މިއަހަރު ފަހުކޮޅު އޮންނަ ވޯލްޑް ކަޕްއާ ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް "މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް"ގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް އަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ބާއްވާ ފެސްޓިވަލެކެވެ.
މިގޮތުން، ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރޭވިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެގޮތުން، ސެންޓްރަލް ޕާކް، ނެއިބާހުޑް 6 (ހިޔާ ސަރަހައްދު)، ރުއްގަނޑު 1 އަދި ރުއްގަނޑު 2 ގައި މި ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ.
މެޗުތައް ބަލާލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރޭވިފައިވާއިރު، ހަފުތާ ބަންދު ދުވަސްތަކާއި މުހިންމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެ އެވެ.
މީގެ އިތުރުން، ސްކޯ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިން އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވުމަށް އީމެއިލް ކުރަން އެޗްޑީސީން ވަނީ އެދިފަ އެވެ.








