ޔޫސުފުލްޤަރަޟާވީ–ގަރުނެއްގެ ހިދުމަތް ދެއްވި މުޖައްދިދެއް

އިސްލާމީ ފިގުހުގެ އެންމެ މަޝްހޫރި އިލްމުވެރިޔާ، ޑރ. ޔޫސުފުލްޤަރަޟާވީ --ފޮޓޯ: ދަ ނިއު އަރަބް

އިސްލާމީ ފިގުހުގެ އެންމެ މަޝްހޫރި އިލްމުވެރިޔާ، ޑރ. ޔޫސުފުލްޤަރަޟާވީ --ފޮޓޯ: ދަ ނިއު އަރަބް

އަޒުހަރުގައި ތައުލީމު ހާސިލުކުރަމުން ގެންދިޔަ ޒުވާނަކު އޭނާގެ އުސްތާޒު އަރިހުގައި ކުރި ސުވާލަކާ ގުޅިގެން ކުލާހުން ބޭރުކޮށްލެވުނެވެ. އެސުވާލަކީ، 'އިސްލާމީ ފިގުހުގައި ނަމާދާއި ރޯދައާއި ޒަކާތާއި ހައްޖާއި މިނޫންވެސް އާންމު އަހުކާމްތައް އެކަނި ކިޔަވައިގެން މިޒަމާނުގައި ފުދޭނީ ކިހިނަކުންތޯ' އާއި، ފެންނާން މިހިރަ ބޭންކުތަކާއި އަލަށް އުފެދެމުންދާ ވިޔަފާރިތަކުގެ ހުކުމްތައް ކިޔަވައިނުދެނީ ކީއްވެގެންތޯ ބުނެ ކޮށްލި ސުވާލެވެ. ޒަމާނީ ވިޔަފާރިތައް އިސްލާމީ ފިގުހާ ދިމާ ނުވާނަމަ، އިސްލާމީ ގިޔުގަނޑުގައި ވިޔަފާރިއާއި އިގުތިސާދު އޮންނާންވީ ގޮތް ކިޔަވައިނުދެވި އިސްލާމްދީން ކިޔަވައިދެވުނީ ކަމަށް ވާނެތޯ ކުރެވުނު ސުވާލެވެ. އާދޭހެވެ. އެއީ މީގެ ބައިގަރުނަށްވުރެ ވެސް އިހުގެ މާޒީ އެވެ.

އެދުވަހު އެ ސުވާލާ ގުޅިގެން ކުލާހުން ބޭރުކޮށްލެވުނު ދަރިވަރަކީ މި ޒަމާނުގެ އިސްލާމީ ފިގުހުގެ އެންމެ މަޝްހޫރި އިލްމުވެރިޔާ، ޑރ. ޔޫސުފުލްޤަރަޟާވީ އެވެ. އޭރު އަޒުހަރުގެ އިސްލާމީ ޝަރީއަތުގެ ޑިގްރީ ޕްރޮގްރާމުގައި ޒަމާނީ މައްސަލަތަކާއި މިޒަމާނުގެ ބަދަލުތަކަށް އެޑްރެސްކުރެވިފައެއް ނުވެ އެވެ. (މިޒަމާނުގެ ބައެއް އިސްލާމީ ޔުނިވަސިޓީތައް ހުރީ އަދިވެސް އެހިސާބުގަ އެވެ.) މިއަދުގެ އަޒުހަރުގެ އިސްލާމީ ޝަރީއާ ޕްރޮގްރާމް ބަލައިފި މީހަކަށް އެޝަކުވާއެއް ނުކުރެވޭނެ އެވެ. އިސްލާމީ އިގުތިސާދުގެ ޒަމާނީ ފިގުހު، ހާއްސަކޮށް ބޭންކުތަކުގެ ވިޔަފާރީގެ އިސްލާމީ ނަޒަރިއްޔާތުތައް ޒަމާނީ ހުށަހެޅުމެއްގައި ހުށަހަޅާލަދެއްވި ބާނީއަކީ ޑރ. ޔޫސުފުލްޤަރަޟާވީ އެވެ. ހަމަ އެކަނި ޒަމާނީ ވިޔަފާރިއާއި ބޭންކުތަކުގެ ހުކުމްތަކެއް ނޫނެވެ.

ޑރ. ޔޫސުފުލްޤަރަޟާވީ ހިމެނިވަޑައިގަތީ، މުސްކުޅި ފިގުހަށް ޒަމާނީ ފުރާނަ އެޅުއްވި ބޭފުޅާ ކަމުގަ އެވެ. މިއީ ހަމަ ހުރެފައި ދެންނެވި ވާހަކައެއް ނޫނެވެ. އަޑުއައްސަވާށެވެ! އިހުގެ ފިގުހު ފޮތްތައް ބައްލަވައިފި ބޭފުޅަކަށް އެފޮތްފޮތުގެ މުސްކުޅި ތަރުތީބާއި ބޯދާ ވައްޓަފާޅި އެނގި ހާމަވާނެ އެވެ. ޔޫރަޕާއި އެމެރިކާގެ އާބާދީން އިސްލާމްވަމުން އަންނަ ޒަމާނީ ވިސްނުމުގެ ސިކުނޑިތަކަށް މި ދެންނެވި ފޮތްފޮތް ހުރި ގޮތަށް ތަރުޖަމާކޮށްގެން ދީން ފަހުމްކޮށްދިނުމުގެ އުނދަގޫކަން އިސްލާމީ ދައުވަތާ ބެހޭ އެތައް ޖަމިއްޔާތަކަކަށް ދިޔައީ ފާހަގަކުރެވެމުންނެވެ. އެގައުމުތަކުން އަލަށް އިސްލާމްވަމުންދިޔަ މުސްލިމުންނަށް ފަސޭހަކަމާއެކު އިސްލާމީ ފިގުހު ދެނެގަނެވޭނެ ގޮތެއް ބޭނުންވާކަމުގެ ހުށަހެޅުންތައް އެގައުމުތަކުގެ އެމްބަސީތަކުން މިސްރުގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަމުންދިޔައީ އެކިފަހަރުމަތީންނެވެ. ޑރ ޔޫސުފުލްޤަރަޟާވީއާ ހަވާލުކުރެވުނީ އެމަސައްކަތުން ބަޔެކެވެ. މުސްލިމަކަށް ހަރާންވާނެ ކަންކަމާއި ހަލާލުވާނެ ކަންކަން ބަޔާންކޮށް ލިޔުއްވުމުގެ މަސައްކަތެވެ. އެމަސައްކަތާ ގުޅިގެން އޭރުގެ ފުންނާބު އުސް ވަރަށް ބޮޑެތި އިލްމުވެރިން ވިދާޅުވީ އެއީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ދީނުގައި ހަރާމް ކަންކަމާއި ހަލާލު ކަންކަން ބަޔާންކުރެވިފައި ހުރީ ފިގުހު ފޮތްތަކުގެ އެކި ބާބުތަކުގައި އެތަން މިތަނުގައި ވަރަށް ތަފުސީލު ގޮތުގަ އެވެ. އެހެންވީމާ ލުއި ފޮތެއްގައި ލުއި ގޮތަކަށް ހަރާން ހަލާލު ބަޔާންކުރުމަކީ ކުރެވިދާނެ ކަމެއްކަމާމެދު ސުވާލު އުފެއްދެވީ އާދައިގެ ބޭބޭފުޅުންނެއްނޫނެވެ.

Advertisement

ނަމަވެސް އެކަމާ ގުޅިގެން ޑރ ޔޫސުފުލްޤަރަޟާވީ ވިދާޅުވީ ތިމަންނާ ކުރީ ސައްޔިދުނާ މޫސާ އަލައިހިއްސަލާމް ކުރެއްވި ދުއާކަމަށެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ކަލާކޯ އެވެ. މިއަޅާގެ މޭ ތަނަވަސްކޮށްދެއްވާ މިއަޅާގެ ކަންތައް ފަސޭހަކޮށްދެއްވާށި އެވެ!" މިދުއާ އެވެ. އެންމެ އުނދަގޫވި ކަމަކީ ފޮތް ފަށާނެ ގޮތަކާމެދު ވިސްނައިގަންނަންކަމަށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއް ރެއެއްގައި ހަމަ ކުއްލިއަކަށް އިލްހާމެއްގެ ސިފައިގައި މާތް ﷲ އެކަލާނގެ ރަހުމަތުން އެކަން ކުރާނެ ގޮތުގެ ވިސްނުން ދެއްވި އެވެ. އެއީ އެފޮތް ބަހާލާނެ ބާބުތަކެވެ. ފުރަތަމަ ބާބުގައި ހަލާލާއި ހަރާމްގައި އިސްލާމްދީން ގެނެސްދީފައިވާ އާންމު ޕްރިންސިޕަލްތައް ބަޔާންކުރާނީ އެވެ. ދެވަނަ ބާބުގައި ކެއިންބުއިމާއި ހެދުންއަޅައި ޒީނަތްތެރިވުމާއި ގެދޮރާއި އާމުދަނީ ހޯދުންފަދަ މުސްލިމެއްގެ ޒާތީ ދިރިއުޅުމުގެ ހަލާލު ހަރާން ބަޔާންކުރާނީ އެވެ. ތިންވަނަ ބާބުގައި، ވަރިކައިވެންޏާއި މައިބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުންނާއި އެޑޮޕްޝަންފަދަ އާއިލީ ކަންކަމާ ގުޅޭ ހަލާލު ހަރާން ބަޔާންކުރާނީ އެވެ. ހަތަރުވަނަ ބާބުގައި ގަބޫލުކުރުންތަކާއި އާދަކާދަތަކާއި ވިޔަފާރިމުއަމާލާތްތަކާއި މުނިފޫހިފިލުވުމާއި އެއް މުސްލިމަކު އަނެއް މުސްލިކާ އޮންނަންޖެހޭ ގުޅުންފަދަ މުސްލިމެއްގެ އިޖުތިމާއީ އަދި އާންމު ހަޔާތުގެ ކަންކަމާ ގުޅޭ ހަލާލު ހަރާން ބަޔާންކުރާނީ އެވެ.

މިވިސްނުމުގެ މައްޗަށް ޒަމާނީ ކޮންސެޕްޓްގައި އިސްލާމީ ފިގުހަށް، ފޮތެއްގެ ސޫރަ ޑރ. ޔޫސުފުލްޤަރަޟާވީ ޖެއްސެވީ، މިސްރުގެ ފުންނާބު އުސް އެތައް އިލްމުވެރިންނަކަށް އިލްމީގޮތުން ގޮންޖައްސަވަމުންނެވެ. މަޝްހޫރު އިލްމުވެރިޔާ އަބުލްވަފާ އަލްމަރާޣީ ފުރަތަމަ އެކަން ސިފަކުރެއްވީ ނޭނގިހުރެ ޤަރަޟާވީއަށް ކުރިމަތިލެއްވުނު އުނދަގޫ އިމްތިހާނެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން ފޮތް ބައްލަވާފައި ވިދާޅުވީ އިމްތިހާނުން ފާސްވެއްޖެކަމަށެވެ. ޓައިޕްކުރެވޭނެ މާލީ ތަނަވަސްކަން އޭރު ނެތުމާގުޅިގެން ފޮތް ފުރަތަމަ ލިޔުއްވީ ވެސް އަމިއްލަފުޅު އަތްޕުޅުންނެވެ. އެމަސައްކަތަކީ ކުރެވޭނެ މަސައްކަތެއްކަމަށް ގަބޫލުނުކުރެއްވުނު އެތައް އިލްމުވެރިންނެއް ފަހުން ޑރ ޔޫސުފުލްޤަރަޟާވީގެ މަސައްކަތް ބަލައިގަނެ، ތައުރީފުކުރައްވާފައި ވެއެވެ. ގެނެސްދެއްވާފައިވާ ފަސޭހަ ލުއި ހުށަހަޅައިދިނުމުގެ ސަބަބުންނެވެ.

ޑރ. ޔޫސުފުލްޤަރަޟާވީ -- ފޮޓޯ: އަލް-މެސްބަ
ޑރ. ޔޫސުފުލްޤަރަޟާވީ -- ފޮޓޯ: އަލް-މެސްބަ

ޑރ. ޔޫސުފުލްޤަރަޟާވީ -- ފޮޓޯ: އަލް-މެސްބަ

އާދޭހެވެ! އޯޑިއަންސަކީ އަލަށް އިސްލާމްވަމުންދިޔަ ޒަމާނީ ތަހުޒީބު މުޖުތަމައުތަކުގެ މުސްލިމުންނެވެ. އެނޫން ބަޔަކު އިސްލާމީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ވެސް މިއަދު އުޅޭހެނެއް ހިއެއް ނުވެ އެވެ. މުސްލިމުންގެ ގޮތުގައި އުޅެބޮޑުވަނީ އަލަށް އިސްލާމްވާން ބަޔަކާ އެއްފަދައިންނެވެ. ފޮތް އެހާ މަގުބޫލުވީ އެހެންވެގެންނެވެ. ފޮތްވަނީ އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، ސްޕެނިޝް، ބޮސްނިޔާ އަދި އަލްބާނިޔާ ފަދަ ޔޫރަޕްގެ ބޮޑެތި ބަސްބަހަށް ތަރުޖަމާކުރެވިފަ އެވެ. ޗައިނާފަދަ އޭޝިޔާގެ ބޮޑެތި ބަސްބަހަށް ތަރުޖަމާކުރެވިފަ އެވެ. އެހެންނޫނަސް އޭޝިޔާގެ ގިނަ ގައުމުގެތަކުގެ ތައުލީމީ ބޭފުޅުންނަށް އިނގިރޭސި ބަހުން އޮތުމުން ފުދޭ މެއެވެ.

ޑރ. ޔޫސުފުލްޤަރަޟާވީ ހަލާލާއި ހަރާމް ބަޔާންކޮށްދެއްވައި ފޮތެއް ލިޔުއްވީ އެކަންޏެއް ނޫނެވެ. ވޭތުވެދިޔަ ދެ ގަރުނެއްހައި މުއްދަތުގެ ތެރޭގައި ހުރިހާ މައުޟޫއެއްގައި ހުރިހާ ދާއިރާއެއްގައި އިސްލާމީ ހުކުމްތަކަށް ބަހުސްކުރެއްވި އެނޫން ބޭފުޅަކު ދާދި ނެތޭ ބުނުން އަޅުގަނޑުގެ ހަމައިގައި ގޯހަކަށް ނުވެ އެވެ. ވޭތުވެދިޔަ ދެގަރުނެއްހައި ތަން ބަލާލާއިރު، ބޮޑެތި ހަދީސް އިލްމުވެރިން ދުނިޔެ ދެކެފައި ވެއެވެ. އަދި އެފަދަ ބޭބޭކަލުން ހަދީސް ފޮތްފޮތުން އާބާތުރަ ފިއްލަވައި، ސައްހަ، ނުސައްހަ ބައްލަވައި ޒަމާނީ ފޭރާމުގައި މުޖުތަމައަށް ނެރެ ދެއްކެވި އެވެ. އެކަމަކު އެބޭބޭކަލުންގެ މުއްސަނދި ކުތުބުހާނާގައި ވިޔަފާރިއާއި އިގްތިސާދާ ގުޅޭ އިލްމީ މަގާލާތުތަކާއި ފޮތްފޮތެއް ނުހުންނާނެ އެވެ. މުސްލިމުންގެ އަޅުކަމާ ގުޅޭ ކަންކަމުގައި ވަގުތުން ފަތުވާދެއްވުމުގެ ދުވާލެއް ރޭގަނޑެއް ކުޑަނަމަވެސް ދުލެއް ދެއްވުމެއް ނެތި މަސައްކަތްކުރެއްވުމުގައި އުންމަތަށް ހިދުމަތްކުރެއްވި މުފްތީން މި ދެ ގަރުނުގައި މަދެއް ނޫނެވެ. އެކަމަކު ޒަމާނީ މައްސަލަތަކުގައި ވަށައިޖެހޭ، އެކެޑަމިކް އިސްލާމީ ރިސަރޗްތައް ހައްދަވައިގެން ފޮތްލިޔުއްވި ބޭފުޅުން މަދެވެ. އަދި މިދެންނެވި މުފްތީންގެ ލައިބްރަރީން އެފަދަ އެކަޑަމިކް މަސައްކަތެއް މަދުން ނޫނީ ފެންނާކަށް ނެތެވެ.

ޑރ. ޔޫސުފުލްޤަރަޟާވީ ހާއްސަވަނީ އެހެންވެގެންނެވެ. އިސްލާމްދީނުގެ ރުކުންތަކަށް ބައްލަވާށެވެ. ފަސް ރުކުނުގެ ތެރެއިން އެންމެ ބޮޑަށް ޒަމާނީ ފިގުހާއެކު އައު ކަންކަން އުފެދި އަންނާނީ ކޮން ރުކުނަކާ ގުޅިގެންތޯ ވިސްނާލާއިރު، ޖަވާބުދޭކަށް އުނދަގުލެއް ނުވާނެ އެވެ. ސަބަބަކީ މީގެ ސާދަސަތޭކަ އަހަރާއި މިޒަމާނާއި އޮތް އެންމެ ބޮޑު ފަރަގު ފެންނާން އޮތީ ވިޔަފާރިއާއި އިގްތިސާދާއި މުދަލުގެ ކަންކަމުގައި ނޫންތޯ އެވެ. ޒަކާތުގެ ފިގުހުގެ ނަމުގައި، އިސްލާމްދީނުގެ އެއް ރުކުނުގެ ހުކުމްތައް، ޒަމާނީ އައު ކަންކަމުގެ ހުކުމްތަކާއެކު ބަޔާންކުރައްވައި ފޮތެއް ލިޔުއްވަންޖެހޭނޫންތޯ އެވެ. އެކަންކުރެއްވީ ޑރ ޔޫސުފުލްޤަރަޟާވީ އެވެ.

އިސްލާމީ ތާރީހާމެދު ވިސްނަވާށެވެ. އިސްލާމީ ތާރީހުން ބައެއް ވިދާޅުވި ކޮންމެ މީހަކަށް އެންމެ ފަސޭހައިން ފެންނާން ހުރީ ހަނގުރާމަތަކުގެ ތާރީހެވެ. އެ ތާރީހީ ވާގިއާތައް ހުށަހަޅައިދީފައިވާ ގޮތުން، ވެރިކަމާއި ބާރުވެރިވެރިކަން ހޯދުމަށް ކޮށްފައިވާ ހަނގުރާމަތަކެއްގެ އަސަރު މެނުވީ އެއަކުން ފެންނާކަށް ނެތެވެ. އިސްލާމީ ހުކޫމަތަކީ ދުނިޔޭގެ މުދަލާއި ބާރުވެރިކަމާ ގުޅިލާމެހިފައިވާ އެއްޗެއްގެ ގޮތުގައި ސިފަކޮށްދެވިފައި އޮތީ ދީނުގެ އަސާސްތައް ކިލަނބުވާ ދަރަޖައަށެވެ. 'އަވަ ހިސްޓަރީ އިސް ސލެންޑަރޑް' ނުވަތަ 'ދޮގުހަދާ ހަޑިކޮށްލާފައިވާ އިސްލާމީ ތާރީހު' މިފޮތަކީ އިސްލާމީ ތާރީހުގެ ހަގީގީ ސޫރަ ކުރައްސަވައިދެއްވުމަށް ޑރ ޔޫސުފުލްޤަރަޟާވީ ކުރެއްވި މަސައްކަތެވެ. އިސްލާމީ ތާރީހު ބަޔާންކުރުމުގައި ދީނުގެ ތަސައްވުރު ހަޑިކޮށްލެވިފައިވާކަމަށް ވިދާޅުވެ، ޑރ. ޔޫސުފުލްޤަރަޟާވީ ކުރެއްވި މި މަސައްކަތްޕުޅަކީ އިސްލާމީ ތާރީހާމެދު ދެކެވެމުން އައި ނަޒަރިއްޔާތައް އަލުން ދިރާސާކުރުމަށް މަޖުބޫރުކުރުވި މަސައްކަތްޕުޅެކެވެ.

ހަމައެކަނި ނަމޫނާގެ ގޮތުގައި މިލިޔުމުގައި މި ފާހަގަކޮށްލީ އެންމެ ދެފޮތެއްގެ ވާހަކައާއި އެދެފޮތް ލިޔުއްވި ސަބަބެވެ. އެކަމަކު ޑރ ޔޫސުފުލްޤަރަޟާވީގެ ފޮތްތަކަކީ ލުއިފޮތްތަކުން ފެށިގެން ބޯ މުޖައްލަދުތަކުގެ ނަންބަރުތަކުގެ މައްޗަށް އެކުލެވޭ ފޮތްފޮތާ ހަމަޔަށް އަދަދުގެ ގޮތުން ގިނަ، އިލްމީ ގޮތުން މުއްސަނދި ހަޒާނާއެކެވެ. ލިޔުއްވީ ވަކި ދާއިރާއަކުންނޫނެވެ. އަޅުކަމުގެ ދާއިރާ ބެއްލެވިޔަސް ފަސޭހަކަމާއެކު ކޮންމެ މައުޟޫއަކަށް ވަނީ ގަލަންކޮޅު ހިންގަވާފަ އެވެ. ވިޔަފާރިއާއި އިގްތިސާދުން ފެށިގެން ތިމާވެއްޓާ ހަމައަށް ވަނީ އިންސާފުކުރައްވާފަ އެވެ. މުނިފޫހިފުލުވުމުގެ ހުކުމްތަކަށްވަނީ އަލިއަޅުއްވާފަ އެވެ. އަހުލާގީ މައުޟޫތަކަށް ވަނީ ލިޔުއްވާފަ އެވެ. އަގީދާގައި އަޒުހަރުގެ ގިނަ އިލްމުވެރިން ތަބާވި އަޝްއަރީ މަޒުހަބަށް ފާޑުވިދާޅުވެ، މަދީނާގެ ގިނަ އިލްމުވެރިން ނަމޫނާ ނަންގަވާ އިބްނު ތައިމިއްޔާއާއި އިބްނު ޤައްޔިމްގެ ވިސްނުންފުޅުން އަގީދާގެ މައުޟޫތައް އަހުލުއްސުންނާގެ ވިސްނުންފުޅުތަކުގެ މައްޗަށް ބައްޓަންކުރެއްވީ ސޫފީންގެ މަތިވެރި އަހުލާގާއި އިސްލާމީ ފަލްސަފާ އިހުމާލުކޮށްލުމެއް ނެތި އެވެ. ޒަމާނީ މައްސަލަތަކުގެ ހުކުމްތައް ބަޔާންކޮށްދެއްވައި، އިސްލާމީ ފިގުހު ޒަމާނީ ސިފައަކުން ހުށަހަޅުއްވައިދެއްވީ، ދީނާއި ދައުލަތް ވަކިކުރުމަށް ގޮވާލަމުންދާ ފިކުރަށް ވެސް ރައްދުދެއްވަމުންނެވެ. އިސްލާމީ ވިސްނުންތަކުގެ ނަމުގައި ހިންގޭ ހަރުކަށި އަމަލުތައް ހުއްޓުވައި ޓެރަރިޒަމާ ހަނގުރާމަކުރެއްވީ، އިސްލާމްދީނާ ބީރަށްޓެހި ހިޔާލުތަކުން އިސްލާމީ ވެށިތައް ސަލާމަތްކުރުމުގެ ގޮވާލުންތަކާއެކު އެވެ.

ހަމައެކަނި ލިޔުއްވީކީނޫނެވެ. އަނގަބަހުން ދައުވަތުދެއްވުމުގައި ދެއްވި ލެކްޗަރުތަކާއި، ހުތުބާތައް އެހެން އެއްވެސް ބޭފުޅަކަށްވުރެ މަދެއް ނޫނެވެ. އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ދެއްވި ފަތުވާތައް މަދެއް ނޫނެވެ. ބައިވެރިވެޑައިގެންނެވި ސެމިނާރުތަކާއި ނަދުވާތައް އަދަދުކުރެވޭވަރަށްވުރެ ގިނަ އެވެ. އެކިއެކި ބައިނަލްއަގުވާމީ މުއައްސަސާތަކާއި ކޮމިޓީތަކުގެ މެންބަރުކަން ކުރެއްވީ ނަމެއްގައެއް ނޫނެވެ. މަސައްކަތުގެ އަސަރާއި ނަތީޖާ ދައްކުވައިދެއްވަމުންނެވެ. އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާގައި އަދި ޒުވާނުން ހޭލުންތެރިކުރެއްވުމުގެ ދާއިރާގައި ވެސް ކުރެއްވި މަސައްކަތްޕުޅުތަކަކީ މިހެން ލިޔާ ލިޔުމެއްގައި ފަސޭހައިން ސިފަކުރެވޭ ވަރަށްވުރެ ގިނަ ވަގުތު އެކަމަށް ހޭދަކުރެއްވި ބޮޑެތި ހިދުމަތްތަކެވެ.

މާތް ނަބިއްޔާގެ ހަދީސްފުޅުގައިވަނީ، ކޮންމެ ސަތޭކަ އަހަރަކުން އެއް ފަހަރު ދީން އައުކޮށްދެއްވާނޭ ބޭކަލަކު ފޮނުއްވާނެކަމުގަ އެވެ. ދީން އައުކޮށްދޭނެކަމަށް ހަދީސްކުރެއްވި ބަސްފުޅުގެ މުރާދަކީ، ދީން ބަޔާންކޮށްދިނުމުގައި އެކި ބޭފުޅުންގެ ހައްދުފަހަނައެޅުންތަކާއި އިހުމާލުތައް ނައްތާލައި އެޒަމާނަކަށް އެޒަމާނެއްގެ ބަހުރުވައިން އިސްލާމީ ދައުވަތު ފޯރުކޮށްދެއްވުމެވެ.

ހަދީސްފުޅުގައި ބަޔާންކުރައްވާ މުޖައްދިދަކީ ކޮބައިތޯ ކޮންމެ ގަރުނެއްގެ އަހުލުވެރިން ބަހުސްކުރައްވަ އެވެ. ބައެއް އިލްމުވެރިން އެބޭކަލުންގެ އަމިއްލަ ނަފުސަށް ވެސް އެކަން ނިސްބަތްކުރައްވައި ދައުވާކުރައްވާފައި ވެއެވެ. ޑރ. ޔޫސުފުލްޤަރަޟާވީ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަވަހާރަވީ މިއަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ.

ޑރ. ޔޫސުލްޤަރަޟާވީއާ އެއްޒަމާނެއްގައި ދިރިއުޅުއްވި އިލްމުވެރިންގެ ތެރޭގައި ހަދީސް އިލްމުގެ ބޮޑެތި އިލްމުވެރިން ހިމެނިވަޑައިގަންނަވަ އެވެ. އަޅުކަމުގެ ދާއިރާގައި ފަތުވާދެއްވުމުގައި އެފަދަ ދެވަނައެއް ނެތް ބޭކަލުން ހިމެނިވަޑައިގަންނަވަ އެވެ. ވަކިވަކި ދާއިރާތަކުން ރިސާރޗްތައް ހައްދަވައި ފޮތް ލިޔުއްވި ބޭކަލުން އެބަތިއްބެވި އެވެ. މުސްކުޅި ފިގުހުގެ މަޒުހަބުތައް ހުރިގޮތަށް ޒަމާނީ ފޯމެޓަށް ގެންނެވި ފިގުހީ މާހިރުންވެސް ދުނިޔޭގައި އުޅުއްވި އެވެ. އެކަމަކު ވަށައިޖެހޭ، ޝާމިލް ދިރާސާތައް ހުރިހާ މައުޟޫއެއްގައި ލިޔުއްވި ބޭކަލެއް ޑރ ޔޫސުފުލްޤަރަޟާވީ ފިޔަވައި ކޮބާތޯ އެވެ؟ ވިޔަފާރިއާއި އިގްތިސާދުގެ އިސްލާމީ ހުކުމްތައް ބަޔާންކުރެއްވުމުގައި، އަޅުކަމުގެ ފިގުހަށް ކުޑަވެސް ދޫދެއްވުމެއް ދެއްވާފައި ނުވާ ބޭފުޅަކީ އެހެން ކޮން ބޭފުޅެއްތޯ އެވެ؟ ހަރުކަށި ފިކުރާ ހަނގުރާމަކުރެއްވުމާއެކު ލާދީނީ އޮއިވަރުތަކަށް ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެފަދަ މަސައްކަތެއް ކުރެއްވި ދެވަނަ ބޭކަލަކީ ކޮބައިތޯ އެވެ؟ ޝަހާދަތުގެ ދެކަލިމައިން ފެށިގެން މުނިފޫހިފިލުމުގެ ފިގުހާ ހަމައަށެވެ. ވިޔަފާރިއާއި އިގްތިސާދުން ފެށިގެން ތިމާވެށީގެ ހުކުމްތަކާ ހަމައަށެވެ. އަމަލީ މައިދާނުގައި ހަރަކާތްތެރިވީ ފަރުދީގޮތުންނާއި ޖަމާއަތުގައި އިސްނެންގެވުމުގެ ތެރެއިންނެވެ.

ޑރ. ޔޫސުފުލްޤަރަޟަވީއަކީ ހަމައެކަނި ހުތުބާ ދެއްވި ހަތީބެއް ނޫނެވެ. ހަމައެކަނި ނަސޭހަތްދެއްވި ވާއިޒެއް ނޫނެވެ. ފަތުވާދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރެއްވި މުފްތީއެއް ނޫނެވެ. ހަމައެކަނި ފޮތް ލިޔުއްވުމުގައި ހޭދަކުރެއްވި ލިޔުންތެރިއެއް ނޫނެވެ. އެހެންނެއްނޫނެވެ. ލިޔުންތެރިއެކެވެ. ވާއިޒެކެވެ. މުފްތީއެކެވެ. ޒަމާނީ އެތައް މައްސަލަތަކެއްގެ އިސްލާމީ ހައްލު ގެނެސްދެއްވި މުޖައްދިދެވެ. އުންމަތުގެ އިލްމުވެރިން ލީޑްކުރެއްވި ލީޑަރެވެ. މިޤަރުނުގައި އެފަދަ އެހެން ބޭފުޅަކީ ކޮބައިތޯ އެވެ؟

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox