މާލެ ތެރެއަށް ދޫވެއްޖެ މީހަކު، ހޯދުމަކީ އަމިއްލައަށް ކުރެވޭ ވަރުގެ ކަމެއް ނޫންކަން މަތީގައި މި އޮތް ފޮޓޯއަށް ބަލައިލިޔަސް އެނގޭނެ އެވެ. އަމިއްލަ ހަރަކާތްތައް އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ނަފުސާނީ ބައްޔެއް ހުރި މީހަކު އެގޮތަށް ދޫވެއްޖެ ނަމަ އޭނާ ހޯދުން އެއީ ހަމަ އެއްގޮތަކަށް ވެސް ނުކުރެވޭ ވަރު ކަމެކޭ ބުނެވިދާނެ އެވެ.
ނުރައްކާތެރި ނަފުސާނީ ބައްޔެއް ކަމަށްވާ "ސްކިޒޮފްރީނިއާ" އަށް ޑަޔަގްނޯސްކޮށްފައިވާ ކޮއްކޮ، މާލެ ތެރެއަށް ގެއްލުމުން އެކަން ފުލުހުންނަށް އަންގަން އަހަރެން ބޭނުންވީ އެހެންވެ އެވެ. އެކަމަަކު އާއިލާގައި ދެން ތިބި އެންމެން އެކަމާ ދެކޮޅެވެ. އެމީހުން ދުށް ގޮތުގައި ފުލުހުން އޭނާ ހޯދަން ފަށައިފިއްޔާ، އޭނާއަށް އެކަން އެނގި، މައްސަލަ އިތުރަށް ވާނީ ގޯހެވެ. ހޯދުމުގެ ފުރުސަތު ވާނީ ކުޑަ އެވެ.
އެމެރިކާގެ ނޮން ޕްރޮފިޓް އެކަޑަމިކް މެޑިކަލް ސެންޓަރު، މޭޔޯ ކްލިނިކްގެ ޑެފިނިޝަންގައިވާ ގޮތުން ސްކިޒޮފްރީނިއާއަކީ މީހުންނަށް ހަގީގަތްތައް ދެނެގަންނަ ގޮތް ބަދަލުކޮށްލާ "ސީރިއަސް މެންޓަލް ޑިސްއޯޑާ" އެކެވެ. އޭގައި ހިމެނެނީ ހަގީގަތެއް ނެތް ގަބޫލުކުރުންތައް (ޑިލޫޝަން) ތަކާއި ވުޖޫދުގައި ނުވާ ކަންތައްތަކެއް ފެނުނުން ނުވަތަ އަޑު އިވުން (ހެލުސިނޭޝަން) ތަކާއި ވިސްނުމުގެ ތަރާދުގެ ވަޒަން މުޅިންހެން ގެއްލުމެވެ. އެ ބަލީގެ މީހުންނަށް އުމުރު ދުވަހު ވެސް ބޭސް ދޭން ޖެހެ އެވެ. ބަލީގެ ފުރަތަމަ ކޮޅުގައި ބޭސް ދީފި ނަމަ އަލާމާތްތައް މުޅީންހެން ކޮންޓްރޯލްކޮށް، އާންމު ދިރިއުޅުމަކަށް ވެސް ބަލިމީހާ ގެންދެވިދާނެ އެވެ.
"އެހެން އުޅެލާފައި އާދެ އެއްނު ކޮންމެ ފަހަރަކުވެސް. ދާނެހެން ހީވާ ތަންތަން އަހަރެމެން ބަލާނީ،" އަހަރެންނާ ޖެހިގެން ހަގަށް ހުރި އަންހެން ކޮއްކޮ ބުންޏެވެ.
އެފަހަރު ކޮއްކޮ ފެނުނީ ދެދުވަސް ފަހުންނެވެ. މުޅި މާލޭގެ އެތަން މިތަނުގައި ނުކައިނުބޮއި އުޅެ ހާންތިވި ފަހުން އޭނާ ގޮސް ވަނީ އަހަރެމެންގެ ދެބެންގެ ދެދަރި ކުދިންކޮޅެއް އުޅޭ ގެއަކަށެވެ. އެފަހަރު ގެންގޮސް ޑޮކްޓަރަށް ދައްކައި، އަލުން ބޭސްދީ ހަމައަކަށް އެޅުނު ފަހުން އޭނާ ކިޔައިދިން ގޮތުގައި އެ ދެ ދުވަހު ހަމަ އެއްވެސް ގެއަކަށް ދާނެ ގޮތެއް ނޭނގުނީ އެވެ. މަގު އޮޅި ވާވަނީ އެވެ. ބޭސްކެއުން މެދުކެނޑިފައިވާ ހާލަތެއްގައި އޭނާ އެކަނި ތަންތަނަށް ދާން ދޫނުކުރަން އަހަރެން އަޒުމް ކަނޑައެޅީ އެހިސާބުންނެވެ.
ސްކިޒޮފްރީނިއާގެ އަލާމާތައް ކޮންޓްރޯލްކޮށް އާންމު ހާލަތުގައި ބަހައްޓަން ކޮއްކޮއަށް ދޭ ބޭސް ކެއުން ހުއްޓުމަކީ އެކި ގޮތްގޮތުން އެކި ފަހަރު ދިމާވާ ކަމެކެވެ. ބައެއް ފަހަރު ކުރިމަތިވާ މައްސަލައަކީ ބޭސް ހުސްވުމުގެ ކުރިން ދައްކަން އުޅުނަސް ޑޮކްޓަރަކު އަތުނުޖެހުމެވެ. އަނެއް ބައި ފަހަރު އޭނާ އަމިއްލައަށް ބޭސްކެއުން ހުއްޓައިލަ އެވެ.
ކިތަންމެ ނުރައްކާތެރި ތަނަކަށް ވެސް ހިނގައިދާނެ
ނަފުސާނީ މިފަދަ ބަލިތަކުގެ މީހުން އެކަނި ތަންތަނަށް ދާން ދޫކުރުމާ މެދު މީހުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑެވެ. ބައެއް މީހުން ދެކޭ ގޮތުގައި "އޮބިިއަޅައިގެން" އެފަދަ މީހުން ހިފެހެއްޓުމަކީ ކުރެވޭނެ އަދި ކޮށްގެން ވާނެ ކަމެއް ވެސް ނޫނެވެ. އެކަމަކު ވަށައިގެން ވަރުގަދައަށް ބަންދުކޮށް، އެތައް މުވައްޒަފުންނަކާ އެކު ގާއިމްކޮށްގައިވާ މަރުކަޒުތައް ކޮންމެ ގައުމެއްގައިހެން ހުންނަނީ ބައެއް ބަލިތަކުގެ މީހުން ހަމަ ގަދަކަމުން ވެސް ހިފަހައްޓަން ޖެހޭތީ އެވެ.
އެއް ފަހަރު ކޮއްކޮ ގެއްލިފައި ފެނުނު ފަހުން ވެސް އަހަރެމެންގެ އާއިލާގައި އޮތީ ރުޅިއައިސްގެން ނުކުމެގެން ދާ ނަމަ ނުހުއްޓުވުމުގެ ވިސްނުމެވެ.
ސްކިޒޮފްރީނިއާ ހުންނަ މީހެއްގެ ރުޅިއާ މެދު މިފަދަ އާއްމު ނަޒަރަކުން އެކަމަކު ވިސްނާކަށް ނުވާނެ އެވެ. އެހެނީ އެމީހުންގެ ރުޅީގައި އެއްވެސް އަސާސެއް ނެތެވެ. ސިކުނޑީގެ މުޅި ނިޒާމަށް އަންނަ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ސަބަބުން، ވުޖޫދުގައި ނުވެސް ނެތް އަޑުތަކެއް އެމީހުންނަށް އިވެ އެވެ. އެމީހުންގެ ގަބޫލުކުރުންތައް ބައެއް ފަހަރު ބިނާކުރަނީ އެ އަޑުތަކަށް ވެސް ބިނާކޮށްގެންނެވެ.
ސްކިޒޮފްރީނިއާ ބަލީގެ މީހުންގެ މި ގަބޫލުކުރުންތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވިސްނުންތަކެއް ނޫނެވެ. މިސާލަކަށް މީހަކު ބަލައިލާ ގޮތަކުން އޭނާ ގަބޫލުކުރާނީ އެ އުޅެނީ ގެއްލުމެއް ދޭން ކަމަށެވެ. އޭނާއަކީ ދުނިޔޭގެ އެންމެން ދަންނަ މަޝްހޫރު މީހެއް ކަމަށް އެހެން ހިނދުކޮޅެއްގައި ގަބޫލުކޮށްފާނެ އެވެ. ނުވަތަ ދުނިޔޭގެ އެންމެން ކުރާ ހުރިހާ ކަމެއްގެ ވެސް އަމާޒަކީ އޭނާއަށް ގެއްލުން ދިނުން ކަމަށް ގަބޫލުކޮށްފާނެ އެވެ. އެ ހާލަތުގައި އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނެ އެވެ.
ދެވަނަ ފަހަރަށް ކޮއްކޮ ޑޮކްޓަރަށް ދައްކައި ބޭސްވެސް ކާންފެށި ފަހުން ހިނގި އެއް ހާދިސާއަކުން އަހަރެންނަށް ވިސްނުނީ ރުޅިއައިސްގެން ނުކުމެގެން ދާން ދޫނުކޮށް، ކޮންމެ ގޮތަކުން ނަމަވެސް ހިފަހައްޓަން ޖެހޭ ކަމެވެ.
"މަގޭ ފަހަތުން ނާންނާތި، އަނިޔާއެއް ވާން ނޫނީ ނާންނާތި،" ވަރަށް ބާރަށް ހިނގާފައި ދޮރާ ދިމާލަށް ދަމުން އޭނާ ބުންޏެވެ.
އެއީ އެއް ރެއެއްގެ 8:00 އެހާކަށް ހާ އިރު އެވެ. އެވަގުތު ގޭގައި ތިބި އެހެން އެންމެން ބުނަމުން ދިޔައީ އޭނާގެ ފަހަތުން ނުދިއުމަށެވެ. އެކަމަކު އެގޮތް ގަބޫލުނުކުރެވިގެން އޭނާގެ ފަހަތުން ދިޔައީމެވެ. ހުޅުމާލޭގެ ނިރޮޅުމަގަށް ނުކުމެގެން އޭނާ މިސްރާބު ޖެހީ ހުޅުލެއާ ވީކޮޅަށެވެ. ބައެއް ފަހަރަށް މަގު މެދަށް ނުކުންނާތީ އެކަމަށް ހުރަސް އަޅަން އެތައް ވާހަކައެއް ދެއްކި ނަމަވެސް އަޑެއް ނާހަ އެވެ.
ގައިގާ ހުރިހާ ބާރެއް ލާފައި އޭނާ ހިފަހައްޓަން ޖެހުނީ ހައިވޭއަށް އަރަން އުޅުމުންނެވެ. ވީއްލިފައި އޮތް އޭނާގެ ވައަތުން އަހަރެންގެ ކަންކަށި މަތީގައި ބާރު އެތިފަހަރެއް ޖެހި އެވެ. އެކަމަކު އެކަމުގެ ތެރޭގައި ދެއްކުނު ބާރެއް ދައްކައިގެން އަހަރެން އޭނާގެ މިސްރާބު ބަދަލުކުރުވީމެވެ. ނަސީބު ރަނގަޅުކަމުން ދެ ވަނަ ފަހަރަށް ހައިވޭއާ ދިމާލަށް ނުދެ އެވެ.
ފަހުން އެނގުނު ގޮތުގައި ވަރަށް ސުލްހައިގައި، އެއްބައިވެގެން އުޅޭ ވަގުތެއްގައި ވެސް މި ބަލީގެ މީހުން، ނުބައި ނިންމުމެއް ނިންމައިފާނެ އެވެ. މާލޭގައި އަހަރެންނާއެކީ އުޅެ އުޅެފައި ހުޅުމާލެއަށް ދާން ބުނީމާ މީހަކާއެކު އޭނާ ފޮނުވައިލި ދުވަހެއްގައި އެފަދަ ކަމެއް ހިނގި އެވެ. އެ މީހާ ބުނި ގޮތުގައި ހައިވޭ މައްޗަށް ކޮއްކޮ ފުންމައިލީ ހަމަ ރީތިކޮށް ވާހަކަ ދައްކަދައްކައި އިނދެފަ އެވެ.
ފުލުހުންނާއި ޖެންޑާގެ އެހީތެރިކަން ހޯދުން
ގައިބާރު ހުރި ޒުވާނަކު، ވަކިން ހާއްސަކޮށް ނަފުސާނީ މައްސަލައެއްގެ ސަބަބުން ހަމަ ވިސްނުން ނެތް މީހަކު ގަދަކަމުން ހިފެހެއްޓުމަކީ އެކަނި ކުރެވޭނެ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓީމެވެ. ފުލުހުންގެ އެހީތެރިކަން ހޯދަންވީ ރަނގަޅު ވަގުތު އަހަރެން ދެނެގަތީ އެ ވިސްނުމުގަ އެވެ.
ގެއްލިފައި ފެނުމަށް ފަހު އަލުން ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހު ވެސް އަހަރެން ފުލުހުންނަށް ގުޅީމެވެ. ހޮސްޕިޓަލާ ހިސާބަށް އޭނާ އެސްކޯޓް ކޮށްދެވޭނެ އިންތިޒާމެއް އޮތްތޯ އެވެ. ފުލުހުން ލަފާ ދިނީ ރުހުމުގައި ގެންދެވޭތޯ ބެލުމަށް ފަހު، ކާމިޔާބު ނުވެއްޖެ ނަމަ އަލުން ގުޅުމަށެވެ. އެހާލަތުގައި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވެސް ދިނެވެ.
އެގޮތް މިގޮތުން، އެތައް ވާހަކައެއް ދައްކައިގެން އެ ދުވަހު ޑޮކްޓަރަށް ދެއްކީ ފުލުހުންގެ އެހީތެރިކަމަށް ނޭދި އެވެ. ފުރަތަމަ ރުހުމުގައި ކްލިނިކަށް ދިޔަ އެވެ. އެކަަމަކު ކިއުގައި ގިނަ އިރުވާ ވަރަކަށް ރުޅި ގަދަވަމުން ގޮސް ކްލިނިކުން ނުކުމެގެން އޭނާ ދިޔަ އެވެ. އެ ދިޔަ ގޮތަށް ގޮސް އެރީ މިސްކިތަކަށެވެ.
ނަމާދުކުރާނެ ވަރަކަށް ކޮށްގެން ފޭބީމާ ކްލިނިކަށް ދާން އަނެއްކާވެސް ބުނީމެވެ.
"ކްލިނިކަށް ގޮސްދާނަން، އެކަމަކު ބުނާހާ ބޭހެއް ނުކާނަން،" ކްލިނިކާ ވީ ކޮޅަށް ހިނގައިގަންނަމުން އޭނާ ބުންޏެވެ.
ފުލުހުންނަށް ގުޅަން ޖެހުނީ ޑޮކްޓަރަށް ދައްކައި، ބޭސް ވެސް ނަގައިގެން ގެއަށް އައި ފަހުން ރޭގަނޑުގެ ވަގުތުގަ އެވެ. ބޭސް ނުކައި ނިދަން އޮއްވާ ގޮވީމާ ކޮއްކޮ ގާތަށް އައި ރުޅީގައި ހުރިހާ އެއްޗެއް ދަބަހަކަށް އަަޅަން ފެށި ހިސާބުންނެވެ. އަހަރެން އަވަސް ވެގަތީ ބޭރަށް ނުކުންނަން ހުރި ދޮރު ނުހުޅުވޭނެހެން ހުރަސް އެޅުމަށެވެ.
"މިއީ މެޑިކަލް އިމާޖެންސީ އެއް، ނަފުސާނީ ބަލިމީހެއް ހިމެނޭ ކަމެއް،" ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގުޅައި، އެޑްރެެސް ކިޔައި ދިނުމަށް ފަހު އަހަރެން ބުނީމެވެ.
ދަބަހަށް އެއްޗިހި އަޅައި ނިމިގެން ކޮއްކޮ ނުކުންނަން ދިމާކުރި އިރު، ނަސީބަކުން އެ ކޯލް ނިމިއްޖެ އެވެ. އޭނާ މަސައްކަތް ކުރީ ގަދަކަމުން އަހަރެން ދުރަށް ލާފައި ދޮރުހުޅުވާށެވެ. އަހަރެން ކުރި ކަމަކީ ތަޅުފަތްގަނޑު މައްޗަށް ނަގައި ހިފެހެއްޓުމެވެ. އޭނާގެ ހަމަލާތައް ވަރުގަދަކަމުން ތަޅުފަތްގަނޑުން އަތް މި ދޫވަނީއޭ ހިތަށް އެރި ކިތަންމެ ފަހަރެއް ދިޔަ ނަމަވެސް ފުލުހުން އައިސް ދޮރުގައި ޓަކި ދެންދެން އަހަރެން ހިފަހައްޓައިލީމެވެ.
ފުލުހުންގެ ޓީމުން އޭނާ ގެއިން ނުކުތަ ނުދީ މަޑުކުރުވީމާ އަހަރެން ބޭރަށް ނުކުމެ، އިސްކޮށް ހުރި އޮފިސަރަށް ވަރަށް ތަފްސީލުކޮށް މައުލޫމާތު ދިނީމެވެ. ޖެންޑާ މިނިސްޓްރީން ކަމާ ބެހޭ މާހިރުންގެ ޓީމެއްގެ އެހީތެރިކަން އެރޭ ފަސޭހައިން ލިބުނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.
އެޓީމުން ކޮއްކޮއާ ވާހަކަ ދައްކައިގެން އޭނާއަށް ބޭސް ދޭން ގާތްގަނޑަކަށް ދެގަޑިއިރު ހޭދަވި އެވެ. ސްކިޒޮފްރީނިއާގެ ބަލި މީހަކު ގެއްލެން ދިޔަ ނުދީ ހިފަހައްޓައިލުމަކީ މިވަރުގެ ހަނގުރާމަ އެކެވެ. މިވަރަށް ހިފަހައްޓައި ނުލެވިއްޖެ ނަމަ ދިމާވެދާނެ ވަރަށް ދެރަ ގޮތްތައް އެބަހުއްޓެވެެ.
އެހެން ގައުމުތަމުން މީގެ ހިތާމަވެރި އެތައް ހާދިސާއެއް ރިޕޯޓުކޮށްފައި އެބަ ހުއްޓެވެ.
ދެމެހެއްޓެނިވި ފަރުވާއެެއް ނުދެވެނީ ކީއްވެ؟
ސްކިޒޮފްރީނިއާ އާއި މި ނޫން ވެސް ނަފްސާނީ ބައެއް ބަލިތަކަށް ދެމެހެއްޓެނިވި ގޮތަކަށް ފަރުވާ ނުދެވެނީ ކީއްވެތޯ ބަލަން ރާއްޖޭގައި އަދި ދިރާސާއެއް ނުކުރެ އެވެ. އެކަމަކު ބައެއް އެހެން ގައުމުތަކުގައި ކޮށްފައިވާ އެފަދަ ދިރާސާތަކުގެ ނަތީޖާއާއި ރާއްޖޭން ފެންނަ މަންޒަރާ ގާތްކަމެއް އެބަ ހުއްޓެވެ.
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެޝަނަލް އިންސްޓްޓިއުޓް އޮފް މެންޓަލް ހެލްތު އެންޑް ނިއުރޯ ސައިސަންސް އިން 2016 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެގައުމުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ތެރެއިން 50 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުން ތިބެނީ ދެމެހެއްޓެނިވި ފަރުވާއެއް ނުލިބި އެވެ. ފަރުވާގެ ވަސީލަތްތައް ތަނަވަސްވެފައި ހުއްޓަސް، ބައެއް މީހުން ފަރުވާ ލިބި ނުގަންނަކަން ވެސް އެ ދިރާސާއިން އެނގުނެވެ.
ނަފްސާނީ ބަލީގެ ފަރުވާ ލިބި ނުގަންނަ ސަބަބުތައް ބަލަން އެ ދިރާސާގައި ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި އޭގެ އެއް ސަބަބަކީ ބަލައިގަނެވޭ ވަރުގެ ހެޔޮ ބަދަލެއް އެ ފަރުވާތަކުން ނައުމެވެ. ދިގުމުއްދަތަކަށް ފަރުވާ ހޯދުމުގެ މުހިއްމުކަމުގެ ހޭލުންތެރިކަން ނެތުމާއި މާލީ ދަތިކަމަކީ ވެސް ފަރުވާ ލިބި ނުގަންނަ ސަބަބުތައް ކަން އެ ދިރާސާއިން އެނގުނެވެ.
ފަރުވާއަށް މީހުން ގެންދަން ބާރު އަޅަން ޓީމުތައް ނެރެގެން ވެސް އެ ދިރާސާގެ ބައެއްގެ ގޮތުގައި މަސައްކުރި އެވެ. އެ މަސައްކަތުން އެނގުނު ގޮތުގައި ސްކިޒޮފްރީނިއާގެ ބަލިމީހުންނަށް ފަރުވާ ދޭން ފެށުމަށް ފަހު ހުއްޓުމުން، އަލުން ފަށަން އާއިލާތަކުން ފަސް ޖެހެ އެވެ. އެއީ ކުރިން ދިން ފަރުވާއިން އެކަށީގެންވާ ހެޔޮ ބަދަލެއް އައިކަމަށް އާއިލާތަކަށް ގަބޫލުނުކުރެވޭތީ އެވެ.
ސްކިޒޮފްރީނިއާއަކީ ވަރަށް ސީރިއަސް ބައްޔެކެވެ. އެކަމަށް ފަރުވާ ކުރާ މީހަކަށް، އާއިލާ އަދި ރަހުމަތްތެރިންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. އަދި މިފަދަ ބަލި މީހުން ރާއްޖޭގައި ވެސް އުޅޭކަން ދަނެ، ދައުލަތުން ވެސް އެމީހުންނަށް ފަރުވާ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރަންޖެހެ އެވެ.












