ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ (41އ) އެވެ.
އެ މީހުންގެ ތެރެއިން ހަމްދޫން އަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ދީފަ އެވެ. މައުމޫން މޫސާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާއަށް މީގެ ކުރިން ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އެމްޑީ އަލަމްގީރުގެ މައްޗަށް އިތުރު 40 ދައުވާއެއް އުފުލާފައި ވާއިރު އޭނާ ވަނީ އެ ހުރިހާ ދައުވާ ތަކަކަށްވެސް އިއުތިރާފުވެފަ އެވެ.
އަލަމްގީރުގެ ވީޑިއޯތަކުގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.














