ތައުލީމީ ޖީލެއް ފައްކާވެ، ގައުމީ ހިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގު ކޮށައިދިނުމަކީ ޒިންމާއެއް ކަމަށާއި، ދަރިވަރުންނާއި ބެލެނިވެރިންގެ ހުވަފެންތައް ކާމިޔާބު ކޮށްދިނުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ސްކޫލް ނިންމި ކުދިންގެ ތެރެއިން މަތީ ވަނަ ހާސިލުކުރި ކުދިންނަށް އިނާމުދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ދަރިވަރުންނަށް ހިކުމަތްތެރި، އަގުހުރި ނަސޭހަތުގެ ބަސްކޮޅެއް އިއްވާފަ އެވެ. އަދި ދަރިވަރުންގެ މުސްތަގުބަލު އުޖާލާކުރުމުގެ ޒިންމާ އޮތް ފަރާތްތަކަށް، ކުދިންގެ ހައްގުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
"އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ސަރުކާރުން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިކަން، މިފުރުސަތުގައި ތިޔަ ކުދިންނަށާއި ތިޔަ ކުދިންގެ ބެލެނިވެރިންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން،" ރައީސްގެ ވާހަކަ ކުރިއަށް ގެންދެވި އެވެ.
ކޮވިޑް 19 ގައި ތައުލީމީ ދާއިރާ ތަހައްމަލުކުރި ދަތި އުނދަގޫތަކާ އެކު ވެސް، ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދީ، ފާހަގަކޮށްލެވޭ ނަތީޖާތައް ސްކޫލްތަކުން ނެރެދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދަތި އުނދަގޫ ހާލަތުގައި ދަރިވަރުން، ރަނގަޅު ނަތީޖާ ހޯދުމަށް ކުރި މަސައްކަތަށް ސާބަސް ދެއްވި އެވެ.
ރައީސް ވިދާޅުވީ، ކުދިންގެ ވިސްނުން މިއަދު އަމާޒު ކުރަންވީ، ގައުމު ބިނާކުރުމަށް ކަމަށެވެ. ގައުމަށްޓަކައި ތިމާގެ ކިބައިގައި އުފައްދާނީ ކޮން ކަހަލަ ޝަހުސިއްޔަތެއްކަން ކަނޑައެޅުން ކަމަށެވެ. އެފަދަ ޝަހުސިއްޔަތެއްގައި ހުންނަންޖެހޭނެ އިލްމީ ގާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެހެން ކަމުން މަތީ ތައުލީމު ހާސިލުކުރަން އަމާޒުހިފާއިރު، އެންމެ ފަސޭހައިން ޙާޞިލުކުރެވެން އޮތް ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި، އެކުއްޖަކު އެންމެ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅަން އިލްތިމާސް ކުރެއްވި އެވެ.
"މިއަދު ތިޔައިން ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ، ތިމަންނާ ކުރިއަށް ދާން އެންމެ ބޭނުންވަނީ ކޮން ދާއިރާއަކުން ކަން. ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރަން އުޅުމަކީ، ތިމާގެ ކިބައިގައި ހުންނަ ހުނަރު، ބައެއް ފަހަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މިއީ މައިންބަފައިން ވެސް ދެނެގަނެ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ދަނެގަތުމާއި، ކުދިންގެ ހުނަރާއި ގާބިލުކަން ހުރި ގޮތެއްގެ މަތިން އެކުދިންނަށް ތައުލީމު ފުރުދސަތު ފަހިކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލެއްވި އެވެ. ކަމަށް ގާބިލު، އުގެނޭ ތައުލޫމުގެ ބޭނުން ހިފަން ދަންނަ ޖީލެއް ބިނާކުރެވޭނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވަނީ، ދަރިވަރުން ކުރިމަގަށް އަމާޒުތައް ބައްޓަންކުރާއިރު، އުފަން ރަށުގައި، މައިންބަފައިންނާއި އާއިލާތަކާއެކު ތިބެގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ވިސްނުންފުޅެއް ކަމަށެވެ. މި ފުރުސަތު، ތަރައްގީ ލާމަރުކަޒުވެގެން ދާވަރަކަށް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަޒީފާއާއި ޒަރޫރީ ހިދުމަތްތައް ހޯދުމަށްޓަކައި ހިޖްރަކުރަންޖެހޭ މިންވަރު އެދަނީ ދަށްވަމުން. މިއަދު ތިޔަ ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި ޢާއިލާއާ އެކުގައި ތިބެގެން ގައުމަށް ހިދުމަތް ކުރެވެން އޮތީ ކޮން ގޮތަކަށްތޯ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ، ތައުލީމު ހަރުދަނާކުރުމަށް ސަރުކާރުން މިހާރު ފަހިކޮށްދޭ ފުރުސަތުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން، ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 14930 ދަރިވަރަކަށް ފުރުސަތު ދީފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ސްޓޫޑެންޓް ލޯންގެ ދަށުން މިސަރުކާރުން މިހާތަނަށް 1986 ދަރިވަރަކަށް ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 20 ގައުމެއްގެ ތަފާތު ޔުނިވަސިޓީތަކުގައި ތަފާތު ސްކޮލަޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު 468 ދަރިވަރަކަށް ފަހިކޮށްދީފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
"މިފަދަ ކިތަންމެ ފުރުޞަތުތަކެއް ތިޔަ ދަރިވަރުންގެ ކުރިމަތީގައިވެސް އެބަ ހުއްޓޭ. ތިޔަ ދަރިވަރުންގެ މޫނުމަތިން ފާއްދަމުންދާ އުފާވެރިކަމުގެ ފަހަތުގައިވާ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ސަރުކާރުން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިކަން، މިފުރުސަތުގައިޔަގީންކޮށް އަރުވަން." ރައީސްގެ ވާހަކަކޮޅު ކުރުކޮށްލަމުން ވިދާޅުވި އެވެ.
މިރޭ ރަން ވަނަ ހާސިލުކުރި ކުދިންނަށް ހާއްސަކޮށް އަމާޒުކުރައްވައި ރައީސް ވަނީ، އެކުދިންގެ ގާބިލުކަމުގެ ބޭނުން ހިފައި، ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށް ވުމަށް ގޮވާލައްވާފަ އެވެ. ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.












