ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލް އަޅަން ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހަޅަން ފުރަތަމަ ހުޅުވާލީ މި އަހަރުގެ ކުރީކޮޅު ހއ. އިހަވަންދޫ އާއި ޅ. ހިންނަވަރާ އެކީގަ އެވެ. މިފަހަރު ކެނދިކުޅުދޫ ހޮސްޕިޓަލުގެ މަސައްކަތް ވަކިން އިއުލާންކޮށްފައިވާއިރު، ކުރީގެ އިއުލާން ބާތިލުކުރި ސަބަބު ސާފެއް ނޫނެވެ.
އެކަމަކު ސީދާ މި ޕްރޮޖެކްޓުގެ ނަން ނުގަތް ނަމަވެސް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ބައެއް ހޮސްޕިޓަލުތައް އަޅަން ކޮންޓްރެކްޓަރުން ހުށަހެޅި އަގުތައް ބޮޑުކަމުން އަލުން ބީލަމަށް ލާން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ފިނޭންސުން ވަނީ ކެނދިކުޅުދޫ ހޮސްޕިޓާ އިމާރާތްކުރަން މިފަހުން ކުރި އިއުލާނުގެ މުއްދަތު ވެސް ދެ ފަހަރެއްގެ މަތިން އިތުރުކޮށްފަ އެވެ.
އެގޮތުން ފުރަތަމަ ކުރި އިއުލާނުގައި ސުންގަޑި ކަނޑައެޅީ އޮގަސްޓު 9 އަށެވެ. އެފަހުން ކުރި އިއުލާނުގައި ބުނި ތާރީހަކީ އޮގަސްޓު 24 އެވެ. އެންމެ ފަހުގެ އިއުލާނުގައި ބުނާ ސުންގަޑިއަކީ މާދަމާ (ސެޕްޓެމްބަރު 1) އެވެ.

ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއުއަކީ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލް ފެެންވަރަށް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މި ރަށްރަށުގައި 30 އެނދުގެ ހޮސްޕިޓާތަކާއި 50 އެނދުގެ ހޮސްޕިޓާތައް އެޅުމެވެ.
އެހެން ނަމަވެސް މިހާތަނަށް މިއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުފެށެ އެވެ. އަދި ގިނަ މަޝްރޫއުތަކުގެ މަސައްކަތް ވަނީ އަލުން ބީލަމަށް ލާފަ އެވެ.












