މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ލަންކާގެ އެގްޒިބިޝަން އެންޑް ހޮޓެލް ސާވިސަސް އާއި ބެސްޓް ބައި މޯލްޑިވަސް ގުޅިގެން އިންތިމާޒުކުރާ ހޮޓެލް އޭޝިއާއަކީ ރާއްޖޭގައި ބާއްވާތާ އެންމެ ދުވަސްވެފައިވާ އެއް އެގްޒިބިޝަނެވެ.
ދިރާގުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓުތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށެވެ.
މިއީ މި އެގްޒިިބިޝަން ބާއްވާ 16 ވަނަ ފަހަރެވެ. މީގެ ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި މި އެގްޒިބިޝަން މިފަހަރު މި ބާއްވަނީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެގްޒިބިޝަން ނުބާއްވައި އޮތުމަށް ފަހު އެވެ.
މިފަހަރުގެ އިވެންޓުގައި ވެސް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ފަރާތްތަކާއި ބްރޭންޑުތަކުން ބައިވެރިވާނެ އެވެ. އަދި ރާއްޖެ އާއި ބޭރުގެ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ޕްރޮޑަކްޓުތައް ތައާރަފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.
އޭގެ އިތުރުން އެގްޒިބިޝަނުގެ ތެރެއިން ބާއްވާ ކަލިނަރީ ޗެލެންޖު އޮންނާނެ ކަމަށާއި މި އަހަރުގެ ޗެލެންޖުގައި ވެސް 20 ކެޓެގަރީއަކުން 500 ޝެފުންގެ 650 ވައްތަރުގެ އުފެއްދުންތައް ފެންނާނެ އެވެ. މިއީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ވާލްޑް ޝެފްސް ގިލްޑުން އެންޑޯސްކޮށްގެން ބާއްވާ ޗެލެންޖެކެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިޔަށް ދާނީ އޮކްޓޫބަރު 10، 11، 12، މި ތިން ދުވަހު ދަރުބާރުގޭގަ އެވެ.









