އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީއާއެކު ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.
ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމުކުރި ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މަލާވީ ސަރުކާރުގެ ފަރާތުން އެ ލިޔުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ނޭންސީ ޓެމްބޯ އެވެ.
އެ ހަފްލާއާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެކުވެރި ދައުލަތްތަކާއެކު ގުޅުން ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ އިސްކަންދޭ މަސައްކަތް ކަމަށެވެ.
އަދި މަލާވީއާއެކު ހާރިޖީ ގުޅުން ގާއިމުވެގެން ދިޔުމަކީ، ދެ ގައުމުގެ ދެމެދުގައި ގުޅުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މަލާވީ އަކީ އިރު ދެކުނު އެފްރިކާގައި، ގާތްގަނޑަކަށް 18.6 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ. މަލާވީއަކީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކުރި 182 ވަނަ ގައުމެވެ.












