ސައޮ ޕައޮލޯ (ސެޕްޓެމްބަރު 30) - އަންނަ އާދިއްތަ ދުވަހު ބްރެޒިލްގެ ރިޔާސީ އިންތިހާބު ބާއްވާއިރު، އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ، ސިޔާސީ ރެލީތަކުގައި ބްރެޒިލްގެ ފުޓްބޯޅަ ޓީމުގެ ރަސްމީ ޖޯޒީ ކުލަތައް ބޭނުންކުރާ މައްސަަލަ ހޫނުވެއްޖެ އެވެ.
މިދިޔަ މަހު ބްރެޒިލުން ވަނީ އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރާ ޖޯޒީ ދައްކާލައިފަ އެވެ. އެ ޖޯޒީ އާންމުކުރިތާ މާގިނަ ދުވަހެއް ނުވެ، ބްރެޒިލްގެ ރައީސް، ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ ބްރެޒިލް ޓީމުން ބޭނުންކުރާ ރީނދޫ ކުލަޔާއި ފެހި އަދި ނޫ ކުލަ ކެމްޕެއިންތަކުގައި ބޭނުންކުރަން ފަށައިފަ އެވެ.
އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ބްރެޒިލްގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ބޮލްސޮނާރޯ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ބްރެޒިލަކީ ފުޓްބޯޅަ ގައުމަކަށްވާއިރު، ޓީމުގެ ރަސްމީ ކުލަ ސިޔާސީ މަގުސަދެއްގައި ބޭނުންކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއް ކުރިމަތީގައި އޮއްވައި، ބްރެޒިލް ސަރުކާރުގައި މި ވަގުތު ތިބި ބަޔަކު، ޓީމާ މެދު ސަޕޯޓަރުންގެ ހިތުގައި ނަފްތަރު އުފެދޭނެ ގޮތަކަށް އަމަލުކުރާތީ ހިތާމަކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ބްރެޒިލްގެ ތާރީހު ދިރާސާކުރާ ޕްރޮފެސަރު، މަޓެއުސް ގަމްބާ ޓޯރޭސް ވިދާޅުވީ ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކުލަތައް ސިޔާސީ ބޭނުމަށް ބޭނުންކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ. އެ ގޮތުން، މީގެ އަށް އަހަރު ކުރިން ބްރެޒިލްގެ ރައީސަކަށް ހުންނެވި، ޑިލްމާ ރޫސެފްއާ ދެކޮޅަށް މުޒާހަރާކުރިއިރު، ވެސް އޭރުގެ އިދިކޮޅުން ބޭނުންކުރީ ބްރެޒިލް ގައުމީ ޓީމުގެ ކުލަތައް ކަމަށް ޓޯރޭސް ވިދާޅުވި އެވެ.
އޭގެ ފަހުން، ބްރެޒިލްގެ މިހާރުގެ ރައީސް ބޮލްސޮނާރޯ، 2018 ވަނަ އަހަރުގެ ސިޔާސީ ހަރަކާތްތަކުގައި ވަނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކުލަތަށް ބޭނުންކޮށްފަ އެވެ. ސިޔާސީ ގޮތުން އެކި ފަހަރު މަތިން، ބޮލްސޮނާރޯ އަންނަނީ ބްރެޒިލްގެ ފުޓްބޯޅަ ޓީމުގެ ކުލަތަށް ބޭނުންކުރަމުންނެވެ.
ބްރެޒިލްގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ރިޕޯޓްކުރާގޮތުގައި ބޮލްސޮނާރޯ، ބްރެޒިލް ޓީމުގެ ކުލަތަށް ބޭނުންކުރަނީ މީހުންގެ ނަޒަރުގައި އޭނާ އަކީ ތާއީދު އޮތް ފަރާތެއްގެ ގޮތުގައި ދެއްކުމުގެ ބޭނުމުގަ އެވެ.
މި އަހަރަކީ މުޅި ބްރެޒިލުން އަނެއްކާ ވެސް ވޯލްޑް ކަޕަށް ތައްޔާރުވާ އަހަރެއް ކަމަށްވާއިރު، މިހާރު ސިޔާސީ ކަންކަމުގައި އެ ގައުމުގެ ފުޓްބޯޅަ ޖޯޒީގެ ކުލަތައް ބޭނުންކުރާތީ، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ޖޯޒީ ގަތުމަކީ ވެސް ސިޔާސީ ކަމެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












