ދުނިޔޭގެ އެންމެ ބޮޑު ފިރިހެން ޓެނިސް މުބާރާތް ކަމަށްވާ ޑޭވިސް ކަޕްގެ އޭޝިއާ/އޯޝޭނިއާ ކޮލިފައިންގައި ވާދަކޮށް ދިވެހިރާއްޖޭގެ ގައުމީ ޓެނިސް ފިރިހެން ޓިމުން އުއްމީދީ ކުޅުމެއް ދައްކައިފި އެވެ.
މި މަހުގެ ކުރީކޮޅު ސްރީ ލަންކާގައި ކުރިއަށްދިޔަ ސަރަހައްދި ކޮލިފައިންގައި 10 ގައުމަކުން ވާދަކުރި އެވެ. ރާއްޖެ ހިމެނުނީ އިރާގް، ޔަމަން، އަދި ބުރުނާއީއާ އެއް ގްރޫޕެއްގަ އެވެ. ކޮލިފައިންގައި ރާއްޖެއިން ވާދަކުރި ތިން ކުޅުންތެރިންނަކީ އަބްދުﷲ ފާއިހް ފަޒީލް އާއި ހުސައިން ނާޒިފްގެ އިތުރުން އަހުމަދު އައިހަމް ޝިޔާމް އެވެ.
ފުރަތަމަ މެޗުގައި ޔަމަނާ ވާދަކޮށް ރާއްޖެ ބަލިވީ 1-2 އިންނެވެ. ފުރަތަމަ ޓައިގައި ރާއްޖޭގެ އައިހަމް ވަނީ ޔަމަންގެ ކުޅުންތެރިޔާ އަތުން ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. އެއީ 6-4 އަދި 6-3 އިންނެވެ. ދެ ވަނަ ގޭމުގައި ރާއްޖޭގެ ފާއީ ނުކުތީ ޔަމަންގެ އެއް ވަނަ ކުޅުންތެރިޔާއާ ދެކޮޅަށެވެ. އެމެރިކާގައި ތަމްރީން ހަދަމުން އަންނަ ކުޅުންތެރިޔާ އަތުން ފާއި ބަލިވީ 4-6 އަދި 6-4 އިންނެވެ. ނަތީޖާ ކަނޑައަޅަން ކުޅުނު ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ބަލިވި 6-4 އަދި 6-2 އިންނެވެ.
ދެ ވަނަ މެޗުގައި ރާއްޖެ ނުކުތީ އިރާގާ ދެކޮޅަށެވެ. މި ފަހަރު ފުރަތަމަ މެޗުން ރާއްޖޭގެ އައިހަމް އަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އޭނާ ބަލިވީ 0-6 އަދި 0-6 އިންނެވެ. ދެ ވަނަ މެޗުގައި އިރާގުގެ އެއް ވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ރާއްޖޭގެ ފާއީ ވަރުގަދަ ވާދައެއް ކުރި އެވެ. ފުރަތަމަ ސެޓު 7-5 ފާއި ހޯދި އެވެ. ދެ ވަނަ ސެޓުގައި 2-6 އިން ބަލިވި އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުގައި އަނިޔާގެ ސަބަބުން ފާއީ އަށް ޖެހުނީ މެޗު ކުރިއަށް ނުގެންދެވި ދޫކޮށްލާށެވެ. ފަހު ޑަބަލްސް މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ 0-6 އަދި 0-6 އިންނެވެ.

ޑޭވިސް ކަޕްގެ ސަރަހައްދީ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމްގެ އައިހަމް ކުޅެނީ / ފޮޓޯ: ޑޭވިސް ކަޕް
ކޮލިފައިންގެ ފަހު މެޗުގައި ބުރުނާއީ އަތުން ރާއްޖެ ބަލިވީ 1-2 އިންނެވެ. މި މެޗުގެ ފުރަތަމަ ޓައިގައި ބުރުނާއީގެ ބިލީ ވޮން އަތުން އައިހަމް ބަލިވީ 1-6 އަދި 1-6 އިންނެވެ. ދެވަނަ ޓައި އިން މޮޅުވެ ރާއްޖޭގެ ފާއީ ޓީމަށް ހިތްވަރު ހޯދައިދިނެވެ. ބުރުނާއީގެ އައިމަން އަބްދުﷲ އަތުން ފާއީ މޮޅުވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 6-1 އިން ފާއީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ގެއްލުނީ 2-6 އިންނެވެ. ފަހު ސެޓު ފާއީ ހޯދީ 6-1 އިންނެވެ.
ނަތީޖާ ނެރެން ކުޅުނު ޑަބަލްސްގައި ރާއްޖޭގެ ނާޒިފް އާއި ފާއީ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ 0-6 އަދި 4-6 އިންނެވެ.
މިއީ ރާއްޖޭގެ ގައުމީ ޓީމުން ޑޭވިސް ކަޕްގެ ކޮލިފައިންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ކްލޭ ކޯޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފުރަތަމަ ތަޖުރިބާ އެވެ. ރާއްޖޭގައި ޓެނިސް ކުޅެ ކްލޭ ކޯޓެއް ނޯވެ އެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް ބަލާއިރު މި ކޮލިފައިންގައި ރާއްޖޭގެ ޓީމުން ނެރުނީ ނިސްބަތުން ރަނގަޅު ނަތީޖާތަކެކެވެ.












