ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި އާ ވޮލީބޯޅަ ކޯޓުތަކެއް އަޅައި، ވޮލީބޯޅަ އަށް އާ ކުޅުންތެރިންތަކެއް ނެރެދިނުމުގެ ބޭނުމުގައި ވޮލީބޯޅަ ކޭމްޕެއް ފަށައިފި އެވެ.
ހުޅުމާލެ ހުރަވީ ސްކޫލްގައި ކައިރީގައި އޮންނަ ބިމެއްގައި އެޗްޑީސީގެ ފަރާތުން ގާއިމްކުރި ވޮލީބޯޅަ ކޯޓުތައް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "މައިހުޅުމާލެ ވޮލީ ބޯލް ކޭމްޕް 2022" އިފްތިތާހްކޮށްދެއްވީ އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބްދުލް ރަހްމާން އެވެ.
އެޗްޑީސީން ބުނީ މި ކޭމްޕަކީ، މާލެ ސަރަހައްދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން ވޮލީބޯޅައިގެ "ބޯލް ބޭސިކް ސްކިލްސް"ގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީ އަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެއް ކަމަށެވެ.

ހުޅުމާލޭގައި އާ ވޮލީބޯޅަ ކޯޓުތައް ހުޅުވުމާއި މައިހުޅުމާލެ ވޮލީބޯލް ކޭމްޕް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެޗްޑީސީ
މީގެ ކުރިން ވެސް އެޗްޑީސީން ވޮލީބޯޅަ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އަހަރު ބޭސިކް ސްކިލްސް ދަސްކޮށްދިން ކުދިންނަށް އިތުރު ތަމްރީން ދިނުމަށް މި ފަހަރު އެޑްވާންސް ސްކިލްސް ދަސްކޮށްދެވޭނެ އެވެ. މި ކޭމްޕްގައި ކުދިންނަށް ދަސްކޮށްދޭން ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ވޮލީބޯޅައިގައި ފުންނާބު އުސް ފަރާތްތައް ހިމެނެ އެވެ.
މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10-16 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 100 އަށް ވުރެން ގިނަ ކުދިން ހިމަނައިގެންނެވެ. އަދި މި ކޭމްޕް ކުރިއަށް ގެންދެވޭނީ ފެސްޓިވަލެއްގެ ގޮތުގައި 20 އޮގަސްޓް އިން ފެށިގެންނެވެ.
އެޗްޑީސީން ރާވާފައި އޮތީ މި ކޭމްޕް ނިންމާއިރު، ބައިވެރިވާ ކުދިންގެ މެދުގައި އެއް ދުވަހުގެ މުބާރާތެއް ކުޅުމަށް ފަހު އެވެ. އެއީ އުނގަނައިދެވުނު ބައި، ވާދަވެރި މާހައުލެއްގައި ކުޅުންތެރިން ބޭނުންހިފަނީ ކިހާ މިންވަރަކަށްތޯ ވަޒަންކޮށްލުމުގެ ބޭނުމުގަ އެެވެ.

މައިހުޅުމާލެ ވޮލީބޯލް ކޭމްޕްގައި ބައިވެރިވި ކުދިންނަށް ކިޔައިދެނީ.--- ފޮޓޯ: އެޗްޑީސީ
މައިހުޅުމާލެ ވޮލީބޯލް ކޭމްޕް 2022 ކުރިއަށްދަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް (އެމްވީވީ) އަދި ޕޮލިސް ކްލަބާ ގުޅިގެންނެވެ.
މި ހަރަކާތްތަކުގެ އެންމެ އިސް ހަރަކާތްތެރިއެއްގެ ގޮތުގައި ފެންނަނީ ވީއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އޭނާ އަކީ އެޗްޑީސީގެ ވެސް މުވައްޒަފެކެވެ.
އެޗްޑީސީން މީގެ ކުރިން ވަނީ ޕާކްވޮލީ މުބާރާތްތަކެއް ވެސް ބާއްވައިފަ އެވެ. ފޯރިގަދަކޮށް ކުރިއަށްދިޔަ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.
މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ވިސްނައި، އެޗްޑީސީން އޮތީ ވޮލީބޯޅައިގެ އިތުރުން އެހެން ކުޅިވަރުތައް ވެސް ހުޅުމާލޭގައި ކުރިއަށް ގެންދިއުމުގެ ވިސްނުމާ އެކު އެވެ. އެހެން ފަރާތްތަކުގެ ބައިވެރިވުމާ އެކު ހުޅުމާލޭގައި އެޗްޑީސީއާ ގުޅިގެން މުބާރާތްތަކާއި ކޭމްޕްތައް ބޭއްވުމަށް އެ ކުންފުނިން މަރުހަބާ ކިޔަން އޮތީ ތައްޔާރަށެވެ.











