ޕޮލިސް ބޯޑާއި މިނިސްޓްރީގެ ކޯޅުން ބޮޑު؛ އިމްރާން ވިދާޅުވީ "ބޭކާރު" ބޯޑެއް ކަމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. -އަދަދު ފައިލް ފޮޓޯ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. -އަދަދު ފައިލް ފޮޓޯ

ފުލުހުންގެ ބޯޑު މިހާރު ހިނގަމުން އަންނަ ގޮތުން އެ ބޯޑުގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ނުހިފޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން ބޭނުންވާ ގިނަ ކަންކަމަށް މިނިސްޓްރީއަށް އެއްބަސްނުވެވެ އެވެ. އެގޮތުން ބޯޑުން ބޭނުން ވަނީ މިނިސްޓްރީގެ ދަށުން ވަކިވެ މިނިވަން ގުނަނެއްގެ ގޮތުގައި ހިންގައި އަމިއްލަ ވެބްސައިޓަކާއި ސިއްކައެއް ބޭނުން ކުރުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ބޯޑަކީ މިނިވަން ބޯޑަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި އަހަރަކާ ގާތަށް، އަސްލު އެކަމާ ހުރެ ބޯޑުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި ބޯޑަކީ އިފެކްޓިވް ބޯޑަކަށް ނުވެގެން ދިޔަ ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޕޮލިސް ބޯޑުން ހިންގަން ބޭނުން ވަނީ ވެސް ދުނިޔޭގެ އެހެން ތަންތަނުގައި އަމަލު ނުކުރާ، އެ ބޭފުޅުންގެ އަމިއްލަ މޮޑެލްއެކެވެ. އަދި މިއީ "ފަންކްޝަން ނުކުރާ" މޮޑެލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން މިހާރު ހިނގަމުން އަންނަ ގޮތުން ބޯޑުގެ "ބޭނުން ރަނގަޅަށް ނުހިފެ" އެވެ. އަދި ބޯޑުން މިނިސްޓްރީއަށް ދޭން ޖެހޭ އެއްބާރުލުން ނުލިބޭއިރު، ހަރަދު ބޮޑުވެފައި ޝަކުވާ ބޮޑުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ބޯޑުން މީޓިން ރޫމް ސައުންޑު ޕްރޫފު ކުރުން ފަދަ ހަރަދު ކުރަން އެދުނު ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ޓަކައި މިފަދަ ބޮޑީއެއް އޮތުމަކީ ހަމަ ރަނގަޅު މޮޑެލެއް، އޭގެ ފައިދާ އިތުރަށް ކޮށްގެން އޭގެ ސަބަބުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެ ބޮޑީއެއް،" 50 ވަރަކަށް މިނެޓް ލައިވްކުރި ކޮމެޓީ ބައްދަލުވުމުގައި އިމްރާން ވިދާޅުވި އެވެ.

"[އެކަމަކު]އަޅުގަނޑަށް މިހާރު ދަންނަވަން ފަސޭހައީ މިވަގުތަށް [ޕޮލިސް ބޯޑު] އެއްވެސް ގޮތަކަށް އިފެކްޓިވް އެއް ނޫން،"

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީން ދޭން ޖެހޭ ހުރިހާ ލުޔެއް ދީގެން މަސައްކަތް ކުރި ނަމަވެސް އޭގެ ނަތީޖާއެއް ނުފެނެ އެވެ.

"އަޅުގަނޑުގެ ސެކެޓެރިއޭޓަށް ވުރެ 10 ގުނަ ހަރަދާއި ވަސީލަތްތައް ދީގެން މިހުރީ، އެކަމަކު އަދިވެސް އެ ބޭފުޅުންނަށް ކަމެއް ކޮށްދެވޭ ކަމަކަށް ނުވޭ،"

އިމްރާން ގަބޫލުކުރައްވާ ގޮތުގައި މި ކަން ހައްލު ކުރެވޭނީ އެ ބޯޑަކީ މިނިސްޓަރު ޗެއާ ކުރައްވާ ބޯޑަކަށް ވެގެންނެވެ. އެހެންނޫންނަމަ ބޯޑުން ދޭ އެއްވެސް ލަފަޔަކީ މިނިސްޓްރީން ގެންގުޅޭ ހަމަތަކާ އެއްގޮތް ކަމަކަށް ނުވާނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ލަފާތަކަށް އަމަލު ނުކުރެވުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާ ފައިދާ ބޮޑުވާނެ މިނިސްޓަރު ޗެއާކޮށްގެން ކުރިއަށް ގެންދަން،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން މިހާތަނަށް ހަދާފައިވާ 19 ގަވައިދު ހެދުމުގައި ވެސް ބޯޑުގެ ލަފާ ހޯދި ނަމަވެސް، ގިނަ ލަފާތަކަކީ އެޓާނީ ޖެނެރަލްގެ އޮފީހުންނާއި މިނިސްޓްރީން އެއްބަސްވެވޭ ކަމަކަށް ނުވާތީ ގިނަ ލަފާތައް ނުހިމަނާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން ކޮމިޓީ މެންބަރުން ވަނީ މިނިސްޓްރީއާއި ބޯޑުގެ ގުޅުން ކުޑަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ފާހަގަވެގެން ދިޔައީ މިނިސްޓްރީން ބޯޑާއެކު މަސައްކަތް ކުރަން ދެކޮޅު ހަދާ ތަން ކަމަށާއި މިއީ ގާނޫނުގައި އޮތް މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

"މިނިސްޓާ ބޯޑަށް ނުލާ މިގޮތަށް މި ކޮމްޕޮސިޒަން ބާއްވަން އެއީ ވަރަށް ދިގު ބަހުސަކަށް ފަހު ނިންމު ނިންމުމެއް، އެއީ މިނިސްޓަރަކީ ފުލުހުންގެ އިސް ވެރިއަކަށް ހުންނަވާ އެއް ބޭފުޅަކަށް ވެފައި، ޕޮލިސް ތެރެއިން ގެންނަން ޖެހޭ އުނދަގޫ، ދަތި ބަދަލުތައް ގެންނަން މި ބޯޑުގައި މިނިސްޓަރު އިންނަވައިގެން ލަފާ ދެއްވައިގެން ދަތިވާނެތީ،" ހިސާން ވިދާޅުވި އެވެ.

އެހެންނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މި މަސައްކަތް ދާ ގޮތް ބަދަލު ކުރަން ޖެހެ އެވެ.

މިއަދުގެ ކޮމިޓީއަކީ ސިއްރު ކޮމިޓީއެއް ގޮތަށް ގެންދަން ފާސްކުރިނަމަވެސް، މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީ ލައިވް ކޮށްފަ އެވެ.

ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާފައިވާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.

މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. އެގޮތުން ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިންމު ބާރުތަކެއް ބޯޑަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox