އެޕަލްއިން އެންމެފަހުން ބާޒާރަށް ނެރުނު އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގެ ފޯނުތަކުގެ ޕްރީއޯޑާއަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
މިއަދުން ފެށިގެން އައިފޯންގެ ދެ މޮޑެލްއަށް ވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެ އެވެ. އަދި، ސެޕްޓެމްބަރު 23، އިން ފެށިގެން އާ ފޯނުތައް ކަސްޓަމަރުންނަށް ލިބެމުންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މޫލީ މެދުވެރިކޮށް އައިފޯން 14 ޕްރޯ އެއް 24،899ރ. އަށް ވިއްކާއިރު 14 ޕްރޯ މެކްސް ފޯނެއް ވިއްކާނީ 27،199ރ. އަށެވެ.
ޕްރޯ ރޭންޖުގެ އައިފޯނަށް އެންމެ ހާއްސަ އެއް ފީޗާއަކީ "ޑައިނަމިކް އައިލެންޑް" ގެ ގޮތުގައި ރޭ އެޕަލްއިން ދައްކާލި ފީޗާ އެވެ. ފޯނުގެ ޑިސްޕްލޭގެ މަތީގައި އިންނަ ނޮޗަކީ އަންނަ ނޯޓިފިކޭޝަންތަކާއި ބެކްގްރައުންޑް އެކްޓިވިޓީތައް މާ ފުރިހަމައަށް ދައްކުވައިދޭނެ ތަނެކެވެ. އޮލްވޭސް އޮން ޑިސްޕްލޭއެއް މި ފޯނުތަކަށް އެޕަލްއިން ގެނައިއިރު މުޅިން އާ އޭ-16 ބަޔޮނިކް ޗިޕެއް ވެސް ވަނީ ހިމަނާފަ އެވެ.
މެއިން ކެމެރާގެ ސެންސާ 48 މެގަޕިކްސަލްއަށް ބޮޑުކޮށްފައިވާއިރު އެޕަލްގެ "ޕްރޯ ރޯ" ފޯމެޓުގައި ފޮޓޯތައް ނަގާލެވޭނެ އެވެ. އަދި، 24 ފްރޭމްގައި ވީޑިއޯތައް ވެސް ނަގާލެވޭނެ އެވެ. ޕްރޯ ރޭންޖުގެ ފޯނުތަކަށް ވެސް ސެޓެލައިޓް މެދުވެރިކޮށް އެސްއޯއެސް ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.
ޖުމުލަ ހަތަރު ކުލައަކުން މި ފޯނުތައް ލިބޭނެ އެވެ. އެއީ ގޯލްޑް، ސިލްވާ، ސްޕޭސް ބްލެކް އަދި ޑީޕް ޕާޕަލް އެވެ.










