ހިޔާ ފްލެޓެއްގެ މަތިން، ގޭބީސީއެއްގައި ހިފާގެންގުޅޭ ބައެއް ސާމާނު މަގުމައްޗަށް އުކާލުމުން، މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުންވެއްޖެ އެވެ.
ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފްލެޓެއްގެ 17 ވަނަ ފަންގިފިލާއިން ހިފާގެންގުޅޭ ތަކެތި އުކާލާފައި ވަނީ އަންހެނެކެވެ. އަދި އޭނާ އުކާލި ތަކެތީގެ ތެރޭގައި، ތެއްޔާއި އުލާއި ވަޅީގެ އިތުރުން ގަހާއިި ޑަބިޔާ ފަދަ ތަކެތި ވެސް ހިމެނެ އެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ތަކެތިން ޖެހި، މަގުމަތީގައި ޕާކުކޮށްފައިވާ ކާރަކާއި، ޕިކަޕަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ހިޔާ ފްލެޓުގެ ހަތަރު ވަނަ ޓަވަރު ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓު މިއަދު މެންދުރު 12:53 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.














