އއ. ތޮއްޑޫ ކައިރިން މޫދަށް ސްނޯކްލް ކުރުމަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ހިސާބުން ދަތުރު ކުރި ޑިންގީއަކުން ޖެހިއްޖެ އެވެ.
ފުލުހުން ނޫސްވެރިންނާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ ޑިންގީން ފަތުރުވެރިޔާގެ ގައިގައި ޖެހުނުކަން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:15 ގައި ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ރަޝިޔާއަށް ނިސްބަތްވާ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ. އެކަމަކު އެ ރަށު ހެލްތު ސެންޓަރުގައި ބޭއްވުމަށްފަހު އޭނާއަށް ފަރުވާ ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގާތްގަނޑަކަށް 1500 އެއްހާ މީހުން ދުރިއުޅޭ ތޮއްޑޫ ދިވެހިންގެ ތެރޭގައި މަޝްހޫރީ ދަނޑު ހައްދަން ނަމަވެސް އެ ރަށުގެ އިގްތިސާދު މަޑުމަޑުން މިހާރު ދަނީ ފަތުރުވެރިން ގެނައުމުގެ މަސައްކަތަށް ބުރަވަމުންނެވެ.
ކ. މާފުށި ފިޔަވައި ފަތުރުވެރިން އެންމެ ގިނައިން އަންނަ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ތޮއްޑޫ ހިމެނޭއިރު އެ ރަށުގައި 40 ގެސްޓްހައުސް ހުޅުވާފައި ހުރި ކަމަށް ބުކިން ޑޮޓްކޮމުން ދައްކަ އެވެ.












