ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން މިއަދު ފިލި ބިދޭސީ މީހާ ހޯދަން އިމިގްރޭޝަނުން އިއުލާނުކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުން، 26 މިއަދުގެ ފަތިހުގެ ވަގުތެއްގައި ފިލާފައިވަނީ، އެ ސެންޓަރުގެ ސީލިން ފަޅާލައިގެނެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށް ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ އެ މީހާ ސެންޓަރުގައި ހިފަހައްޓާފައިވަނީ، ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ގައުމަށް ފޮނުވާލުމަށް ކަމަށެވެ.

މިތުން އަކީ މީގެ ކުރިން ރާއްޖޭގައި ވާކް ވިސާއާ ހިލާފަށް މަސައްކަތްކޮށް ވަކި މުއްދަތެއް ވަންދެން އެނބުރި ނާދެވޭ ގޮތަށް ފޮނުވާލެވިފައިވާ މީހެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، ޑިޓެންޝަން ސެންޓަރު ބަލަހައްޓަނީ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ކަމަށްވާތީ، މިތުން އެ ސެންޓަރުން ފިލުމާ ގުޅޭގޮތުން އޮފިޝަލް މައުލޫމާތެއް ނުދެއްވި އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.












