މީގެ 50 އަހަރާއި ފަސް މަހާއި 25 ދުވަސް ކުރިން، މާޗް 14، 1972 ގައި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެ ވަނަ މާލޭގެ ފަސްގަނޑުގައި ފައިންޕުޅު ބީއްސަވައިލެއްވުމާއެކު އެކަމަނާ ވެގެންދިޔައީ މިހާތަނަށް ވެސް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެންމެ ވަރުގަދަ ޝަހުސިއްޔަތަށެވެ.
މިރޭގެ ވަގުތެއްގައި އަވަހާރަވި ރާނީ އެލިޒަބަތު ރާއްޖެ ވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އަވަހާރަވެގެން އިނގިރޭސިވިލާތުގެ ރާނީއަކަށް އިސްވެވަޑައިގެންނެެވިތާ 20 އަހަރު ފަހުން އެކަމަނާގެ އުމުރުފުޅުން 46 އަހަރުގަ އެވެ. އެޗްއެމްވައި ބްރިޓޭނިއާގައި އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ ރާއްޖެއަށެވެ.
ރާނީގެ ދަތުރުފުޅުގައި އެކަމަނާ ވެރިކަން ކުރާ މާލޭގެ އިތުރުން އައްޑޫ އަތޮޅުގެ ގަމަށް ވެސް ވަޑައިގެންނެވި އެވެ. ފިރިކަލުން އަމީރު ފިލިޕްއާއެކު ކުރެއްވި އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ރާނީ އަދި ފިރިކަލުންނަށް އިއްޒަތް އަރުވައިފަ އެވެ.
ރާނީ މާލޭގައި ހޭދަ ކުރެއްވި ވަގުތުތަކުގައި އެކަމަނާ ވަނީ މާލޭގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެގޮތުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުއާ ބައްދަލު ކުރެއްވުމަށް މުލީއާގެއަށް ވަޑައިގެންނެވި އެވެ. އަދި ކުރީގެ ނާދީ ތަމައްދުން ނުވަތަ މިހާރުގެ ގުރްއާނާ ބެހޭ މަރުކަޒާއި އަމީނިއްޔާ ސްކޫލަށް ވެސް ވަޑައިގެންނެވި އެވެ. ރާާނީ އަމީނިއްޔާއަށް ކުރެއްވި ޒިޔާރަތުގައި އެކަމަނާއަށް އެ ސްކޫލުގެ ދަރިވަރަކު އިނގިރޭސިބަހުން ވާހަކައެއް އަޑުހަރުކޮށް ކިޔައިދިނެވެ.
"އެހެން ގައުމެއްގެ ވެރިއެއް އައިސްގެން ނުވާހާ އުފާ ދިވެހިންވި. މާލޭގައި ހުރީ ރާނީ ވަޑައިގަންނަންވާއިރަށް ގިޑިގެ ތައްޔާރުކޮށްފަ. ވަރަށް ގިނަ ބަޔަކު ރާނީ ވަޑައިގަންނަވާ ތަނަށް ދިދަ ހޫރުވަން ވެސް ދިޔަ. މާލޭގެ ހުރިހާ ސްކޫލަކުން ވެސް ދަރިވަރުން ދިޔަ،" ދިވެހި ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީ ވިދާޅުވި އެވެ.

ރާނީ މާލޭގައި ހަރަކާތްތެރިވަނީ: އެކަމަނާ ވަޑައިގެންނެވީ މާލޭގެ އިތުރުން ގަމަށް -- ފޮޓޯ: ފައިލް
ރާނީ ދެން ވަޑައިގެންނެވީ އައްޑޫ އަތޮޅަށެވެ. އެއިރު އެތަނުގައި އިނގިރޭސި ސިފައިންގެ ބޭސްއެއް ހުއްޓެވެ. ރާނީ އައްޑުއަށް ދިޔަ މަގުމަތީ ބެހިގެން އުޅުނު ދިވެހި މަސްވެރިންތަކެއް ވަނީ އެކަމަނާގެ ބޯޓަށް ނަންގަވައި ސަލާމަތް ކުރައްވައިފަ އެވެ.
އައްޑޫގައި އެއިރު އަތޮޅުވެރިކަން ކުރެއްވި ސޯލިހު އަލިދީދީ އާއި ރާނީ ބައްދަލު ކުރެއްވި އެވެ. އަތޮޅުވެރިޔާގެ ވާހަކަ ރާނީއަށް ތަރުޖަމާކޮށްދެއްވީ މިނިސްޓަރުކަން ކުރެއްވި މަރިޔަމް ޝަކީލާގެ ބައްޕާފުޅު މުހައްމަދު ސައީދެވެ.
"ރާނީ އިނގިރޭސީންގެ ބޭސްއަށް ޒިޔާރަތް ކުރައްވާ ގަހެއް އިންދެވި. ގަމުގައި އެކަމަނާގެ ޝަރަފުގައި ޖާފަތެއް އޮތް. އޭގައި އަތޮޅުވެރިޔާ ވެސް ބައިވެރިވެވަޑައިގެންނެވި. ގަން ނޫން އެހެން ރަށަކަށް ރާނީ ވަޑައިގެންނެވިކަން އެނގޭކަށް ނެތް،" ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ވިދާޅުވި އެވެ.

ބްރިޓޭނިއާ އައްޑޫގައި: ބެހުނު މަސްވެރިންތަކެއް މި ބޯޓަށް ނަގައި ސަލާމަތްކޮށްދިން -- ފޮޓޯ:
ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭޕްރީލް 8، 2009 ގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީއާއެކު ރާނީގެ އަރިހަށް އިނގިރޭސިވިލާތުގައި ޒިޔާރަތް ކުރެއްވި އިރު، އެކަމަނާ ވަނީ ބްރިޓޭނިއާއަށް ނެގި މަސްވެރިންގެ ހާލު އައްސަވައިފަ އެވެ. އަދި އަމީނިއްޔާ ސްކޫލުގައި އެކަމަނާއަށް ވާހަކަ ކިޔައިދިން ދަރިވަރުގެ ހާލު ވެސް ނަޝީދު ގާތު އެއްސެވި އެވެ.
ރާއްޖޭގައި ވެރިކަން ކުރަމުންދިޔަ ތިން ވެރިންނާ ރާނީ ވަނީ އެބޭކަލުންގެ ވެރިކަމުގައި ބައްދަލުވެވަޑައިގެންފަ އެވެ. އެއީ ރައީސް ނާސިރާއި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫންއާ ރާނީ ބައްދަލު ކުރެއްވީ ޖުލައި، 2007 ވަނަ އަހަރު އެވެ.












