މިހާރު ދިރިއުޅޭ އާބާދީގެ 20 އިންސައްތަ އަށްވުރެ ގިނަ މީހުން ކޮންމެވެސް މިންވަރެއްގެ އެހީއެއް ބޭނުންވާ ކަމަށް ގަބޫލުކުރެ ވެ އެވެ. އެހެން ނަމަވެސް, ބަލި މީހުންގެ އަދަދު އިތުރުވި އިރު އެ މީހުންނަށް ފަރުވާ ދެވޭނެ އެކަށީގެންވާ ނިޒާމެއް އަދިވެސް ގާއިމު ކުރެވިފައެއް ނުވެ އެވެ. މުޖުތަމައުގެ ތެރޭގައި އެފަދަ ވޭންހުރި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ތަސައްލީއެއް ލިބޭނެ ފަސޭހަ މަގެއް ނެތެވެ.

ނަފުސާނީ ބަލިތަކަށް ސަރުކާރުގެ ލޯ އެންމެ ފުރަތަމަ އަމާޒުވީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު އެވެ. އެ ކާރިސާއަށް ފަހު ދިމާވި ކަންތައްތަކުން އިބުރަތް ހާސިލްކޮށް, ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު "ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީ" އެއް އެކުލަވާލުމުގެ މަސައްކަތް 2006 ވަނަ އަހަރު ފެށުނެވެ.

އެ މަސައްކަތް ދިގުލައިގޮސް, ނުނިމި އޮތުމަށްފަހު, 2014 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު އަލުން ފެށުނެވެ. 2015 ވަނަ އަހަރު މަސައްކަތް ނިމުނު ނަމަވެސް, އޭގެ ފަހުން އެ ވާހަކަ އަނެއްކާވެސް ހުއްޓުނެވެ.

ގައުމީ މެންޓަލް ހެލްތު ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފެށުނުތާ މިހާރު 16 އަހަރު ވެފައިވާއިރު, އެ މަސައްކަތް ކުރިއަށް ނުދިޔައީ ސަރުކާރުތައް ބަދަލުވުމާއެކު ސިއްހީ ނިޒާމާއި ގުޅޭ ސިޔާސަތުތަކަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ގައުމީ ސިޔާސަތެއް އެކުލަވާލެވެން ޖެހެ އެވެ. އަދި، އެ ސިޔާސަތު އާންމު ކުރެވެން ޖެހެ އެވެ. އެއީ ފުރަތަމަ ފިޔަވަޅެވެ.

ދަ ބިގް އިވެންޓް ފޯ މެންޓަލް ހެލްތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ފަދައިން, "ނަފުސާނީ ބަލިތަކުންވެސް އަރައިގަތުމަށް އޮތް ރާސްތާ ފެށެނީ، މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އަޅާލުމާއި، އެހީތެރިކަމުގެ ތެރެއިން. ވަކިން ހާއްސަކޮށް، މިބަލީގެ އަސަރުކޮށްފައިވާ މީހުންނަށް އެންމެން ވެސް ވާގިވެރިވެގެން،" ނެވެ. އެކަނިވެރިކަމާއި، ބާކީވުމުގެ އިހުސާސުން އެމީހުން ދުރުކޮށްދީގެންނެވެ. މީހުން ދެރަކޮށްލުމާއި ބަދު ބަސް ބުނުމުން ދުރުހެލި ވާންޖެހެއެވެ.

ވިލިމާލޭގެ ގަހެއްގައި އެލުވާފައިވާ އުނދޯއްޏެއްގައި މީހަކު ދަރިފުޅު ގޮވައިގެން އިށީނދެ ލައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވިލިމާލޭގެ ގަހެއްގައި އެލުވާފައިވާ އުނދޯއްޏެއްގައި މީހަކު ދަރިފުޅު ގޮވައިގެން އިށީނދެ ލައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިލިމާލޭގެ ގަހެއްގައި އެލުވާފައިވާ އުނދޯއްޏެއްގައި މީހަކު ދަރިފުޅު ގޮވައިގެން އިށީނދެ ލައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނަފުސާނީ ބަލި މީހަކަށް އެންމެ މުހިންމީ އޭނާގެ އާއިލާ އާއި މުޖުތަމައުގެ ލޯތްބާއި އަޅާލުމާއި ކުލުނެވެ. މިކަން ކަށަވަރު ކުރެވެން އޮތީ އެންމެން އެއްކޮށް މަސައްކަތް ކޮށްގެންނެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށް ހަމްދަރުދީ ވެގެންނެވެ. މުޖުތަމައުގެ ތެރޭގައި އެމީހުންނާ މެދު އޮންނަ "ސްޓިގްމާ" ނައްތާލައިގެންނެވެ.

ފަރުވާ ހޯދާ މީހުންނާ މެދު މުޖުތަމައުގައި ދެކެވޭ ވާހަކަތަކާ އެކު އެ މީހުން އިތުރަށް "ސްޓިގްމަޓައިޒް" ވެ ފަރުވާ ހޯދަން ބޭނުން ނުވާކަން ދިރާސާތަކުން އެނގެ އެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައި އުޅޭ މީހެއްގެ ހާލު އިތުރަށް ގޯސް ވަނީ އޭނާއާ މެދު މީހުން ބައެއް ފަހަރު ދެކޭ ގޮތުންނެވެ. ފަރުވާ ހޯދުމަކީ ދެރަކަމެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުވާން ޖެހެ އެވެ.

ކައިރީގައި ތިބޭ މީހުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ. ބައެއް ފަހަރު ބަލިމީހާއަށް މިހާރު ދާން ޖެހޭ ތަންތަނާއި ހަދަން ޖެހޭ ގޮތް ނޭނގިދާނެ. ގާތް ބޭފުޅުން އެ ސަޕޯޓު ދީ މަގުފަހިކޮށްދިނުން ވަރަށް މުހިންމު،" މި ރިޕޯޓަށް މައުލާމާތު ދެއްވަމުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގައި މަސައްކަތްކުރައްވާ ޑރ. ހަދީޖަތު ސާމިރާ ވިދާޅުވި އެވެ.

މީގެކުރިން އެގޮތަށް ދެކުނު ނަމަވެސް މިހާރު އެ ވިސްނުންތައް ދަނީ ބަދަލުވަމުންނެވެ. އެކަމަކު އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. ވަކިން ހާއްސަކޮށް ހެދިބޮޑުވަމުން އަންނަ ކުދިންނަކީ މިފަދަ ވިސްނުންތަކާ ދުރު، ކަންކަމާ މެދު ހޭލުންތެރި ބަޔަކަށް ހަދަން ޖެހެ އެވެ. ގޭތެރޭގަ އާއި ސްކޫލު މާހައުލުގައި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ.

"ފުރަތަމަ ވެސް ނެގެޓިވް ކޮމެންޓެއް އައުން. އަމިއްލައަށް އުޅޭ ގޮތެކޭ ނުވަތަ ވަރަށް ފިނޑި މީހެކޭ. އެކަހަލަ ގޮތްގޮތަށް ނެގެޓިވް ކޮމެންޓަށް އަައުމަކީ އިތުރަށް ބަލި ބޮޑުވާ ވެސް ކަމެއް އަދި އިތުރަށް އިތުރު ސަޕޯޓެއް (އެހީ) އެއް ހޯދަން ވެސް ޖެހިލުންވާ ކަމެއް. ލޭބަލްކޮށް މަލާމާތް ކުރިމަތިވީމަ ވަރަށް ބޮޑަށް މީހާއަށް އުނދަގޫތައް އާދޭ. ސްޓިގްމާ ނައްތާލުމަކީ ވަރަށް ބޮޑު ފިޔަވަޅެއް،" ޑރ. ސާމިރާ ވިދާޅުވި އެވެ.

އެކަން ކުރެވޭނީ ނަފުސާނީ ބަލިތަކާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެކަނި ކަމުގައި ހެދުމުގެ ބަދަލުގައި, ސަރުކާރުން އިސްނަގައިގެން, ނަފްސާނީ ބަލިތަކާއި ގުޅޭ ސެންޓަރުގެ ބެލުމުގެ ދަށުން ދުރު ރާސްތާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެކުލަވާލައިގެންނެވެ އެއިރުން އެހީތެރިކަން ހޯދާ މީހުންގެ އަދަދު އިތުރުވެގެންދާނެ އެވެ.

"ޕޮލިސީއެއް އޮތުމަކީ އެކަށީގެންވާ ފަރުވާއެއް ބަލިމީހުންނަށް ދެވޭނެ. އެއީ ހަމަހަމަ ގޮތެއްގައި އެ ބޭފުޅުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދެވިގެން އެ މީހުންނަށް ފަރުވާ ފޯރުކޮށްދެވޭނެ. އެންމެނަށް ވެސް އެއް ހިދުމަތެއް ފޯރުކޮށްދެވިގެންދާނެ،" މިފަދަ ސިޔާސަތެއް ގައުމީ ފެންވަރުގައި އެކުލަވާލުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ސާމިރާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި މެންޓަލް ހެލްތު ސެންޓަރު 2019 ގައި އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި މެންޓަލް ހެލްތު ސެންޓަރު 2019 ގައި އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި މެންޓަލް ހެލްތު ސެންޓަރު 2019 ގައި އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެހެން ސަރުކާރުތަކާ އަޅާބަލާއިރު, މި ސަރުކާރުން ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ކުރިން ނަފުސާނީ ބައްޔައް އެހީ ހޯދުމަކީ އަމިއްލަ ޖީބުން ބޮޑު އަގު ދީގެން ކުރަން ޖެހުނު ކަމެއް ނަމަވެސް, މިހާރު އާސަންދައިގެ ދަށުން އެހީތެރިކަން ލިބެ އެވެ. ކުރިން އެ ހިދުމަތް ލިބެނީ ހަމައެކަނި މާލެއިން ނަމަވެސް, މިހާރު ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުތަކުންވެސް އެ ފަރުވާ ލިބޭނެއެވެ. އެހެންނަމަވެސް, ކުރަންޖެހޭ ކަންތައްތައް އަދިވެސް ވަރަށް ގިނައެވެ.

މާޗް 2019، ގައި ހުޅުވި ސެންޓާ ފޯ މެންޓަލް ހެލްތުގައި މިވަގުތު ވެސް 510 މީހުން ފަރުވާ ހޯދަން ކިއުގައި ވަނީ ޖެހިފަ އެވެ. އެތަން ހުޅުވި ފަހުން މިހާތަނަށް 55،608 ކޮންސަލްޓޭޝަން ވަނީ ބަލި މީހުންނަށް ދީފަ އެވެ. މިއަހަރުގެ މިހާތަނަށް ވެސް 13،718 ކޮންސަލްޓޭޝަން ވަނީ ދީފަ އެވެ. އެހެންނަމަވެސް, ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ތަނުގައި 65 މުވައްޒަފުން މަސައްކަތްކުރާއިރު ތިބީ ތިން ސައިކޮލޮޖިސްޓުންނާއި އަށް ސައިކޭޓްރިސްޓުން ކަމެވެ.

އަމިއްލަ ކްލިނިކުތަކަށް ދެއްކުމުގެ މާލީ ގާބިލުކަން ނެތް އެންމެނަށްވެސް އޮތް ހަމައެކަނި އަލި މަގަކީ މި ސެންޓަރު މަސައްކަތް މިއަށްވުރެ ރަނގަޅުވުމެވެ. މަސައްކަތްކުރާ ފަންނީ މީހުންގެ އަދަދު އިތުރުވުމަކީ ކިއު ކުރުވާނެ ކަމެކެވެ. ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދުމަށް މަޑުކުރަން ޖެހުމަކީ އޭގެ ހިތި ފެނުން އެކަށީގެންވާ ކަމެކެވެ.

"ނެގެޓިވް ކޮމެންޓުތައް ވެސް އަންނަނީ މެންޓަލް ހެލްތާ ބެހޭ ގޮތުން ނޭނގޭތީ ކޮންކަހަލަ ކަމެއްކަން. އެހެންވެ ހޭލުންތެރިކަން އިތުރުކުރުން މިއީ ސްޓިގްމާ މަދުކުރަން އެންމެ މުހިންމު ކަމަކީ،" މީހުންގެ މެދުގައި ނަފްސާނީ ބައްޔާ މެދު ދެކޭ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން އައިޖީއެމްއެޗުގެ ސައިކޭޓްރިސްޓް ޑރ. ސާމިރާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީވެސް "ނަފްސާނީ ފުޅަހެޔޮކަން އެންމެނަށް – އެންމެންގެ ޒިންމާއެކަށް ހަދަމާ" މިއެވެ. އެކަން ކުރެވޭނީ ގިނަ ބަޔަކު ގުޅިގެން ދުރު ރާސްތާ ޕްލޭނަކާއެކު މަސައްކަތް ކޮށްގެންނެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ހަޔާތަކުން ނިކުމެވޭނީ އެއިރުންނެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox