ސެވިލް، ސްޕެއިން (ސެޕްޓެމްބަރު 5) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ސެވިއްޔާ އަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމުގެ ގޮތުން އެ ޓީމުގެ ކޯޗަކަށް މައުރީސިއޯ ޕޮޗެޓީނޯ ގެންނަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނަށް ފަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރި ޕޮޗެޓީނޯ، 50، މި ވަގުތު ހުރީ ވަޒީފާއެއް ނެތި އެވެ.
މި ފަހަރުގެ ސްޕެނިޝް ލީގުގައި ސެވިއްޔާ އިން މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. ތިން މެޗުން ބަލިވިއިރު، މިއީ ސްޕެނިޝް ލަލީގާގެ ސީޒަނެއް ސެވިއްޔާ އިން އެންމެ ދަށްކޮށް ފެށި ފަހަރެވެ.
ދަށް ރެކޯޑަކާ ހެދި ސެވިއްޔާއާ މި ވަގުތު ހަވާލުވެހުރި ކޯޗު ހުލެން ލޮޕެޓެގީ އަށް ވަޒީފާގައި ދެމި ހުރެވިދާނެތޯ ސްޕެއިނުގެ މީޑިއާ އިން އަންނަނީ ތަކުރާރުކޮށް ސުވާލުއުފައްދަމުންނެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސެވިއްޔާގެ ބޯޑު މެމްބަރުން ވަނީ ޕޮޗެޓީނޯ، ސެވިއްޔާއާ ހަވާލުވުމުގެ ޝައުގުވެރިކަމެއް ހުރިތޯ ޔަގީންކުރުމުގެ ގޮތުން އޭނާ އަށް ޕްރޮޕޯސަލެއް ފޮނުވައިފަ އެވެ. އަދި ޕޮޗެޓީނޯ، ސެވިއްޔާއާ ގުޅެން ބޭނުންނަމަ، އެ ޑީލް އިތުރަށް މަޝްވަރާކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަަނަ އަހަރު ސްޕެއިނުގެ އެސްޕަންޔޯލް އިންނެވެ. އެ ޓީމަށް ތިން އަހަރު އިރުޝާދު ދިނުމަށް ފަހު، ޕޮޗެޓީނޯ، 2013 ވަނަ އަހަރު ވަނީ އިނގިރޭސި ކްލަބް، ސައުތެމްޓަނާ ހަވާލުވެފަ އެވެ. އެ ޓީމުގައި އެއް އަހަރު ކުރި ރަނގަޅު މަސައްކަތާ އެކު، 2014 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ގެންދިޔަ އެވެ.
ކޯޗިން ކެރިއަރުގައި މިހާތަނަށް ޕޮޗެޓީނޯ އެންމެ ރަނގަޅު މަސައްކަތެއް ކުރީ ޓޮޓެންހަމްގައި ހޭދަކުރި ފަސް އަހަރުގަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޓޮޓެންހަމަށް ކޯޗުކޮށްދިންއިރު، އެ ޓީމަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ޓީމަކަށް ހަދައި، ރަނގަޅު ސްކޮޑެއް އެކުލަވާލި އެވެ.
ޓޮޓެންހަމް އިން ވަކިކުރުމުން، ކޯޗިން އިން ބްރޭކެއް ނަގައިގެން ހުރި ޕޮޗެޓީނޯ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްޖީއާ ހަވާލުވެފަ އެވެ. ޕީއެސްޖީ އަށް މިދިޔަ ސީޒަންގެ ނިޔަލަށް ކޯޗުކޮށްދިން ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި ތަށި ހޯދީ ޕީއެސްޖީގައި ހުރެ އެވެ. ކުރިން ޕީއެސްޖީ އަށް ކުޅުނު ޕޮޗެޓީނޯ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ ވަނީ އެ ޓީމަށް ފްރެންޗް ލީގާއި ފްރެެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ.












