ރިޕޯޓުސްކްރީން ޓައިމްގެ ސަބަބުން ކުދިންގެ ވާހަކަދެއްކުން ލަސްވޭތަ؟

ސްކްރީން ޓައިމްގެ ސަބަބުން ކުދިންގެ ވާހަކަދެއްކުން ލަސްވޭތަ؟

ުކުޑަކުއްޖަކު؛ ގިނައިން ސްކްރީން ބެލުމަކީ ކުއްޖާގެ ވާހަކަ ދެއްކުން ލަސްވާ ކަމެއް، ސްކްރީން ޓައިމް މަދުކުރުން މުހިންމު
ުކުޑަކުއްޖަކު؛ ގިނައިން ސްކްރީން ބެލުމަކީ ކުއްޖާގެ ވާހަކަ ދެއްކުން ލަސްވާ ކަމެއް، ސްކްރީން ޓައިމް މަދުކުރުން މުހިންމު

މުއާސަލާތީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ މޮބައިލް ފޯނާއި ޓެބްލެޓާއި ޓީވީ ފަދަ ތަކެއްޗަކީ ދިރިއުޅުމުގެ ބޮޑުބަޔަކަށް ވެއްޖެ އެވެ. ކުޑަކުއްޖަކަސް، ބޮޑު މީހަކަސް ސްކްރީނަކާ ނުލައި ފެނުމަކީ މިހާރު ނާދިރު ކަމެކެވެ.

ލިބޭ ފައިދާ އާއި ފަސޭހަތަކާ އެއްވަރަށް މިފަދަ ވަސީލަތްތަކުން ލިބޭ ގެއްލުން ވެސް ގިނަ އެވެ. ހާއްސަކޮށް ކުޑަކުދިންނަށް މީގެ ނޭދެވޭ އަސަރު ބޮޑަށް ކުރެ އެވެ. ސްކްރީނަކީ، ވަކި މިންވަރަކަށްވުރެ ބޮޑަށް ކުޑަކުދިން އެއަށް ދެވިހިފުމުން އެ ކުދިންގެ ސިކުނޑި ތަރައްގީވުމަށް އަސަރުކޮށް، ވާހަކަ ދެއްކުން ލަސްވާން (ސްޕީޗް ޑިލޭ) މެދުވެރިކުރާ އެއްޗެކެވެ.

އޭޑިކޭގެ އޯޑިއޮލޮޖީ، ސްޕީޗް އަދި ލެންގުއޭޖް ޕެތޮލޮޖިސްޓް ޒިމްނާ ހުސެއިން، ކުދިންނަށް ދޭ ސްކްރީން ވަގުތުގެ ސަބަބުން އެކުދިންނަށް ގެއްލުންވާ ގޮތް އޮޅުންފިލުވައިދެއްވި އެވެ. އެގޮތަކީ، ސްކްރީން ބަލަން ހޭދަކުރާ ވަގުތު އިތުރުވާވަރަކަށް އެކުދިން އެހެން މީހުންނާއެކު ވަގުތު ހޭދަކުރާ މިންވަރު މަދުވުމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާއިން މުހިއްމު ކަންތައްތަކެއް އުނިވެގެން ދިއުމުގެ ސަބަބުން އެކި މައްސަލަތައް މެދުވެރިވުން ކަމުގައި ވިދާޅުވި އެވެ.

ޒިމްނާ ވިދާޅުވީ ކުދިންގެ އުމުރުގެ ފުރަތަމަ ތިން އަހަރަކީ ސިކުނޑި އެންމެ ބޮޑަށް ހެދިބޮޑުވާ މުއްދަތު ކަމަށާއި، އެ ދުވަސްވަރުގައި ކުދިން އެހެން މީހުންނާ ވާހަކަދައްކައި، ކުޅެ، ކަންކަން އެކްސްޕްލޯ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ދުވަސްވަރަކީ ވާހަކަދައްކަން ދަސްކުރުމާއި، އެހެންމީހުންނާ މުއާމަލާތްކުރުން ދަސްކުރަން ވެސް މުހިންމު ދުވަސްވަރެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުދިންގެ ވާހަކަ ދެއްކުން ލަސްވާ އެއް ސަބަބަބީ ސްކްރީން ޓައިމް ގިނަވެ، އެކުދިންނާއި މީހުން ވާހަކަދެއްކުން މަދުވުން. ސްކްރީންޓައިމް އިތުރުވުމުން ހަމައެކަނި ދިމާވާ ކަމަކީ ވާހަކަ ދެއްކުން ލަސްވުމެއް ނޫން. ސަމާލުކަން ދޭ މިންވަރުވެސް ދަށްވޭ." ސްކްރީން އިތުރުވުމުގެ ސަބަބުން އިތުރު ކަންކަން ވެސް ދިމާވާކަން ފާހަގަކޮށް ޒިމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކްރީން އިތުރުވުމުގެ ސަބަބުން ކުދިންގެ ވާހަކަދެއްކުން ލަސްވުމުގެ އިތުރަށް ސަމާލުކަން ދޭ މިންވަރު ދަށްވުމާއި، ބެލެނިވެރިންނާ ކުދިންނާ އޮންނަ ގުޅުން ނުވަތަ 'ކެއާ ގިވާ އެންޑް ޗައިލްޑް ރިލޭޝަންޝިޕް" އަށް އަސަރު ކުރުމާއެކު ކުދިންގެ ނިދުމަށް ވެސް އަސަރު ކުރާ ކަމަށެވެ.

ސްކްރީނުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރި ނަމަވެސް، ކުދިންގެ ވާހަކަ ދެއްކުން ލަސްވަނީ ހަމައެކަނި ސްކްރީންޓައިމްގެ ސަބަބުން ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. އެހެނިހެން ސަބަބުތަކާ ހެދިވެސް ކުދިންގެ ވާހަކަދެއްކުން ލަސްވެދާނެ އެވެ.

"ވާހަކަދެއްކުން ލަސްވުމުގެ ވަރަށް ގިނަ ސަބަބުތައް ހުރޭ، ވާހަކަދެއްކުން ލަސްވާ ހުރިހާ ފަހަރަކީ އެއީ ސްކްރީންޓައިމްގެ ސަބަބުންނެކޭ ނުބުނެވޭނެ. އެކަމަކު ވާހަކަދެއްކުން ލަސްވެފައި ހުންނަ ކުދިންގެ ވަރަށް ގިނަ ފަހަރަށް ސްކްރީނާ އެކު ހޭދަކުރާ ވަގުތު ގިނަ" އޭނާ ވިދާޅުވި އެވެ.

ވީޑިއޯ ކޯލަކީ ސްކްރީން ޓައިމެއް ނޫން، ސްކްރީން ބަލަން އެންމެ ރަނގަޅީ ކިހާ ވަރަކަށް؟

ސްކްރީންޓައިމްގެ ތެރޭގައި ވީޑިއޯ ކޯލެއް ނުހިމެނެ އެވެ. ސަބަބެއްގެ ގޮތުގައި ޒިމްނާ ވިދާޅުވީ ވިޑިއޯ ކޯލަކީ އެހެންތަނެއްގައި ހުރި މީހަކާ ވަގުތުން ވާހަކަދެއްކުން ކަމަށާއި، ވީޑިއޯ ކޯލެއްގައި ކުއްޖާ ހުންނަނީ ސްކްރީނަށް ކަޅިހުއްޓާލައިގެން ނޫން ކަމަށެވެ. އެއާ ހިލާފަށް ސްކްރީންޓައިމްއަށް ވާނީ އެހެން މީހަކާ އިންޓެރެކްޓް ނުކޮށް، ސްކްރީނަކަށް ބަލަހައްޓައިގެން، އެއްޗެއް ބަލަން ނުވަތަ ގޭމެއް ކުޅެން ހުރުން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދަރިފުޅަށް ސްކްރީން ދައްކަން ރަނގަޅުވާނީ ކޮން އުމުރެއްގައިތޯ އާއި، ކިހާ ވަގުތަކަށްތޯ މިއީ ވަރަށް ގިނަ ބެލެނިވެރިންގެ އުފެދޭ ސުވާލެކެވެ. އެގޮތުން، އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) އިން ލަފާދެނީ އުމުރުން 18 މަހުން ދަށުގެ ކުދިންނަށް އެއްވެސް ގޮތަކަށް ސްކްރީން ނުދެއްކުމަށެވެ. އަދި 18 މަހާއި ދެ އަހަރާ ދެމެދުގެ ކުދިންނަށް ސްކްރީން ދައްކާނަމަ، ދައްކަން ވާނީ 'ހައި ކޮލިޓީ ސްކްރީން' ކަމަށް އޭއޭޕީން ބުނެ އެވެ.

ކޮލިޓީ ސްކްރީން ވަގުތު

ހައި ކޮލިޓީ ސްކްރީންޓައިމަކީ، ކުއްޖާއަށް ސްކްރީން ދައްކާއިރު ބެލެނިވެރިއަކު ކައިރީގައި ހުރެ، ސްކްރީނުގައިވާ ކަންތައްތައް ކިޔައިދީ، ވާހަކަދައްކާ ހެދުމެވެ. އެހެން ނަމަވެސް ޒިމްނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅުގޮތަކީ ދެ އަހަރުން ދަށުގެ ކުދިންނަށް ސްކްރީން ނުދެއްކުމެވެ.

ސްކްރީން ނުދެއްކުން މާނަ ކުރަނީ ދުވާލަކު 5 މިނިޓު ނުވަތަ 10 މިނިޓު ވިޔަސް ކުއްޖާއަށް ސްކްރީން ނުދެއްކުމެއް ނޫނެވެ. އެ މިންވަރަށް ސްކްރީން ދެއްކުން އެންމެ ރަނގަޅެވެ. ގޯސްވަނީ ގަޑިދެގަޑިއިރު ކުއްޖާ ސްކްރީނެއް ކުރިމަތީ، ސްކްރީނަކަށް ގެއްލި އިނުމެވެ. އެގޮތަށް ކުދިން ސްކްރީނަށް ގެއްލި ތިބެއްޖެނަމަ، އެ ކުދިންގެ ވަށައިގެންވާ މާހައުލުގައިވާ ކަންކަމަށް ސަމާލުކަންދޭ މިންވަރު ދަށްވެގެންދާނެ އެވެ.

ޒިމްނާ ވިދާޅުވީ ސްކްރީނަކީ ކުދިންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެގެންދާ މަންއެއް ކަމަށެވެ. ނަމަވެސް އެ މަންސައިން ދަސްވަނީ ހަމައެކަނި އެއްޗެހީގެ ނަންތަކާއި ބަސްތައް ކަމަށެވެ. އަދި މީހުންނާ މުއާމަލާތްކުރަން އެ ބަސްތައް ބޭނުންކުރަންވީ ގޮތް ދަސްނުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މީހުންނާ މުއާމަލާތްކުރަން ދަސްކޮށްދެވޭނީ ކުއްޖާއާ ވާހަކަދައްކާ، މުއާމަލާތްކުރާ މިންވަރަކުން ކަމަށާއި، ސްކްރީނެއް ބަލައިގެން އެއްޗެއްގެ ނަން ދަސްކުރުމަކީ އަދި މުއާމަލަތް ކުރުމެއް ނޫން ކަމަށެވެ.

"ތިން އަހަރުގެ ކުޑަކުދިން ނުވަތަ ރަނގަޅަށް ވާހަކަދައްކަން ނޭނގޭ ކުދިން އެއްޗެހި ދަސްކުރަން ގިނައިން ސްކްރީން ބޭނުންކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ނަމަވެސް ތަންކޮޅެއް ބޮޑެތި ކުދިން ކޮންމެވެސް ވަރަކަށް ސްކްރީން ބަލައިގެން އެއްޗެހި ދަސް ކުރުމަކީ މައްސަލައެއް ނޫން." ޒިމްނާ ވިދާޅުވި އެވެ.

އޭއޭޕީން ލަފާ ދޭ ގޮތުގައި އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިން ސްކްރީން ބެލުމަށް އެންމެ އެކަށީގެންވަނީ މުޅި ދުވާލަށް ބަހާލައިގެން އެއް ގަޑިއިރެވެ. އެގޮތަށް ކުދިންނަށް ސްކްރީން ދައްކާއިރުވެސް ދައްކަންވާނީ ސްލޯ ޕްރޮގްރާމުތައް ކަމަށާއި، އެހާ އަވަސްހަށް ސީން ބަދަލުވާ ޕްރޮގްރާމުތައް ދެއްކުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް ޒިމްނާ ވިދާޅުވި އެވެ.

ސްޕީޗް ތެރަޕިސްޓަކަށް ދައްކަންވީ ކޮންއިރަކު؟

ކުއްޖަކު މި ދުނިޔެއަށް އަންނަ ހިސާބުން ފަށައިގެން، އެ ކުއްޖާ ދަނީ އެހެން މީހުންނާ މުއާމަލާތް ކުރަމުންނެވެ. އެހެން މީހުން ދައްކާ ވާހަކައަށް ޖަވާބު ނުދެވުނު ނަމަވެސް ކުއްޖާއަށް ދައްކާ ވާހަކަ ފަހުމު ވެއެވެ. އެހެން ނަމަވެސް އާންމުކޮށް ކުއްޖާގެ އެންމެ ފުރަތަމަ ބަސް ކިޔަންވީ އުމުރަކީ 10 މަހާއި 15 މަހާ ދެމެދު ކަމަށް ތަޖުރިބާކާރު، ޒިމްނާ ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ ކުއްޖާގެ އުމުރުން 18 މަސް ވާއިރު، 7-10 ބަސް ކިޔަން ފަށާން ވާނެ ކަމަށެވެ. އަދި ދެ އަހަރުގައި ދެ ބަސް ގުޅުވާލައިގެން ވާހަކަ ދައްކަން ފަށަން ވާނެ ކަމަށާއި، ތިން އަހަރުގައި ތިން ބަސް ގުޅުވާލައިގެން ވާހަކަދައްކަން ފަށަންވާނެ ކަމަށެވެ. ބަސްތައް ގުޅުވަލައިގެން ނުކީ ނަމަވެސް އޭގެ ކުރިން ވެސް ކުދިންނަށް އިޝާރާތުން މުއާމަލާތްކުރަން އެނގޭނެކަން އޭނާ ފާހަގަކުރައްވަ އެވެ.

ސްޕީޗް ތެރަޕިސްޓެއްގެ ލަފާ ހޯދަންވީ ވަގުތަކީ 15 މަސްވާއިރު ކުއްޖާ އެއްވެސް ބަހެއް ނުކިޔާ ކަމަށްވާނަމަ އެވެ. އާންމު ގޮތެއްގައި ކުދިން ވާހަކަދައްކާ އުމުރުގައި ވާހަކަދައްކަން ނުފަށައިފިނަމަ، އެންމެ ރަނގަޅު ގޮތަކީ ސްޕީޗް ތެރަޕިސްޓެއްގެ ލަފާ ހޯދުން ކަމަށް ޒިމްނާ ވިދާޅުވި އެވެ. ހަމައެއާއެކު 18 މަސްވާއިރު، ދައްކާ ވާހަކަ ފަހުމު ނުވުން ނުވަތަ، މީހުން ކިޔާއެއްޗެހި ފަހަތުން ނުކިއުން، އާ ބަސްތައް ކިޔާ ކަމަށް ފާހަގަ ނުކުރެވޭނަމަ އަދި ހަތް ބަހަށްވުރެ މަދު ބަސްތައް ބޭނުންކުރާ ކަމުގައިވާނަމަ ވެސް އެގޮތަށް އަމަލު ކުރެއްވުމަށް އޭނާ ލަފާދެއްވަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އުމުރުން ދެ އަހަރު ވާއިރު، ދެ ބަސް ގުޅުވައިގެން ވާހަކަ ދައްކަން ނުފެށުމާއި، ތިން އަހަރުވާއިރު ތިން ބަސް ގުޅުވައިގެން ވާހަކަދައްކަން ނުފެށުން، އަދި އެއް އުމުރެއްގެ ކުދިންނާ އެހާ ބޮޑަށް އިންޓެރެކްޓް ނުކުރުން، ކިޔެވުމަށް ޝައުގުވެރިކަން ނުހުރުމުގެ އިތުރަށް މީހުން ގޮވާލީމަ ނުބެލުމާއި ބުނާ ކަންތައްތައް ކުރަން ނޭގުން އަދި އަޅާ ނުލުން ފަދަ ކަންކަން ފާހަގަވަނަމަ ވެސް ސްޕީޗް ތެރަޕިސްޓަކަށް ދައްކާލުން ރަނަގޅު ކަމަށެވެ.

"ކުއްޖާގެ ވާހަކަދެއްކުން ލަސްވާ ކަމަށް ފާހަގަކުރެވޭނަމަ، ފަހުން ވާހަކަދައްކާނެ ކަމަށް މަޑުކުރުމުގެ ބަދަލުގައި، ސްޕީޗް ތެރަޕިސްޓެއްގެ ލަފާ ހޯދުން ރަނގަޅު." ޒިމްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕީޗް ތެރަޕިސްޓަކަށް ދައްކާ ހުރިހާ ކުދިންނަކީ ސްޕީޗް ތެރަޕީ ނަގަންޖެހޭ ކުދިން ނޫން ކަމަށެވެ. އައަދި ވާހަކަދެއްކުން ލަސްވާނަމަކަމަށް ފާހަގަވާނަމަ ފަހުން ވާހަކަދައްކާނެ ކަމަށް މަޑުކުރުމުގެ ބަދަލުގައި ސްޕީޗް ތެރަޕީ ނަގަން ޖެހޭތޯ ނުވަތަ ނޫންތޯ ޔަގީންކުރެވޭނީ ސްޕީޗް ތެރަޕިސްޓަކަށް ދައްކާލުމުން ކަމަށްވާތީ ޒިމްނާ ވަނީ އެގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ސްޕީޗް ތެރަޕިސްޓުންނަށް ދެއްކުމާއި، ސްޕީޗް ތެރަޕީ ނެގުމުގެ ހިދުމަތް އޭޑީކޭއިން ދަނީ ދެމުންނެވެ.

ބެލެނިވެރިންނަށް ކުރެވޭނީ ކޮންކަމެއް؟

ސްކްރީނުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށް އަސަރުކުރާ މިފަދަ ކަންކަމުން ދުރުހެލިވުމަށް ޒިމްނާ ބެލެނިވެރިންނަށް އިލްތިމާސްކުރެއްވީ ކޮންމެ ދުވަހަކުވެސް ކުއްޖާއާއެކު ކުޅުމުގައި ވަގުތު ހޭދަކުރުމަށެވެ.

"މިކަހަލަ ޒަމާނެއްގައި އެއްވެސް ވަރަކަށް ސްކްރީން ނުދީ އުޅުމަކީ ވެސް އުނދަގޫ ކަމަކަށް ވާނެ. ނަމަވެސް ވީހާވެސް ކުއްޖާ ސްކްރީނަށް ދުރުކުރަން މަސައްކަތްކޮށް، އަދި ސްކްރީން ދައްކާ މިންވަރު މަދުކޮށް، ސްކްރީން ބަލާ ވަގުތުތަކުގައި ވެސް ކުއްޖާއާ އެއްކޮށް ސްކްރީން ބަލާ، ކޮންމެ ދުވަހަކުވެސް ކުއްޖާއާއެކު ކުޅެ، ކުއްޖާއާ ވާހަކަދެއްކުން މުހިންމު" ޒިމްނާ ވިދާޅުވި އެވެ.

ވަރަށް ގިނަ ފަހަރު ކުދިންނަށް ސްކްރީން ދެއްކެނީ، ކާ ގަޑީގަ އެވެ. އެއީ ސްކްރީނަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން އިނދެ ކާތީ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްކްރީން ނުދައްކަންޏާމު ކުއްޖާ ނުކާ ހާލަތަށް ވެސް އެބަދެ އެވެ. ޒިމްނާ ލަފާ ދެއްވީ އެގޮތަށް ކުދިން އާދަނުކޮށް، ކާގަޑީގައި ކުއްޖާއަށް ކުޅޭ އެއްޗެއް ދީގެން، ނުވަތަ ކާއެއްޗެއްސާ ކުޅެން ދީގެން ނަމަވެސް ކުއްޖާއާ ވާހަކަދައްކަމުން ކާންދިނުމަށެވެ. އަދި އެންމެ ރަނގަޅަކީ ކާއެއްޗެއްސާ ކުޅެން ދީގެން، ވާހަކަދައްކަމުން ކާންދިނުން ކަން އޭނާ ފާހަގަކުރައްވި އެވެ.

އޭގެ އިތުރަށް ނިދާ ގަޑިއާ ކައިރިކޮށް ކުދިން ސްކްރީނާ ދުރުކުރަން ޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ނިދުމުގެ ދެ ގަޑިއިރު ކުރިން ސްކްރީންތައް ނިވާލުމަކީ ކުރެވިދާނެ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ސްޕީޗް ތެރަޕީ ނަގާ ކުއްޖަކު ކަމުގައި ވިޔަސް، ބެލެނިވެރިންނަށް އިތުރަށް އަދާ ކުރެވިދާނެ ދައުރެއް އެބަ އޮތެވެ. ހަމައެކަނި ތެރަޕީއަށް ބަރޯސާ ނުވެ، ބެލެނިވެރިން އަމިއްލައަށް ގޭގައި ވެސް ކުއްޖާގެ ވާހަކަދެއްކުން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. ސްޕީޗް ތެރަޕީ ނަގާ ކުއްޖެއްނަމަ، ތެރަޕީ ސެޝަންގައި ބެލެނިވެރިންނަށް ގޭގައި ކުރެވިދާނެ ކަންތައްތައް ކިޔައިދޭނެ އެވެ. އެއީ އެ ކުއްޖަކަށް އެހީ ބޭނުންވާ މިންވަރަށް ބަލާ، ތެރަޕިސްޓުން ދެއްވާނެ ލަފައެކެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox