ދުވަހުގެ މަސައްކަތްތައް ނިންމާލާފައި ހައްވައަށް ގެއަށް ދެވުނީ ރޭގަނޑުވީ ފަހުންނެވެ. ވެފައި ހުރި ވަރުބަލިކަމާއެކު ފެންވަރާލައިގެން އަވަހަށް ނިދަން އަރާނީއޭ ހިތައިގެން ހުރި ނަމަވެސް ހައްވައަށް އެކަންވާގޮތެއް ނުވި އެވެ. ގެއަށް ވަން ގޮތަށް މައި ދޮރު ތަޅުލާފައި ކޮޓަރިއަށް ވަން ހައްވަ ބައިގަޑިއިރު ތެރޭ ހަތަރު ފަހަރަށް ބޭރަށް ނުކުމެއްޖެ އެވެ. މައިި ދޮރުގައި ތަޅުލެވުނުތޯ ޔަގީން ކުރާށެވެ.
ހައްވަ ނޫން އިތުރު މީހަކު ދިރިނޫޅޭ އެގޭގެ މައި ދޮރުގައި ތަޅުލެވުނުކަން އޭނާއަށް ގަބޫލު ނުކުރެވެނީކީ ނޫނެވެ. އޭނާގެ ސިކުނޑިން އެކަން ގަބޫލުކުރަން ބޭނުން ނުވަނީ އެވެ. ސިކުނޑީގައި އެނބުރެމުން އެދާ ވަސްވާސް ހިޔާލުތަކުން އޭނާއަށް ވިސްނައި އެދެނީ ދޮރުގައި ތަޅު ނުލެވި ހުރެ، އެރޭ އެގެއަށް މީހަކު ވަދެ ގެއްލުމެއް ދީފާނެ ކަމެވެ.
އެ ހިޔާލުތަކަށް ސަމާލުކަން ނުދީ، ނިދުމަށް ހައްވަ މަސައްކަތް ކުރަމުން ދިޔައިރު، އެ ހިޔާލުތަކަކީ އޭނާގެ ކިބައިގައި ހުންނަ އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ)ގެ ސަބަބުން އަންނަ ހިޔާލުތަކެއްކަން ހައްވައަށް އެނގެ އެވެ. ގިނަ މީހުނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ނަމަ، އޯސީޑީއަކީ ހަމައެކަނި ތަންތަން ސާފުކުރުމާއި ތަރުތީބު ކުރުމެވެ. ނަމަވެސް އެއީ އެއަށްވުރެ ފުޅާ، އާންމު ދިރިއުޅުމުގެ ކަންކަމަށް ހުރަސް އެޅޭފަދަ ސީރިއަސް ނަފްސާނީ ބައްޔެކެވެ.
އޯސީޑީއަކީ، 'އޮބްސެޝަން' ނުވަތަ ކަމަކަށް ގޮސް ހުސްވުމާއި، 'ކޮމްޕަލްޝަން'ތަކުގެ ސަބަބުން އަމިއްލަ އަމަލުތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވުމެވެ. އޯސީޑީއަކީ އޭގެ ސަބަބުން ތިމާއާއި ތިމާ ވަށައިގެންވާ މީހުންނަށް ގެއްލުން ލިބޭ މިންވަރަށް ކަންކަން ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެ ބައްޔެކެވެ. އެކި މީހުނަށް މި ބަލީގެ އުނދަގޫ ތަހަންމަލު ކުރަން ޖެހެނީ އެކި މިންވަރަށެވެ.
ހައްވައަށް ވެސް އޯސީޑީގެ ސަބަބުން ގިނަ އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހެ އެވެ. އޭގެން އެއް ކަމަކީ ދޮރުގައި ތަޅުލެވުނުތޯ ޗެކު ކުރެވުމެވެ. އޭނާއަށް ކުރެވެނީ ބޭކާރުކަމެއްކަން ހައްވައަށް ނޭނގެނީ އެއް ނޫނެވެ. ނަމަވެސް ހިނގާއިރު ވަކި ގޮތަކަށް ފިޔަވަޅު ނާޅައިފިނަމަ ނުވަތަ ތިން ފަހަރަށް ސްވިޗު ނުޖައްސާ ނަމަ ގާތް ކޮންމެވެސް މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް އަންނަ ހިޔާލުތަކާހެދި އެކަމުން ސަލާމަތްވެ، އަމިއްލަ ހިތްހަމަޖެހުމަށް ހައްވައަށް އެކަން ކުރަން މަޖުބޫރު ވަނީ އެވެ.
އަސްލު އެނގޭ މިކުރެވެނީ ވަރަށް ބޭކާރު ކަމެއްކަން. އެކަމަކު އެ ކޮމްޕަލްޝަންތަކާ އެއްގޮތަށް އަމަލު ނުކޮށް ހުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެގޮތަށް ކަންކަން ނުކުރާނަމަ ވަރަށް ނެގެޓިވް ހިޔާލުތައް އަންނާނެ.
ތަންތަން ތަރުތީބުކޮށް ބެހެއްޓުމަށް ނުވަތަ ސާފު ކުރުމަށް ހައްވަައަށް މަޖުބޫރުކަމެއް ނެތެވެ. ނަމަވެސް އޭނާ ގަންނަ ކޮންމެ އެއްޗަކުން ތިނެތި ނުގަނެފިނަމަ އޭނާގެ ހިޔާލުތަކާހެދި އެހެން ކަންތައްތައް ނުކުރެވޭ ވަރުވެ އެވެ. ސްވިޗެއް ޖައްސާ ކޮންމެ ފަހަރަކު ތިން ފަހަރަށް ތަކުރާރު ނުކުރާނަމަ އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. މަގުމަތިން ހިނގާފައި ދާއިރު، ފިޔަވަޅު އަޅަން ޖެހެނީ ކޮންމެ ތިން ގަލަކުން އެއް ގަލުގަ އެވެ.
އެކަންކަމާހެދި އާންމު މީހެއްގެ ދިރިއުޅުމަށްވުރެ ހައްވަގެ ދިރިއުޅުން އުނދަގޫވެ އެވެ. ބޭނުން ނުވާ ބައިވަރު ތަކެތި ގެއަށް ގަނެވި، ހަރަދު ބޮޑުވެ އެވެ. ކުރާ ކޮންމެކަމެއްހެން ތިން ފަހަރަށް ތަކުރާރު ކުރަން ޖެހުމުން ވަގުތު މެނޭޖު ކުރުމަކީ ހައްވައަށް ބުރަ ކަމަކަށް އޮންނަނީ ވެފަ އެވެ.
އޯސީޑީ އަކީ މިފަހަކަށް އައިސް އާންމުކޮށް އިވޭ ނަމަކަށްވީ ނަމަވެސް ބައެއް މީހުންނަށް އެ ބަލީގެ ސީރިއަސްކަން ވަޒަން ނުކުރެވެ އެވެ. ތަންތަން ތަރުތީބުކޮށް ސާފުކޮށް ބަހައްޓަން ލޯބި ކުރާ މީހުނަށް ތިއީ އޯސީޑީ މީހެކޭ ބުނެ މުއާމަލާތް ކުރެވެ އެވެ. ނަމަވެސް އޯސީޑީއަކީ އެއްވެސް ހާލެއްގައި އަމިއްލައަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ. މީހެއްގެ ކިބައިގައި އޯސީޑީ ހުރިކަން ދެނެގަނެވޭނީ ނަފްސާނީ ތަޖުރިބާކާރަކު އެގޮތަށް ކަނޑައަޅާ، ޑައިގްނޯސް ކޮށްދިނީމަ އެވެ.
އޯސީޑީ ހުންނަ މީހަކާ އެއްގޮތް ސިފައެއް ހުންނަ ކޮންމެ މީހަކީ އޯސީޑީ މީހެއް ނޫނެވެ. ކޮންމެ ދުވަހަކު އެ ބައްޔާ ހަނގުރާމަ ކުރަމުންދާ ހައްވަގެ އިލްތިމާސަކީ ވެސް އެއީ އެވެ. އޯސީޑީއަކީ ހަމައެކަނި ސާފުކުރުމާއި ތަރުތީބު ކުރުމާ ހަމައިން ނިންމާލާ ކަމަކަށް ނުހަދައި، އެކަމުގެ ސީރިއަސްކަން ދެނެގަނެ، ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުނާމެދު ހަމްދަރުދީވެ، ހިތްހެޔޮކޮށް ހިތުމަކީ މުހިންމު ކަމެކެވެ.












