އައްޑޫ އަތޮޅު ގަމު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އޭނާ ހައްޔަރުކޮށްފި އެވެ.
އެކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ އެ މައުލޫމާތު ހިއްސާކުރުމުން އެމީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު، ބޮމެއް ފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 17:25 ގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ މިހާރު މިކަން ތަހުގީގު ކުރަމުންނެވެ.
އެއާޕޯޓުތަކުގައި މަޖަލަކަށް ނަމަވެސް އެއްވެސް ހަތިޔާރެއް އޮތް ކަމަށް ބުނެ ނުވަތަ އެފަދަ އިންޒާރެއް ދިނުމަކީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުގެ ދަށުން ހަރުކަށި އަދަބު ދެވޭ ކަންކަމެވެ.

ރާއްޖޭގެ އެއާޕޯޓުތަކުގައި ވެސް މިފަދަ ކަންކަން މަދުން ނަމަވެސް ހިނގަ އެވެ. އެކަމަކު، މިހާތަނަށް މިފަދަ މައްސަލައެއްގައި ދައުވާ އުފުލާފައެއް ނުވެ އެވެ. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެފަދަ އަމަލެއް ހިންގުމަކީ ކުށެކެވެ.












