ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒު ކުރަން ކަނޑައެޅި މުއްދަތުތައް ފަހަނައަޅައިގެން ގޮސްފައިވާއިރު، އެކަން ލަސްވަމުންދަނީ ވަށާޖެހޭ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހެދި "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" ފުރަތަމަ ގެޒެޓްކުރި އިރު އަގު ކޮންޓްރޯލްކުރަން އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު އޭގެ ފަހުން އެކަން މާޗް މަހާ ހަމައަށް ފަސްކޮށް ގަވައިދު ބަދަލު ކުރުމަށް ފަހު އޭގެ ފަހުން ވަނީ ޖުލައިމަހާ ހަމައަށް ވެސް ފަސްކޮށްފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ގަވައިދަށް އަމަލު ކުރަން ފެށިފައެއް ނުވެ އެވެ.
ފިނޭންސް އަދި ޕޭ ކޮމިޝަންގެ 2021 އަދި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް މިނިސްޓްރީގެ ކަމާގުޅޭ ވެރިން މިދިޔަ ބުދަ ދުވަހު ހާޒިރުވެވަޑައިގެންފައިވާއިރު، ބޭހުގެ އެމްއާރުޕީ ކަނޑަނޭޅި ދިގުލައިގެންދާތީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ އެމްއާރުޕީ ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކާ ގުޅިގެން ޑޭޓާ ގެޕްސްތަކެއް ހުރި ކަން އެ ދާއިރާގެ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެ ފަރާތްތަކުން ފާހަގަކުރި ކަންބޮޑުވުންތައް މިނިސްޓްރީއަށް ވެސް ގަބޫލުކުރެވޭ ކަން ފާހަގަކުރައްވައި، ސަރުވަޝް ވިދާޅުވީ އެ ޑޭޓާ ގެޕްސްތައް ހައްލުނުކޮށްފި ނަމަ، ބޭހުގެ އަގު ކޮންޓްރޯލްކޮށްގެން މައްސަލަ ހައްލުނުވެ، އިތުރު އެހެން މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އެއް ދޮރު ބަންދުކޮށްގެން އެހެން ދޮރެއް ހުޅުވުން ފަދަ ކަމެއް ދިމާވެދާނެތީ. މިސާލަކަށް ބޭހުގެ އެފްއީބީ ކަނޑައެޅުމުގަ ބަލިކަށިކަމެއް އުޅޭކަން ވަނީ ފާހަގަވެފައި،" ސަރުވަޝް ވިދާޅުވި އެވެ.
އާސަންދައިން ވަމުންދާ އިސްރާފުތައް ހުއްޓުވުމަށް، ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ އިތުރުން ބަލްކް ޕްރޮކިޔުމަންޓް ނުވަތަ ގަނޑުކޮށް ބޭސް ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނަށް އަމަލު ނުކުރެވި އާސަންދަ ބަޖެޓު ހުސްވެއްޖެ
މިއަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އާސަންދައަށް 730 މިލިޔަން ރުފިޔާ ކަނޑައެޅީ ބޭހުގެ އަގު ކޮންޓްރޯލްކުރާ އުސޫލު ތަންފީޒުކުރާ ގޮތަށެވެ. މިފަހަރު ކުޑަ ބަޖެޓެއް ކަނޑައެޅީ ބޭހުގެ އަގު ކުޑަކުރުމަށް ނިންމުމަށްފަހު، އެ ހިސާބުތަކަށް ބަލައިގެނެވެ. ނަމަވެސް ބޭހުގެ އަގަކަށް އަދި ބަދަލެއް ނުގެނެ އެވެ.
މި ގާނޫނަށް އަމަލު ނުކުރެވި މިދިޔަ މެއި މަހު އާސަންދައަށް ކަނޑައެޅި ބަޖެޓު ވަނީ ހުސްވެފަ އެވެ. ފިނޭންސުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހަރަދުކޮށްފަ އެވެ.
އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 371.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު ވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 އިންސައްތައިން ބޭހުގެ ހަރަދު ވަނީ ކޮންމެ އަހަރަކު ވެސް އިތުރުވެފަ އެވެ.












