މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބަހުގެ ހިދުމަތް ފަށަން ކުރި އިންވެސްޓްމަންޓު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ބަދަލުކުރީ 10 އަހަރުން ދައްކާ ހަލާސްކުރާ ގޮތަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ބަހުގެ ހިދުމަތް ދެމުން އައި ސަރަހައްދުތަކަކީ ގްރޭޓާ މާލެ، ލ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އެވެ. އެމްޕީއެލްއިން ބޮޑު ހަރަދެއް ކޮށްގެން ޓްރާންސްޕޯޓް ޑިވިޝަނެއް ގާއިމުކުރުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ.
އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކް ހިދުމަތް ގާއިމުކުރަން އެ ކުންފުނިން ސަތޭކަ މިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރި އެވެ. ނަމަވެސް, ހިދުމަތް ދެމުން ދިޔަ ތިން ސެކްޓާ ހިންގަމުން ދިޔައީ ގެއްލުމުގަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޖުލައި މަހު، އެ ހިދުމަތް ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފަ އެވެ.
އެމްޕީއެލްގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، ބަހުގެ ހިދުމަތް ބަދަލުކުރުމުގެ ކުރިން، 2020 ވަނަ އަހަރު އެ ހިދުމަތުން އެ ކުންފުންޏަށް ވަނީ 57.9 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ. އަދި މިދިޔަ އަހަރު ބަހުގެ ހިދުމަތް ބަދަލުކުރުމާ ހަމައަށް، އެމްޕީއެލަށް ލިބުނު ގެއްލުމުގެ އަދަދު ވަނީ 27.7 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.
ބަހުގެ ހިދުމަތް ބަދަލުކުރުމަށް، އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ދެ ކުންފުނީގެ މެދުގައި އެއްބަސްވެފައިވަނީ، އެ އިންވެސްޓުގެ އަގުގެ ގޮތުގައި 20.5 މިލިއަން ރުފިޔާ އެމްޕީއެލްއަށް ލިބެންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ބަސްތަކާއި ބިންތަކުގެ އަގުވެސް ހިމެނޭ ގޮތަށެވެ.
އެކަމަކު އެ ފައިސާ އަނބުރާ ދައްކަން އެއްބަސްވެފައިވަނީ 10 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިގޮތުން، ފުރަތަމަ ހަތް މަހު، މަހަކު 185،000ރ. އަދި އޭގެ ފަހުން މަހަކު 209،000ރ. އެމްޕީއެލްއަށް ދައްކާ ގޮތަށް އެމްޓީސީސީން ވަނީ އެއްބަސްވެފަ އެވެ.
މީގެ އިތުރުން، ހިދުމަތް ފަށަން ބަސް އިމްޕޯޓުކުރަން، އެމްޕީއެލްއިން ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ނަގާފައިވާ ލޯނު، އަނބުރާ ދެއްކުމުގެ ޒިންމާ ވެސް އެމްޓީސީސީއަށް ބަދަލުކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.
އެމްޕީއެލްގައި ޓްރާންސްޕޯޓް ޑިވިޝަނެއް ގާއިމުކޮށް، ބަސް އެތެރެކުރަން، 2019 ވަނަ އަހަރުގެ މާޗް މަހު 30.3 މިލިއަން ރުފިޔާ އަދި އެ އަހަރުގެ ޖޫން މަހު 29.5 މިލިއަން ރުފިޔާގެ ލޯނުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން އެމްޕީއެލްއަށް ވަނީ ދީފަ އެވެ. އެއީ ތިން ޕަސަންޓު އިންޓަރެސްޓުގައި ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރި ދެ ލޯނެވެ.
އެކަމަކު ކޮވިޑާ ގުޅިގެން އައި ހީނަރުކަމުގައި 2020 ވަނަ އަހަރުން ފެށުގެން ދެ އަހަރުގެ މުއްދަތަކަށް އެ ލޯނު އަނބުރާ ދައްކަން ފަށަންޖެހޭ މުއްދަތު ވަނީ ފަސްކޮށްދީފަ އެވެ.
ބަހުގެ ހިދުމަތާއެކު، ޖުމްލަ 50.8 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދެއްކުމުގެ ހުރިހާ ޒިންމާއެއް ވެސް އެމްޓީސީސީއަށް ބަދަލުކުރެވިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.











