ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން، 27، އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ "ރެޑްބުލް" ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފައި ކަމަށެވެ.
އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދުވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން،"
މީގެ އިތުރުން ފުލުހުން ބުނީ އަޒުހާން ވައިގެ މަގުން ރާއްޖެއިން ބޭރަށް އަދި އަތޮޅު ތެރެއަށް ފުރައިގެން ގޮސްފައިނުވާ ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

އަޒުހާން ހޯދުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާއިރު އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް ބެލެވޭ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާއިރުން އެވެ. އެ ފަހުން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ އާއިލާއިން ފުލުހަށް ރިޕޯޓުކުރި އެވެ.
ނަމަވެސް އަޒުހާން ހޯދިފައިނުވާތީ ފުލުހުން ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދި އާންމުކޮށްވެސް އިއުލާންކޮށްފަ އެވެ. އަދި އަޒްހާންއާ ގުޅޭ އެއްވެސް މައުލޫމާތެއްވާ ނަމަ ފުލުހުންގެ 9393351 ފޯނު ނަމްބަރަށް ނުވަތަ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުމަށެވެ.














