ލެހާވް، ފްރާންސް (ސެޕްޓެމްބަރު 24) - ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ބްރެޒިލް އާއި އާޖެންޓީނާ ފަސޭހައިން މޮޅުވެއްޖެ އެވެ.
އެކުވެރިކަމުގެ މެޗެެއްގައި ގާނާ އަތުން ބްރެޒިލް މޮޅުވީ 3-0 އިންނެވެ. މި މެޗުގެ ތިން ލަނޑު ވެސް ބްރެޒިލް އިން ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޑިފެންޑަރު މާކީނިއޮސް އެވެ. އަދި ފޯވަޑް ރިޗާލިސަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުުމުގެ ގޮތުން އަންގާރަ ދުވަހު ބްރެޒިލް ކުޅޭ މެޗުގައި ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.
ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ތިބި ކުޅުންތެރިންނަށް ބަލާއިރު ބްރެޒިލް އަކީ ވޯލްޑް ކަޕަށް ދާނެ އެންމެ ރަނގަޅު ޓީމު ކަމަށާއި އެކަމަކު، އޭނާ ބޭނުންވާ ގޭމް ކުޅެން ހުރިހާ ކުޅުންތެރިން ކުރަންޖެހޭނެ ކަމަށެވެ. އަދި އެކަން މިހާރު މި ކުޅޭ މެޗުތަކުގައި ފެނިގެންދާތީ ޓީޓޭ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
ލިއޮނެލް މެސީގެ ދެ ލަނޑާ އެކު، އާޖެންޓީނާ ވަނީ އެކުވެރިކަމުގެ މެޗެއްގައި ހޮންޑޫރާސް އަތުން 3-0 އިން މޮޅުވެފަ އެވެ. އާޖެންޓީނާ އަށް ދެން ލަނޑު ޖަހައިދިނީ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. އާޖެންޓީނާ ވަނީ މިހާރު ބަލިނުވެ 34 މެޗު ހަމަކޮށްފަ އެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ ވޯލްޑް ކަޕަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުންތެރިންނަށް ކުޅެލަން ލިބި، ރަނގަޅު ނަތީޖާއެއް ނެރެވުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.
މި މަހު އާޖެންޓީނާ އިން އިތުރު އެއް މެޗު ކުޅޭނެ އެވެ. އެ މެޗު އޮންނާނީ ނިއުޔޯކުގެ ރެޑްބުލް އެރީނާގައި ޖެެމެއިކާއާ ދެކޮޅަށެވެ.












