ކުވޭތުގައި ކުރިއަށްދާ އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޔޫތު ޓީމު، އެތުލެޓިކްސް އެސޯސިއޭޝަން އިން އިއުލާނުކޮށްފި އެވެ.
މި މަހުގެ 13-16 އަށް ކުވޭތު ސިޓީގައި ކުރިއަށްދާ ހަތަރު ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގައި ހިމެނެނީ މަރިޔަމް ރޫޔާ އަލީ، ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ.
މިއީ މީގެ ތެރެއިން އާއިޝް ފިޔަވައި ދެން ތިބި ހަތަރު ދުވުންތެރިން މި އަހަރު ތެރޭ ވާދަކުރާ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. އެ ގޮތުން ރޫޔާ ވަނީ މިދިޔަ ޖުލައި މަހާއި އޮގަަސްޓް މަހު އިންގްލެންޑްގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ދުވެފަ އެވެ.
ޒީކް އާއި ނާހިލް އަދި މިންހާލް ވަނީ މިދިޔަ މަހު ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށްފަ އެވެ.
ދެ ހަފްތާގެ ތެރޭ ދެ ވަނަ ފަހަރަށް ނާހިލް ގައުމީ ލޯންގް ޖަމްޕްގެ ރެކޯޑް މުގުރާލިއިރު، އޭނާ އެންމެ ފުރަތަމަ ރެކޯޑް މުގުރާލީ ސޮލިޑާރިޓީ ގޭމްސްގަ އެވެ. އެއީ 13 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. އެ ރެކޯޑް ދެ ވަނަ ފަހަރަށް މުގުރާލީ، އޮގަސްޓް ފަހު ކޮޅުގައި ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގަ އެވެ.
ބައްރުގެ ޔޫތު މުބާރާތަށްދާ އެތުލީޓުންގެ ތެރެއިން އާއިޝް އަކީ ސާއިދު ސްޕޯޓްސް އިން ތަމްރީން ހަދައި، ކުރިއެރުން ހޯދަމުން އަންނަ އެތުލީޓެކެވެ.
އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި މީގެ ކުރިން ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ. މި ފަހަރުގެ އޭޝިއާ މުބާރާތަށް ޖޫނިއާ ކުޅުންތެރިން ދާއިރު، ފާއިތުވި ފަސް މަހެއްހާ ދުވަސް ތެރޭ ގިނަ އެތުލީޓުން ވަނީ ބައިނަލްއަގުވާމީ ދެ މުބާރާތާއި ލޯކަލް ދެ މުބާރާތުގައި ދުވެފަ އެވެ.











