ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ކުލަބެއް ކަމަށްވާ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބާ ގުޅިއްޖެ އެވެ.
ހަސަން އަކީ ރާއްޖެ އިން ބޭރުގެ ކުލަބަކަށް ކުޅުނު ފުރަތަމަ ދިވެހި ކްރިކެޓު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2017ގެ ކުރީކޮޅު މެލޭޝިއާ ސްޓޭޓް ލީގުގެ ޕެނާންގް ޓީމަށް ކުޅެފަ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާގެ އެންމެ ވަރުގަދަ ލީގުގައި ކުޅޭ މެލްބަން ރެނެގޭޑްއާ އެކު ހަސަން ތަމްރީން ހެދި އެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް އޭރު ކުޅެމުން އައި ހަސަނަށް ރެނެގޭޑްއާ އެކު ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނީ އޭނާގެ ޕާސަނަލް ކޯޗެއްގެ ގޮތުގައި އޭރު މަސައްކަތް ކުރަމުން އައި އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑް އެވެ.
ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބަކީ އޮސްޓްރޭލިއާގެ ތިން ވަނަ ފަންތީގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ޓީމެކެވެ. އޮސްޓްރޭލިއާ ކުލަބާ އެކު އަލަށް ފަށާ ގްރޭޑް ކްރިކެޓު ސީޒަންގައި އެ ކުލަބާ އެކު ހަސަން ވާދަކުރާނެ އެވެ.
ޕްރިމިއާ ގްރޭޑް ކްރިކެޓު މުބާރާތަކީ އޮސްޓްރޭލިއާގެ ގައުމީ ފެންވަރުގެ މުބާރާތްތަކާއި ސްޓޭޓް މުބާރާތްތަކަށްފަހު ކުޅޭ އެންމެ ވަރުގަދަ މުބާރާތެވެ.
ހަސަން ކުޅޭ ވެސްޓާން ސަބްއާބްސް ޑިސްޓްރިކްޓް ކްރިކެޓު ކުލަބާއި ދެކޮޅަށް ކުއީންސްލޭންޑުގެ ދެކުނުއިރުމަތީ ސްޓޭޓްތަކުގެ ޓީމްތަކުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ބްރިސްބޭން، އިޕްސްވިޗް، ގޯލްޑް ކޯސްޓު އަދި ސަންޝައިން ކޯސްޓުގެ ޓީމްތައް ހިމެނެ އެވެ.
އުމުރުން އެންމެ 15 އަހަރުގައި ހަސަން ވަނީ 2006 ވަނަ އަހަރު ގައުމީ ކްރިކެޓް ޓީމުން ޖާގަހޯދައިފަ އެވެ. އޭގެ ފަހުން ގައުމީ ކްރިކެޓް ޓީމުން ފާހަގަވާން ފެށި ހަސަން އަންނަނީ ގަވާއިދުން ގައުމީ ކްރިކެޓް ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި އޭޝިއަން ގޭމްސްގެ އިތުރުން 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ކުޅެފަ އެވެ.
ހަސަން އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ. ކުޅުމުގެ ކެރިއަރުގެ އިތުރުން ހަސަން ވަނީ ކުޅިވަރުގެ އެޑްމިނިސްޓްރޭޝަނުގެ އެކި އެކި މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި މަސައްކަތްކޮށް، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ރާއްޖޭގެ ބޮޑު ކޮންޓިންޖެންޓުގެ މަސައްކަތުގައި ހަސަން ވަނީ އޮލިމްޕިކް ކޮމިޓީގެ އެކި ޒިންމާތައް އަދާކޮށްފަ އެވެ.












