"އަޅުގަނޑުމެންނަކީ ފަންކާ ހެދި މީހުން، ގަޑި ހެދި މީހުން، އަދި މިހާރު އަޅުގަނޑުމެން މި ހެދީ މަތިންދާ ބޯޓު،"
ރާއްޖޭގެ ހަ އެއާޕޯޓެއް ހިންގަމުންދާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ހއ. ހޯރަފުށި އެއާޕޯޓްގައި ގާއިމްކުރި އެވިއޭޝަން އެކަޑަމީގެ ފަޔާ ސިމިއުލޭޓާ ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގައި، ފަހުވެރިކަމާ އެކު ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ މިހެެނެވެ.
މަތިންދާބޯޓުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެ ކަމަށް ތައްޔާރުވުމަށް "ފަޔާ ފައިޓާސް" ތަމްރީނު ކުރުމުގެ މަސައްކަތް ކުރެވިފައި އޮތް ނަމަވެސް, "ފަޔާ ސިމިއުލޭޓާ" އެއް ރާއްޖޭގައި ނެތުމުން، އެ ތަމްރީން ކުރިން ދެމުން ދިޔައީ ދަރިވަރުން އަދި މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ.
ރާއްޖޭގައި އެ ކަން ކުރަން ފަށައިފިނަމަ، އެއާޕޯޓް ކުންފުނިތަކުގެ ހަރަދު ކުޑަވެ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ތަމްރީނު ކުރެވިދާނެ ކަމުގެ ވިސްނުމެއްގައި އެ މަސައްކަތް ފެށީ އާރުސީއެލްގެ ކުރީގެ ފަޔާ އެންޑް ރެސްކިއު ޑިރެކްޓަރު އަލްމަރުހޫމް އަހުމަދު ފަޔާޒް އެވެ.
ހއ. ހޯރަފުށި އެއާޕޯޓްގައި ރޭ އިފުތިތާހުކުރީ ރާއްޖޭގެ ފުރަތަމަ ފަޔާ ސިމިއުލޭޓާ ހިމެނޭ އޭވިއޭޝަން އެކަޑަމީ އެވެ. އާރުސީއެލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އަދި ހޯރަފުށި ރައްޔިތުންގެ އެހީތެރިކަމާ އެކުގަ އެވެ.

ހއ. ހޯރަފުށި އެއާޕޯޓްގައި ފަޔާ ސްޓިމިއުލޭޓަރު އިފްތިތާހް ކުރަނީ - ފޮޓޯ: އާރުސީއެލް
"އަޅުގަނޑު ފަޔާއަށް އެންގިން، މީހުންގެ ސަޕޯޓް ލިބޭނެ ރަށެއް ބަލަން، ފަޔާ ދެން ބަލާފައި އެއް ދުވަހު މި ބުނަނީ، ހޯރަފުށިންނޭ ތި ކަން ވާން އޮތީ، ބިމުގެ ޖާގަ ވެސް އޮތީ މި ތާނގައޭ، މީހުންގެ އެހީތެރިކަން އެންމެ ބޮޑަށް ލިބޭނީ ވެސް މި ރަށުންނޭ،" އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ކިޔައިދެއްވި އެވެ.
އާރުއޭސީއެލްއަކީ އަދި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮތަސް އަދި ވަރަށް ޅަ ކުންފުންޏެކެވެ. އެ ވަރުގެ މަސައްކަތަކަށް ތަނަވަސް ބަޖެޓެއް ނެތެވެ. އެހެންވެ ރަށު ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ލިބޭ ރަށެއްގައި އެ ކަން ކުރަން މުހިންމުވީ އެވެ.
ހޯރަފުއްޓަކީ އެ ރަށެވެ. އެ ރަށު ރައްޔިތުން ހީވާއްގެވެ. އެހީތެރިކަން ލިބުނެވެ. ކާމިޔާބުކަމާއެކު ނިންމައިލެވުނީ، ހޯރަފުށި ރައްޔިތުން ތަރައްގީއަށް ކުރާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. ފަޔާ ސްޓިމިއުލޭޓާއިން ލިބޭނެ ފައިދާގެ ބޮޑު މަންޒަރު ހޯރަފުށި ރައްޔިތުންނަށް މާ ސާފުކޮށް ކުރަހައިލެވުނެވެ.
"މީގެ ބިގް ބިކްޗާ މި ރަށު ރައްޔިތުންނަށް އެބަ ފެނޭ، ރަށު ތެރެއިން ހަމަ އާދޭ، ވެލްޑިން ކަމެއް ކޮށްދޭން ވެސް، ކޮންކްރީޓް މަސައްކަތްތައް ވެސް އެބަ ކޮށްލަދޭ، ރަށު ގިނަ ބަޔަކު އެހީވެދިން، އެމްޓީސީސީ ފެނަކަ ކައުންސިލްގެ މުވައްޒަފުން ވެސް އުޅުނު،" ރިޒްވީ އިތުރަށް ކިޔައިދެއްވި އެވެ.

ހޯރަފުށި އެއާޕޯޓްގައި ފަޔާ ސްޓިމިއުލޭޓާ ބޭނުންކޮށް ފަޔާ ޑްރިލްއެއް ދައްކާލަނީ - ފޮޓޯ: އާރުސީއެލް
ފަޔާ ސިމިއުލޭޓާއަށް ތައްޔާރުކުރާ މަތިންދާބޯޓު ބިނާކުރަން އެއާޕޯޓްގެ ފަންނީ މުވައްޒަފުންނާއެކު ހޯރަފުށި އެކިއެކި ފަންނީ މީހުން ވެސް މަސައްކަތް ކުރި އެވެ. އަސްލު މަތިންދާބޯޓަކާ ވައްތަރުކޮށް ފެންނަ އެ ބޯޓަކީ، އެތައް އަލިފާން ރޯކޮށް ނިއްވާލުމަށް ފަހު ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓެކެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި، ފަޔާ ސިމިއުލޭޓާއަށް ބޭނުންވާ އެ ބޯޓާއި އެކަޑަމީގެ ހުރިހާ މަސައްކަތްތަކަށް ގާތްގަނޑަކަށް ދޮޅު މިލިއަން ރުފިޔާ ހަރަދުވި އެވެ. ރަށެއްގެ ރައްޔިތުންގެ އެހީތެރިކަން ނުހޯދައި، ބަޔަކާ ހަވާލުކޮށްގެން ކުރަން އުޅުނު ނަމަ އެ ވަރުގެ ކުޑަ ހަރަދެއްގައި އެ ކަން ނުވީސް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ މީތި އިއުލާން ވެސް ކޮށްލީމޭ، މީތި ބަޔަކު ހަދައިދޭން، އައިސް ހުރި ކޯޓޭޝަންތައް އުޅޭ ހަތަރު މިލިއަން، ފަސް މިލިއަން ރުފިޔާގައި، އަޅުގަނޑުމެން ދެން ނިންމީ ރަށެއްގެ ސަޕޯޓް ވެސް ލިބެންޏާ އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު އަމިއްލައަށޭ ކުރާނީ،" ރިޒުވީ ވިދާޅުވި އެވެ.
"މިއީ ހަމަ ވަރަށް ރަނގަޅު ސްޓޯރީއެއް (ވާހަކައެއް) ތިޔަ ބޭފުޅުން (ނޫސްވެރިން) ލިޔެލަން،" ހޯރަފުށި ރައްޔިތުންގެ ހިތްހެޔޮކަމާއި އެހީތެރިކަމާއެކު ފަޔާ ސިމިއުލޭޓާގެ މަސައްކަތް ނިންމައިލެވުމުން، ވަރަށް ހިތްހަމަޖެހި ހުރެ ރިޒުވީ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓްގައި ތައްޔާރުކޮށްފައިވާ ފަޔާ ސްޓްމިއުލޭޓާގެ މަތިންދާބޯޓު - ފޮޓޯ: އާރުސީއެލް
މަތިންދާބޯޓުތައް އޮޕަރޭޓް ކުރުމުގައި އެންމެ މުހިންމު އެއް މަަސައްކަތަށް މީހުން ތަމްރީން ކުރަން ކުރިން މީހަކަށް 12،000 އެއްހާ ޑޮލަރު ހޭދަވާއިރު، ދެން އެ އަދަދު ހުންނާނީ 2،000 އެއްހާ ޑޮލަރުގައި ކަމަށް ރިޒުވީ ވިދާޅުވި އެވެ. އެހެންވެ މިއީ މުޅި އިންޑަސްޓްރީއަށް ވެސް ބޮޑު ކާމިޔާބީ އެކެވެ.
ފަޔާ ސިމިއުލޭޓާ މެދުވެރިކޮށް އަލިފާނު ނިއްވުމުގެ ތަމްރީންތައް މިހާރު ވެސް ހޯރަފުށި އެއާޕޯޓުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. އެއް މަހުގެ ބޭސިކް ކޯހުގައި އުޅޭ ބައެއް މުވައްޒަފުން ރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި އޭގެ ޑްރިލްއެއް ވެސް ދައްކައިލި އެވެ.

ހޯރަފުށި އެއާޕޯޓްގައި ފަޔާ ސްޓެމިއުލޭޓާ ބޭނުންކޮށް ފަޔާ ޑްރިލްއެއް ދައްކާލަނީ - ފޮޓޯ: އާރުސީއެލް
23 ދަރިވަރުންނާއެކު އެ ކޯސް ކުރިއަށްދާއިރު، މި ދާއިރާއިން ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރުދުންނަށް ކުރިއަށް އޮތް ތަނުގައި އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަ ފައިޓިން (އޭއާރުއެފްއެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިން (އީއެމްޓީ) ތަމްރީނުތައް ފެށިގެން ދާނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.
"މިއީ އަސްލު ވަރަށް ކުރީއްސުރެން ކުރަމުން އައި މަސައްކަތެއް، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މި ކަން ކާމިޔާބުވީމަ، މީގެ ހަރަދު ދަށްވީމަ ދެން ވަރަށް ގިނަ މީހުން މި ދާއިރާއަށް ތަމްރީން ވެގެންދާނެ،" ފުރަތަމަ ބެޗުގެ ދަރިވަރެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓްގައި މަސައްކަތް ކުރާ އަޝްރަފް މުހައްމަދު ބުންޏެވެ.
މި މަސައްކަތުގެ ބާނީ ކަމަށްވާ އާރުއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު ޑިރެކްޓަރު ފަޔާޒް ނިޔާވީ މިދިޔަ އަހަރުގެ ތެރޭގައި ހޯރަފުށީގައި ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިގެނެވެ. ފުރަތަމަ ފަޔާ ސިމިއުލޭޓާ، ފަޔާޒްގެ ނަމުން ނަން ދިނުމަށް ނިންމާފައިވެ އެވެ. އެއީ "އަހްމަދު ފަޔާޒް ފަޔާ ސިމިއުލޭޓާ" އެވެ.










