ހިތުގެ އެއްވެސް އޮޕަރޭޝަނަކީ ކުޑަ ކަމެއް ނޫނެވެ. އޯގަސްޓް 8، 2018 ގައި، ދިވެހި ޑޮކްޓަރަކު އިސްކޮށް ހުންނަވައި، ރާއްޖޭގައި ކުރި ފުރަތަމަ ހިތުގެ ސާޖަރީއަކީ، ރާއްޖެއަށް މާސިންގާ ބޮޑު އޮޕަރޭޝަނެކެވެ.
އަބްދުއްރަހްމާން ދޮން ކިލޭގެފާނު ހޮސްޕިޓަލު ނުވަތަ އަހަރުމެން އާންމުކޮށް ކިޔާ ނަމަ އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފަށް އެ ދުވަހު އޮތް މަސައްކަތަކީ، ބަލިމީހާގެ މެއި ކަފާލައިގެން ޑޮކްޓަރުން އޮޕަރޭޝަން ކުރަމުންދިޔައިރު އެކަމުގެ މައުލޫމާތު މަޑުކުރާ ކޮޓަރީގައި ތިބި ބަލިމީހާގެ އާއިލާއަށް ފޯރުކޮށްދިނުމެވެ.
"އަޅުގަނޑު ދިޔައީ ތިއޭޓަރަށް ގޮސް ސާޖަންގެ މަސައްކަތް ބަލައި، ޑޮކްޓަރުންގެ މެސެޖުތައް އާއިލާއަށް ކިޔައިދެމުން. އެއިރު އަޅުގަނޑުމެން ހެދީ ބައިޕާސް ސާޖަރީއެއް. އެއީ ބީޓިން ހާޓް ސާޖަރީއެއް. މާނައަކީ ހިތް ހުއްޓާނުލައި ހިތުގައި ބެދިފައި އިން ލޭ ހޮޅިއަކަށް ލޭ ހޮޅިއެއް ގުޅާލަން،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ހިތުގެ ސާޖަރީ ދުވަސް ފާހަގަ ކުރުމަށް އޭޑީކޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެލެއްވި ބައެއް ޑޮކްޓަރުން: އެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އޭޑީކޭއިން ވަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ދައުވަތު ދެއްވައިފަ -- ފޮޓޯ: އޭޑީކޭ
ދިވެހިރާއްޖޭގައި ކުރި ފުރަތަމަ ހިތުގެ ސާޖަރީއަށްފަހު މި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އަދި ހާއްސަކޮށް އޭޑީކޭ ހޮސްޕިޓަލުން ވަނީ އެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ފުރަތަމަ ސާޖަރީއަށްފަހު މިހާރު އެ ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ މީހުންގެ ހިތުގެ ސާޖަރީ ހަދާފައިވާއިރު، މީގެ ތިން އަހަރު ކުރިން ކަންކުރި ގޮތާއި މިހާރު މަސައްކަތް ކުރާ ގޮތާ ވަރަށް ތަފާތެވެ.
އެންމެ ފުރަތަމަ ސާޖަރީ ކުރީ ހަށިގަނޑު ބޮޑުކޮށް ފަޅާލައިގެން. ނަމަވެސް މިހާރު ގިނަ ސާޖަރީތައް ކުރަނީ ކުޑަ ކެފުމަކުންނެވެ. އަދި ބައެއްފަހަރު ހަދާ ގޮތަކީ އެއްވެސް ވަރަކަށް ކެފުމެއް ނެތި އުކުޅުވަޅުން މައި ނާރަށް އެކްސެސްވެގެންނެވެ.
"ހިތުގެ އެއްވެސް ސާޖަރީއަކީ ކުޑަ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން ފުރަތަމަ ކުރި ސާޖަރީއަކީ މިހާރު ކުރަމުންދާ ސާޖަރީތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ ސާޖަރީއެއް. އޭގެފަހުން ވަރަށް ބޮޑަށް ދާއިރާ ތަރައްގީވެއްޖެއޭ އަޅުގަނޑު ބުނާނީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ޖަނަވާރުގެ ގުނަވަނެއް ބޭނުންކޮށްގެން ހިތަށް ފަރުވާ ދޭ ގޮތް ސްކޫލް ދަރިވަރުންނަށް އޭޑީކޭގެ ޑޮކްޓަރުން ދައްކާލައްވަނީ: މި އިވެންޓުގައި 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި -- ފޮޓޯ: އޭޑީކޭ
ރާއްޖޭގައި ހެދި ފުރަތަމަ ހިތުގެ ސާޖަރީއަކީ ބައިޕާސް ސާޖަރީއެކެވެ. ބައިޕާސްއެއް ހަދަންޖެހެނީ ހިތުގެ މަސްގަނޑަށް ލޭ ފޯރުކޮށްދޭ ހޮޅިއެއް ބެދުމުންނެވެ.
އެ ސާޖަރީ ހަދާ ގޮތަކީ ފައިގެ ނާރެއް ނެގުމަށްފަހު ހިތުގެ ބެދިފަ އިންނަ ލޭ ހޮޅިއަށް އެ ނާރު ގުޅާލަނީ އެވެ. އެއް ކޮޅު ގުޅަނީ ބެދިފަ އިންނަ ދިމާލުގެ މަތިންނެވެ. އަނެއް ކޮޅު ގުޅަނީ ބެދިފަ އިންނަ ދިމާލުގެ ތިރިއަށެވެ. އެއިރުން ހިތުގެ ބެދިފަ އިން ތަންކޮޅު ހަމަ އެގޮތަށް އިންދާ ގުޅާލި ހޮޅި މެދުވެރިކޮށް ހިތާ ހަމައަށް ލޭ ގެންގޮސްދެ އެވެ. ބައިޕާސް ސާޖަރީއޭ ބުނަނީ ބެދިފަ އިންނަ ތަންކޮޅު އެގޮތަށް އިންދާ އެތަން ބައި ޕާސްކޮށް އަލަށް ގުޅާލި ހޮޅިން ހިތަށް ލޭ ގެންގޮސްދޭތީ އެވެ.
ނަމަވެސް ރާއްޖޭގެ ފުރަތަމަ ހިތުގެ ސާޖަރީ ހެދި ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުންދާ "ނެޝަނަލް ކާޑިއެކް ސާޖަރީ ޑޭ 2022" ފާހަގަ ކުރުމަށް މިއަހަރު ބޭއްވި ހަފްލާތަކުގައި އޭޑީކޭއިން ކުރިއަށްގެންދިޔައީ އެއަށްވުރެ މާ ކޮމްޕްލެކްސް ނުވަތަ އުނދަގޫ ސާޖަރީތަކެވެ. ތިރީގައި މި ވަނީ އެ ދުވަސް ފާހަގަ ކުރުމަށް ހޮސްޕިޓަލުން ކުރި ބައެއް ކަންކަމެވެ.
އޯގަސްޓް 8، 2022
- ކެތު ލެބުގައި ކެތީޓާ ސާޖަރީތަކެއް ކުރިއަށް ގެންދިއުން
- ކުޑަ ކެފުމަކުން ހިތުގެ ސާޖަރީތައް ކުރިއަށް ގެންދިއުން
- ހިތުގެ ސާޖަރީތައް ހަދާނެ އާ ގޮތްތަކެއް ތައާރަފް ކުރުން
- ޖަނަވާރުގެ ގުނަވަންތައް ބޭނުންކޮށްގެން ހިތުގެ ފަރުވާ ދޭ ގޮތުގެ ތަޖުރިބާ ކުރުން
އޯގަސްޓް 9، 2022
- ޖަނަވާރުގެ ގުނަވަންތައް ބޭނުންކޮށްގެން ހިތުގެ ސާޖަރީ ކުރާ ގޮތް ދަރިވަރުންނަށް ދައްކާލުން. މި ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވޭ
އޯގަސްޓް 10، 2022
- ޖަނަވާރުގެ ގުނަވަންތައް ބޭނުންކޮށްގެން ހިތުގެ ސާޖަރީތައް ހަދާ ގޮތް އޭޑީކޭގެ ނަން މެޑިކަލް މުވައްޒަފުންނަށް، އޭޑީކޭއާ ގުޅުން އޮންނަ ފަރާތްތަކަށް އަދި އެ ވަގުތު ހޮސްޕިޓަލަށް ޒިޔާރަތް ކުރި ބައެއް ފަރާތްތަކަށް ދައްކާލުން
މިހާރު އޭޑީކޭއިން ކުރާ ހިތުގެ ސާޖަރީތަކަކީ ކުރިން ވެސް ބުނި ފަދައިން ބޮޑު ސާޖަރީތަކެކެވެ. މިސާލަކަށް ކެތީޓާ ބޭނުންކޮށްގެން ކުރާ ސާޖަރީއަކީ މޭ ނުފަޅާ ކުރާ ސާޖަރީއެކެވެ. ކެތީޓާ ސާޖަރީ ގިނައިން ކުރަނީ ހިތުގަ އުފެދޭ ލޯވަޅެއް ބެއްދުމަށެވެ. އެ ސާޖަރީ ހަދާ ގޮތަކީ އުކުޅުވަޅުން ހިތަށް އެކްސެސްވެގެނެވެ.
އެ ސާޖަރީ ހެދުމަށް އެންމެ ފުރަތަމަ އުކުޅުވަޅުން ހިތާ ހަމައަށް ފޮނުވާލަނީ ގައިޑިން ވަޔަރަކެވެ. އެއީ ވަރަށް ހިމަ ރޮއްޖެކެވެ. ދެން ވައްދަނީ ކެތީޓާ އެވެ. ކެތީޓާއަކީ ވަރަށް ހިމަ ހޮޅިއެކެވެ. ކެތީޓާ ތެރޭގައި އޭއެސްޑީ ޑިވައިސްއެއް އިންނާނެ އެވެ. އެއީ ދެ ބޯ ލާފައި އިންނަ މަޝްރޫމެއް ގޮތަށް އިންނަ އެއްޗެކެވެ. ހިތުގެ ލޯވަޅާ ހަމައަށް ކެތީޓާގައި އެ ޑިވައިސް ގެންދިޔުމުން، ކެތީޓާގެ ތެރެއިން ޑިވައިސް ނެރެވި، ވާރޭ ކުޑައެއް ގޮތަށް ހުޅުވެ އެވެ. ކެތީޓާ އެއްކޮށް ނެގުމުން އަނެއްކޮޅު ވެސް ކުޑައެއް ގޮތަށް ހުޅުވި، ހިތުގެ އިންނަ ލޯވަޅު ދެ ފަރާތުން ބައްދާލަ އެވެ.

ހިތުގެ ލޯވަޅު ބެއްދުމަށް އުކުޅުވަޅުން ލައްވާ ޑިވައިސް އިންނަ ގޮތް ޑޮކްޓަރަކު ދައްކާލައްވަނީ: އޭޑީކޭއިން ވަނީ ހިތުގެ ސާޖަރީ ކުރުމަށް ތަފާތު ފަހުގެ ގޮތްތައް ރާއްޖެއަށް ތައާރަފްކޮށްފައި -- ފޮޓޯ: އޭޑީކޭ
"މި ހުރިހާ ކަމެއް ޑޮކްޓަރުން ބަލަމުންދާނީ ލައިވް އެކްސްރޭއެއް މެދުވެރިކޮށް. ޑޮކްޓަރުންނަށް މަންޒަރު ފެންނާނީ އެގޮތަށް،" އެ ސާޖަރީ ކުރާ ގޮތް އޮޅުންފިލުވައިދެއްވަމުން ޑރ. ނިޔާފް ވިދާޅުވި އެވެ.
ކެތީޓާ ސާޖަރީއިން މޭ ނުފަޅައި ހިތުގެ ސާޖަރީތައް ކުރެވުނު ނަމަވެސް ބައެއް ކަހަލަ ހިތުގެ ސާޖަރީތަކަކީ ސީދާ ހިތާ ކުޅެގެން މެނުވީ ނުކުރެވޭނެ ސާޖަރީތަކެކެވެ. އެފަދަ ސާޖަރީތައް ކުރަނީ މޭ ފަޅާލައިގެން، ހިތް ވެސް އެއްކޮށް ހުއްޓާލައިގެނެވެ. އެ ވަގުތު ހިތާއި ފުއްޕާމޭގެ މަސައްކަތް ކުރަނީ މެޝިނަކުންނެވެ. އެ މެޝިނަށް ކިޔާ ނަމަކީ ހާޓް އެންޑް ލަންގްސް މެޝިނެވެ.
އެފަދަ ސާޖަރީ ކުރުމަށް ފުރަތަމަ މެޝިނުގެ ހޮޅިތައް ހިތަށް ގުޅަނީ އެވެ. ހިތަށް ގުޅާ ހޮޅިން މެޝިނަށް ލޭ ނަގަ އެވެ. އެ ލޭ އަނބުރާ އަނެއްކާ ވެސް މެޝިނުގެ ޕަމްޕެއް މެދުވެރިކޮށް ހަށިގަނޑަށް ފޮނުވާލަނީ އެ ލޭ ފިލްޓާކޮށް، ބޭނުންވާ ފިނިހޫނުމިނެއްގައި އޮކްސިޖަން ވެސް ދިނުމަށްފަހު އެވެ. މެޝިނުން ހަށިގަނޑަށް ފޮނުވާލާ ލޭ ފޮނުވަނީ ވެސް ހިތަށް ގުޅާފައި އިންނަ ހޮޅިއެއް މެދުވެރިކޮށެވެ. މި މަސައްކަތް ކުރިއަށްދާއިރު ފުއްޕާ މޭ ބޭނުމެއް ނުވެ އެވެ.
"އަދިވެސް މި ދާއިރާގައި އަޅުގަނޑުމެން ކުރިއަރަމުން މި ދަނީ. ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ ކައިރިއަސް އަޅުގނޑުމެން މި ދަނީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.










